ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ބޮޑުކުރުމުގެ މަޝްރޫޢުގެ %67 ނިންމާލައިފި

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ބޮޑުކުރުމުގެ މަޝްރޫޢުގެ %67 ނިންމާލައިފި

ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ބޮޑުކޮށް މަރާމާތު ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 67 ޕަސެންޓް ނިންމާލައިފިއެވެ.

އެމްޓީސީސީއާއި ހަވާލުކޯށްގެން ކުރިއަށްގެންދާ މި މަޝްރޫއާއި ގުޅޭގޮތުން އެކުންފުނިން ބުނީ، މި މަޝްރޫޢުގެ ދަށުން، ޢިމާރާތްކުރި އައު ޢިމާރާތުގަ ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.  އަދި ހިނގާ ސަރަޙައްދުގެ މަސައްކަތްތަކުގެ 75 ޕަސެންޓްވެސް ނިމިފައިވާކަމަށް އެމްޓީސީސީން ބުންޏެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އަލަށް އަޅާ އިމާރާތާއެކު އެހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ވަރަށްބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އެ ހޮސްޕިޓަލުން ބުނެފައިވަނީ، އައު އެއިމާރާތް ކުރިން ހަދަން ނިންމާފައި އޮތީ ކޮންމެ ފަންގިފިލާއެެއްގައި 15 އެނދު ހިމެނޭ ގޮތަށް ދެ ފަންގިފިލާއަށްކަމަށެވެ. އެހެންނަމަވެސް ފަހުން ވަނީ 1 ފަންގިފިލާ އިތުރުކޮށް އެތަނުގައި 6 އެނދުގެ އައިސީޔޫއެއް ހަދާގޮތަށް ނިންމާފައެވެ.

6 އެނދުގެ އައިސީޔޫއާއެކު އައިސޮލޭޝަން ކިއުބިކަލްއަކާއި ބޭނުންވާ ހުރިހާ ވަސީލަތާއި އެކަށީގެންވާ ޖާގަޔާއެކު ފުރިހަމަ އައިސީޔޫއެއް ލިބިގެންދާނެކަމަށް މެނޭޖަރ ވިދާޅުވިއެވެ. މީގެއިތުރުން މިހާރު މެދުކަނޑާލެވިފައިވާ ބައެއް ބޮޑެތި އޮޕަރޭޝަންތައްވެސް މި އިމާރާތް ނިމި ޖާގައިގެ މައްސަލަ ހައްލުވުމުން އަލުން ފެށިގެންދާނެކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވެއެވެ. 

މި މަޝްރޫޢުގެ ތެރޭގައި ލެބޯރެޓަރީގެ މަރާމާތުކުރުމުގެ މަސައްކަތާއި ވާރޑް އައިސީޔޫއާއެކު ވާރޑް އިމާރާތް އެޅުމުގެ އިތުރުން އޯ.ޕީ.ޑީ ސަރަޙައްދު މަރާމާތު ކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ބޭނުންކުރަމުންދާ 3 އިމާރާތް ކަމުގައިވާ ހޮސްޕިޓަލް އިމާރާތާއި އޮފީސް އިމާރާތާއި އުފަން ހިޔާ އިމާރާތް ވޯރކް ވޭއަކުން ގުޅާލުމަށް ހަމަޖެހިފައިވާކަމަށް ހޮސްޕިޓަލްގެ މެނޭޖަރ ވިދާޅުވެފައިވެއެވެ.

30.3 މިލިއަން ރުފިޔާގެ މިމަޝްރޫއުގެ މަސައްކަތް އޮގަސްޓް މަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭކަމަށް އެމްޓީސީސީން ކުރިން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *