ރައީސް ޔާމީންގެ ޝަރީޢަތާއި ގުޅޭގޮތުން ލީކުވެފައިވާ އޯޑިއޯގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ (241) ކޮމިޓީއަށާއި، ހިއުމަން ރައިޓްސް ކޮމިޓީއަށް އިދިކޮޅުން ހުށައަޅައިފިއެވެ.
ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަޙްމަދު ސަލީމް ސޮއިކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އެޑްރެސްކުރައްވާ ހުށައެޅުއްވި މައްސަލާގައި ވަނީ،
ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ކުރި ޝަރީޢަތަށް ނުފޫޒު ފޯރުވުމުގެ ގޮތުން، ޙުކުމްކުރި ބެންޗުގައި ތިބި ބައެއް ފަނޑިޔާރުންނަށް ރިޝްވަތު ދީ، ބިރުދައްކާފައިވާކަން އެނގޭ އޯޑިއޯތަކެއް ލީކުވެފައިވާކަމަށެވެ. އެއޯޑިއޯތަކުގައި، ރައީސް ޔާމީނަށް ޙުކުމްކުރި ފަނޑިޔާރަކަށް ލިބޭނެކަމަށް ކުރިން އަންގާފައިވާ މަގާމުގެ ކުރިއެރުން މިހާރު ލިބިފައިވާކަމަށާއި، ބެންޗުގައި ދެން އިންނެވި ފަނޑިޔާރަކަށް ލިބޭނެކަމަށް ބުނެފައިވާ މަޤާމުގެ ކުރިއެރުން ލިބިފައި ނުވާކަމުގެ ޝަކުވާއާއި އެ ފަނޑިޔާރު ރައީސް ޔާމީނަށް ނުޙައްޤު ހުކުމްކުރި ބެންޗުގައި އިންނެވީ އުކުމުގައިވާ އެއްޗެއް ނޭނގޭ ޙާލުގައި ވެސް ސަރުކާރުން އަންގާފައިވާތީކަން ސާފުކޮށް ބުނެފައިވާކަން ވަނީ ބަޔާންކޮށްފައެވެ.
ރައީސް ޔާމީނަށް ނުޙައްޤުން ހުކުމް ކުރުވުމުގައި ރިޝްވަތު ދިނުމާއި ބިރުދެއްކުމާއި މަޖުބޫރުކުރުންތަކެއް ފަނޑިޔާރުންނަށް ކުރިމަތިވެފައިވާކަން ސާފުވާކަމަށްވެސް 241 ކޮމިޓީއަސް ހުށައެޅި މައްސަލާގައިވެއެވެ.
ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) ގައި ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ޝަރީޢަތްތައް ހިންގަންވާނީ އަދުލުވެރިކަމާއެކު، ވަކިފަރާތަކަށް ނުޖެހި، ހާމަކަމާއެކުގައި ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) ގައި އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ޙަވާލުވެހުރި މީހަކު ކަމުގައި ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި، ނުފޫޒު ފޯރުވައިގެން ނުވާނެކަމަށް ބުނެފައިވެއެވެ. އެހެންކަމަށްވާއިރު، ލީކުވެފައިވާ އޯޑިއޯގައި އެ ވާހަކަތައް ދައްކާފައިވާއިރު، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއި 141 ވަނަ މާއްދާގެ (ނ) އާ ބަޔަކު ޚިލާފުވައިވާކަމާއި އަދި ޤާނޫނު ނަންބަރު 2/2000 ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 14 ވަނަ މާއްދާގެ (ހ) އާއި ފަނޑިޔާރުންގެ ޤާނޫނާ ޚިލާފުވެފައިވާކަން އެނގެއެވެ.
– އިދިކޮޅުގެ މައްސަލާގައިވެއެވެ.
RY ah nuhaqqu, faasiqu hukum kurumah sarukaarun nufoozu foaruvai, fandiyaarunnah rishwathu dhee biru dhekki massala majlis in balainugathumun, leak vefaivaa audio aai gulhigen e massala ballavaidhevvumah majleehuge 241, human rights adhi judiciary committee ah hushahalhaifin. pic.twitter.com/ucGU0uqQec
— Adam Shareef Umar (@Adamshareefz) August 31, 2021
އެހެންކަމުން ރައީސް ޔާމީންގެ ޝަރީޢަތަށް ނުފޫޒު ފޯރުވައި، ފަނޑިޔާރުންނަށް ރިޝްވަތުދީ، ބިރުދައްކާފައިވާކަމަށް އޯޑިއޯގައި ބުނެފައިވާތީ، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލައިދިނުން އެދޭކަމަށް ބުނެފައިވެއެވެ.
ޢާންމުވެފައިވާ އޯޑިއޯގައި ރަހުމަތްތެރިޔަކާއިއެކު ގާޒީ ހުސެއިން ފާއިޒް ދެއްކެވި ވާހަކަފުޅު ޤާޟީ ވަނީ ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ އޭނާ އަށް ބިރުދެއްކުމުންކަމަށެވެ. ބިރު ދެއްކުމުން އޮތީ ދެގޮތެއް ކަމަށާއި އެއްގޮތަކީ ބިރާއި ދެކޮޅު ހެދުންކަމަށާއި އަނެއް ގޮތަކީ ބިރާއި އެއްކޮޅަށް ހުކުމް ކުރުން ކަމަށް ހުސެއިން ފާއިޒް ވިދާޅުވެފައިވެއެވެ.
ކުރިމަތިވި ހާލަތުގައި ޔާމީންގެ މަސްލަހަތު ހިމާޔަތް ކުރެވޭނީ ޔާމީންގެ މައްޗަށް ޖަލު ހުކުމެއް ކޮށްގެން ކަމަށް ހުސެއިން ފާއިޒް ވިދާޅުވިއެވެ. އެއީ ހުކުމް ނުކޮށްފިނަމަ ޔާމީނަށް އެއަށްވުރެ ބޮޑު ގެއްލުމެއް ލިބިދާނެތީ ކަމަށްވެސް ހުސެއިން ފާއިޒް ވިދާޅުވެފައިވެއެވެ.
މިފަދައިން ފާއިޒް ވިދާޅުވެފައިވާއިރު، ރައީސް ޔާމިންގެ މައްޗަށް ކްރިމިނަލް ކޯޓުން ޙުކުމްކުރަން ތަޢާވަލުކޮށްފައިވަނިކޮށް އެމައްސަލަ ފުރަތަމަ ބެއްލެވި އެކޯޓްގެ ކުރީގެ އިސް ޤާޟީ އަޙްމަދު ޙައިލަމް ސަސްޕެންޑްކުރުމަށްފަހު ދެން ބެއްލެވީ ފަސް ގާޒީންގެ ބެންޗަކުންނެވެ. އެބެންޗްގައި ތިއްބެވީ ގާޒީ އަލީ ރަޝީދު ހުސެއިނާއި، ގާޒީ އަހުމަދު ޝަކީލާއި ގާޒީ މުހައްމަދު ސަމީރާއި ގާޒީ އަލީ އާދަމް އަދި ގާޒީ ހުސެއިން ފާއިޒް ރަޝާދެވެ.