މިސްރުގެ ދެމަފިރިއަކަށް، ޔުނައިޓެޑް އަރަބި އެމިރޭޓްސްގައި އެއްފަހަރާ 4 ކުދިން ލިބިެއްޖެއެވެ. އެއްފަހަރާ 4 ކުދިން ދުނިޔޭގައި ކާމިޔާބުކަމާއެކު ވިހާފައިވަނީ މަދު ފަހަރެއްގައެވެ.
ޔޫއެއީގެ ހޮސްޕިޓަލެއްގައި ވިހާފައިވާ 4 ކުދިން (ފިރިހެން ކުދިން) ކަމުގައިވާ އަހުމަދު، އާދަމް، މުހައްމަދު، މާލިކްގެ ބަރުދަނަކީ ވިހޭއިރު 1.6kg އާއި 2kgއާއި ދެމެދުގެ ބަރު މިނެކެވެ. 4 ކުދިންވެސް ދުނިޔެއަށް އުފަން ވެފައިވަނީ މިއަހަރުގެ ޖުލައިމަހުގެ 6 ވަނަ ދުވައެވެ.
މި 4 ކުދިންގެ މަންމައާއި ބައްޕަ، ކޮންސްޓްރަކްޝަން ސުޕަރވައިޒަރއެއް ކަމުގައިވާ އުމަރު، 38، އާއި 33 އަހަރުގެ ހިބާ (އެދުމުގެ މަތިން ނަން ބަދަލު ކޮށްފައި) ވަނީ މި ދެމަފިރިންގެ ދެން ތިބި ދަރިން ކަމުގައިވާ ހަބީބާ، 11، ފަރާ، 6، އަދި ރަހުމާ 4 އާއިއެކު ވިހޭ 4 ކުދިންވެސް މިހާރު ދެކެފައެވެ.
އެމަރޖެންސީކޮށް ސިޒޭރިއަން ހަދައިގެން މިކުދިން ވިއްސި، ޔޫއޭއީގެ ޝާރުޖާހުގައި ހުންނަ NMC ރޯޔަލް ހޮސްޕިޓަލުގެ IVF ކޮންސަލްޓަންޓް އަދި އަންހެނުންގެ ބަލިތަކާބެހޭ ޑޮކްޓަރު ޕްރޮފެސްރ އަހުމަދު އެލްބޮހޮޓީ ވިދާޅުވެފައި ވަނީ: "އެއްފަހަރާ 4 ކުދިންނަށް ބަލިވެ އިން އަންހެނަކު، ބަލިވެ އިންތާ 31 ހަފްތާގައި، އިނީ ވަރަށް ނާޒުކު ހާލަތުގައި. އަހަރެންގެ ބެލުމުގެ ދަށުގައި، އޭނާއަށް ވިހެއުމާ ގުޅޭގޮތުން ދޭންޖެހޭ ހުރިހާ ފަރުވާއެއް ވަނީ ދެވިފައި، އަދި އަހަރެން ވާނީ، ކުދިންނަށާއި އަދި އަންހެން މީހާގެވެސް ސަލާމަތާއި ރައްކާތެރިކަމަށް ރިއާޔަތްކޮށް ވިއްސާ ވަގުތު ލަސްކޮށްފަ."
މި ހޮސްޕިޓަލުގައި މަސައްކަތް ކުރާ ނެނަޓޮލޮގީގެ ސްޕެޝަލިސްޓް ޑޮކްޓަރެއް ކަމުގައިވާ ޑރ. ޕޫޖާ އަގްރަވާލް ވިދާޅުވެފައިވަނީ، އެއްފަހަރާ 4 ކުދިންނަށް ބަލިވެ އިނުމަކީ ވަރަށް މަދުން ނޫނީ ކުރިމަތި ނުވާ ހާލަތެއް ކަމުގައެވެ. އޭނާ ވިދާޅުވެފައިވަނީ، މިހާލަތު ކުރިމަތި ވެފައިވަނީ، ކޮންމެ 700،000 ކޭސްއަކުން 1 ކޭސްއަކަށް ކަމުގައެވެ.
"ވިހެއި ވަގުތު، އެކި ދާއިރާތަކުން ޚާއްސަ 20 ޑޮކްޓަރުންނާއި ނަރުހުން، ކުރިމަތިވެދާނެ ކޮންމެ ހާލަތަކަށް ތައްޔާރަށް ތިބި،" ޑރ. ވިދާޅުވެފައި ވެއެވެ. "އުފަންވި ކުދިންނަށް ނޭވާ ލުމުގައި ކުޑަ އެހީތެރިކަމެއް ބޭނުންވި، އަދި ދެކުދިންނަށް ބުއް ބުއިމުގައި ކުޑަ މައްސަލައެއް ކުރިމަތިވި."
ހިބާ މީގެކުރިން ވިހެއި 3 ކުދިންވެސް ވިހާފައިވަނީ، ސިޒޭރިއަން ހަދައިގެން ކަމުގައިވާތީ، 4 ވަނަ ފަހަރަށް ސިޒޭރިއަން ހެދުމުގައި ނެނެޓޮލޮޖީ، ކްރިޓިކަލް ޖެއަރ އަދި އެނެސްތީސިއާ ޓީމުގެ އެހީތެރިކަން ހޯދާފައި ވެއެވެ.
މި ކުދިންގެ ބައްޕަ، އުމަރު ވަނީ، ހުރިހާކުދިންވެސް ދުނިޔެއަށް އުފަންވުމުގައި NMC ރޯޔަލް ހޮސްޕިޓަލުގެ މެނޭޖްމަންޓާއި އަދި ޑޮކްޓަރުންގެ ފަރާތުން ލިބިގެންދިޔަ އެހީތެރިކަމަށް ނިހާޔަތަށް ޝުކުރު އަދާ ކޮށްފައެވެ.