ފްރެންޗް ލީގުގައި ކުޅުނު ފުރަތަމަ މެޗުން އަލަށް ޕްރޮމޯޓުވި ޓުއާ އަތުން ހަނި ގޮތަކަށް ޕީއެސްޖީ މޮޅުވެއްޖެއެވެ.
މި މެޗުން ޕީއެސްޖީ މޮޅުވީ ފަހަތުން އަރައި 2-1 ގެ ނަތީޖާ އަކުންނެވެ. ޓުއާގެ ދަނޑުގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ނުވަ ވަނަ މިނެޓުގައި ޑިލާން ޝޯމްބޯސްޓް ނަގައިދިން ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވާލިދު އެލް ހަޖަމްއެވެ. އެކަމަކު އޭގެ 10 މިނެޓު ފަހުން ޕީއެސްޖީން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.
އަންޑަ ހެރޭރާ ދިން ބޯޅަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޝްރަފް ހަކީމްއެވެ. މިއީ ޕީއެސްޖީއަށް ބަދަލުވި ހަކީމީ ފްރެންޗް ލީގުގައި ކުޅުނު ފުރަތަމަ މެޗެއެވެ. މެޗުގައި ޕީއެސްޖީން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއިރު، މެޗުގެ 21 ވަނަ މިނެޓުގައި ޕީއެސްޖީން ވަނީ ފަހަތުން އަރައި އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ.
އޭރިއާ ތެރެއިން ކީލިއަން އެމްބާޕޭ ދިން ޕާހަކުން މި ލަނޑު ޕީއެސްޖީއަށް ކާމިޔާބުކޮށްދިނީ މައުރޯ އިކާޑީއެވެ. ލީގުގައި ދެން އަމިއްލަ ދަނޑުގައި ޕީއެސްޖީ ނުކުންނާނީ ސްޓްރަސްބޯގާ ދެކޮޅަށެވެ.