ޔުވެންޓަސްގެ އިތުބާރު ފޯވާޑު، ކްރިސްޓިއާނޯ ރޮނާލްޑޯ މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.
ޔުނައިޓެޑަށް ރޮނާލްޑޯ އެނބުރި ގޮސްފައިމިވަނީ 12 އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ. ރެއާލް މެޑްރިޑަށް ސޮއިކުރުމަށް 2009 ގައި ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށްލީ އޭރުގެ ޓްރާންސްފާ ރެކޯޑް ފީއެއް ކަމަށްވާ 90 މިލިއަން ޑޮލަރަށެވެ.
ކުރިޔަށް އޮތް ވަގުތުތަކުގެ ތެރޭގައި ރޮނާލްޑޯގެ މެޑިކަލް ޓެސްޓުތައް ހެދުމާއި ކޮންޓްރެކްޓްގައި ސޮއިކުރުމުގެ ކަންކަން ކުރިއަށް ގެންދާނެއެވެ. މީގެ ކުރިން އުމުރުން 36 އަހަރުގެ ފޯވާޑް ހޯދުމަށް މެންޗެސްޓާ ސިޓީންވެސް ވަނީ މަސައްކަތް ކޮށްފައެވެ. އަދި ރޮނާލްޑޯ ބަދަލުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނީވެސް ސިޓީއާއެވެ. އެކަމަކު ސިޓީގެ ވިސްނުން ހުރީ ރޮނާލްޑޯއަށް ދެ އަހަރުގެ ކޮންޓްރެކެޓެއް ދިނުމަށެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯ ޕްރިމިއާ ލީގަށް އަލުން ގެންނަން އެންމެ ފުރަތަމަ މަސައްކަތް ކުރީ ސިޓީންނެވެ. އެ ކްލަބުން ރޮނާލްޑޯގެ ޓްރާންސްފާއާ މެދު ވިސްނަން ފެށީ އެ ކްލަބުން ޓާގެޓް ކުރި ހޭރީ ކޭން ގެނެވެން ނެތުމުންނެވެ. ޓޮޓެންހަމް ހޮޓްސްޕާސްގެ ފޯވަޑް ވަނީ މި ސީޒަންގައި އެ ކްލަބުގައި މަޑުކުރަން ނިންމައިފައެވެ.
މީގެ ކުރިން 2003 ވަނަ އަހަރު ޔުނައިޓެޑުން ރޮނާލްޑޯގެ ސޮއި ހޯދީ ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން އޭނާއަށް ފާރަލަމުން ދަނިކޮށެވެ. ޔުނައިޓެޑަށް ރޮނާލްޑޯ ކުޅެދިން ހަ އަހަރުގެ ތެރޭ ރޮނާލްޑޯ ވަނީ އެ ޓީމާއެކު ހަ ތަށި ކާމިޔާބުކޮށްފައެވެ. އަދި އެޓީމަށް ކުޅެދިން 292 މެޗުގައި 118 ލަނޑު ވަނީ ޖަހައިފައެވެ، އަދި އެ ޓީމުގައި ހުރެ ފީފާއިން ދޭ ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑް ވަނީ ކާމިޔާބު ކޮށްފައެވެ.