މަޝްހޫރު އެމޭޒަން ކުންފުނީގެ ސީއީއޯ، ޖެފް ބެޒޮސްއަށް ދުނިޔޭގެ އެންމެ މުއްސަދި މީހާގެ މަގާމް މިވަގުތަށް ގެއްލިއްޖެއެވެ.
އެންމެ މުއްސަދި މީހާގެ މަގާމް ޖެފް ބެޒޮސްއަށް ގެއްލުނީ، އޭނާގެ ކުންފުނީގެ ހިއްސާގެ އަގު ފާއިތުވެދިޔަ ހަފްތާގައި ހިއްސާގެ ބާޒާރުގައި %7 ވެއްޓިގެން ދިއުމާ ގުޅިގެންނެވެ.
marketwatch.com އިން ހާމަ ކޮށްފައިވާ ގޮތުގައި، އެމޭޒަން ކުންފުނީގެ ހިއްސާގެ އަގު ދަށްވެގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން، ބެޒޮސްގެ މިލްކިއްޔާތަށް 13.9 ބިލިއަން އެމެރިކާ ޑޮލަރުގެ ދަށްވުމެއް ވަނީ އައިސްފައެވެ.
ދުނިޔޭޣެ އެންމެ މުއްސަދި މީހާގެ މަގާމް ޖެފް ބެޒޮސްއަށް ގެއްލިގެން ދިއުމާއެކު، މިގާމަށް އައިސްފައިވަނީ ފްރާންސްގެ މަޝްހޫރު ވިޔަފާރި ވެރިޔާ ބެނާރޑް އާނޯލްޓް އެވެ.
ކޯވިޑް19 ކާރިސާގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތި ވެގެން ދިޔަނަމަވެސް، އާނޯލްޓްގެ ބައިތުލްމާލަށް 2020 ވަނަ އަހަރު 100 ބިލިއަން އެމެރިކާ ޑޮލަރުގެ ކުރިއެރުމެއް އައިސްފައި ވެއެވެ.
މިގޮތުން މިހަފްތާގެ ހޯމަ ދުވަހާ ހަމަށް އާނޯލްޓްގެ ބައިތުލްމާލުގައި 195.8 ބިލިއަން އެމެރިކާ ޑޮލަރު ހުރިއިރު، އެ ދުވަހާ ހަމަޔަށް ބެޒޮސްގެ ބައިތުލްމާލުގައި ހުރި ފައިސާގެ އަދަދަކީ 192.6 ބިލިއަން އެމެރިކާ ޑޮލަރެވެ.
ފާއިތުވެދިޔަ އަހަރުގައި، ދުނިޔޭގައި ފެތުރިގެން ދިޔަ ކޯވިޑް ކާރިސާގެ ސަބަބުން ގައުމުތައް ލޮކްޑައުން ކުރުމުގެ ނަތީޖާއެއްގެ ގޮތުން، ބެޒޮސްވަނީ، 200 ބިލިއަން އެމެރިކާ ޑޮލަރު އެމޭޒަންގެ ބައިތުލްމާލަށް އިތުރުކޮށް ތާރީޚުގެ ތެރެއަށް ވެދެވަޑައިގެންފައެވެ.
މީހުން ޝޮޕިންގ މޯލްތަކަށާއި އަދި ފިހާރަތަކަށް ގޮސް ވިޔަފާރި ކުރުމަށް ކުރިމަތިވެގެންދިޔަ ބޮޑެތި ދަތިތަކާ ހުރެ، ފާއިތުވެދިޔަ އަހަރު މުޅި ދުނިޔޭގައިވެސް ވަނީ އޮންލައިން ވިޔަފާރިއަށް ބޮޑެތި ކުރިއެރުންތަކެއް އައިސްފައެވެ.
އަމިއްލަ ވިޔަފާރިއަށް އައި ބޮޑު ކުރިއެރުމާއެކު، ބެޒޮސްވަނީ އޭނާގެ ބައިތުލްމާލުގެ ބައެއް، ޖައްވީ ކަންކަމަށް ޚާއްސަކޮށްގެން އޭނާ އުފައްދާފައިވަ ކުންފުނި ބުލޫ އޮރިޖިންއަށް ޚާއްސަކޮށް، އަދި ފާއިތުވު ޖުލައިމަހު، ދުނިޔެއިން ޖައްވަށް ދަތުރުވެސް ކޮށްފައެވެ.
މިހާރު ދުނިޔޭގައި 2,755 ބިލިއަނަރުން ތިބިއިރު، މީގެ ތެރެއިން %86 މީހުންނަކީ މީގެ އެއްއަހަރު ކުރިޔަށްވުރެ މިހާރު މުއްސަދިކަން އިތުރު ވެފައިވާ މީހުންނެވެ.