މެންބަރުންނަށް އިތުރު ޢިނާޔަތްތައް ދޭންވާނީ ޕަރޕޯމަންސަށް ބެލުމަށް ފަހު: ޑރ.އިޔާޒް

މެންބަރުންނަށް އިތުރު ޢިނާޔަތްތައް ދޭންވާނީ ޕަރޕޯމަންސަށް ބެލުމަށް ފަހު: ޑރ.އިޔާޒް

Author
މުޙައްމަދު ޖިމީ
27 އޮގަސްޓް 2021 10:24
0

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދިރިއުޅޭ ގެއާ އެންމެ ކައިރި ހިސާބެއްގައި އެ ބޭފުޅުންގެ ވެހިކަލްތައް ޕާކުކުރެވޭނެ ގޮތް ހަދައިދޭން މަޖިލީހަށް ހުށައެޅި ހުށައެޅުމަށް ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ފާޑުވިދާލުވެއްޖެއެވެ.

މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކީ ކޮމިޓީގެ ބައްދަލުވުމުގައި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވަނީ،  މާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ މެމްބަރުންގެ ތެރެއިން ކާރު ގެންގުޅުއްވާ މެމްބަރުންނަށް ޕާކިން ސްލޮޓް ހަމަޖައްސައި ދިނުމަށް އެދިވަޑައިގެންފައެވެ.

މިކަމަށް އިޝާރާތްކުރައްވާ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޟް ވިދާޅުވީ، އިތުރު ޢިނާޔަތްތައް ދޭންވާނީ ޕަރޕޯމަންސަށް ބެލުމަށް ފަހުކަމަށެވެ. ގިނަ މެމްބަރުންނަކީ ހޮވުމަށްފަހު ދާއިރާގެ ރަޢްޔިތުންނާއި ގުޅުމެއް އޮންނަ ބަޔެއް ނޫންކަމަށްވެސް ޑރ.އިޔާޟް ވިދާޅުވިއެވެ.

މަޖިލީހުގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ރާޢީ ވިދާޅުވެފައިވަނީ، ވާރޭ ވެހޭ ދުވަސްދުވަހު މަޖިލީހުގެ މެމްބަރުން މަޖިލީހަށް ވަޑައިގަންނަވަން ޖެހޭ ކަމަށާއި، އަމިއްލަ ކާރު އޮވެ ބޭނުން ނުކުރެވޭ ހާލަތުގައި އޮންނަ އިރު ބައެއް ފަހަރު ކާރެއް ނުލިބިގެން ގަޑިވެސް ޖެހޭކަމަށެވެ. ނުގަވައިދުންވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާކް ކުރާކަމަށާއި،. އޭގެ ބަދަލުގައި ރަނގަޅު ގޮތަކަށް އުސޫލުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން އެ ބޭފުޅުން ދަތުރުކޮށް އަދި މަޖިލީހަށް އަންނަން ވެސް ޖެހޭކަމަށްވެސް މެންބަރު ރާޢީ ވިދާޅުވިއެވެ.

ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިންނަށް ޕާކިން ސްލޮޓް ހަމަޖައްސައިދީފައިވާ ކަމަށާއި އެހެންކަމުން މެމްބަރުންނަށް ވެސް އެ އިމްތިޔާޒްތައް ހަމަޖައްސައި ދިނުމަކީ ރައްޔިތުން ކަންބޮޑުވާނެ ކަމެއް ނޫންކަމަށްވެސް ރާޢީ ވިދާޅުވިއެވެ. ރާއީގެ މިހުށައެޅުމާއެކު ރާއީ މަޖިލީހުގެ މެންބަރުން ދިރިއުޅުއްވާ ގެއާ އެންމެ ކައިރިން ޕާކިން ސްލޮޓްތައް ހަމަޖަސން މަޖިލީހުގެ އިމްތިޔާޒް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މުލައް ދަނޑި
މިކަލޭގެ ނުބެހޭ އެއްކަމެއްވެސް ހަމަނެތީތޯ