ދިނީ ޢިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް އަބްދުއްލަތީފް މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގައި އަދާކުރަމުންދިޔަ ވަޒީފާއަށް އިތުރު މުވައްޒިފަކު ނުނެގުމަށް ވަޒީފާއާއި ބެހޭ ޓްރެބިއުނަލުން އަމުރުކޮށްފިއެވެ.
ޑރ.އިޔާޒު މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގައި އަދާކުރަމުންދިޔައީ އެސިސްޓެންޓް ޕްރޮފެސަރުގެ މަޤާމެވެ. ޤައުމީ ޔުނިވާސިޓީގެ ވަޒީފާއިން ކުއްލި ގޮތަކަށް ޑރ.އިޔާޒު ވަކިކުރައްވާފައިވަނީ ޖުލައި މަހުގެ ފުރަތަމަ ދުވަހުއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން ވަނީ އެ އިދާރާއިން ގޮތްތަކެއް ނިންމުމުގެ ކުރީން އިޔާޒު އަދާކުރަމުންދިޔަ ވަޒީފާއަށް ދާއިމީ މީހަކު ހަމަނުޖެއްސުމަށާއި ވަޒީފާ އިއާދަކުރުމަށް ނިންމާ ހާލަތެއްގައި އެކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރުމަށް އަންގާފައެވެ.
ޑރ. އިޔާޒް ވަޒީފާއިން ވަކިކުރުމާ ގުޅޭގޮތުން އެމް.އެން.ޔޫގެ ވައިސް ޗާންސެލަރު މުހައްމަދު ޝަރީފް ބައެއް މީޑީއާތަކުގައި ވިދާޅުވީ، ޑރ. އިޔާޒް ވަކިކޮށްފައިވަނީ ސޯޝަލް މީޑިއާގައި، ހަރުކަށި ފިކުރަށް ހިތްވަރުދޭ ގޮތަށް ކުރައްވާ ޕޯސްޓުތަކާ ގުޅިގެން ތަކުރާރުކޮށް އަނގަބަހުންނާއި ލިޔުމުން ނަސޭހަތްތެރިވެ އިންޒާރު ދިނުމުންވެސް މިމައްސަލަ ތަކުރާރުވާތީ އިތުރު ގޮތެއް ނެތިގެން ކަމަށެވެ.
މިމައްސަލާގައި ޑރ.އިޔާޒު މިޑިއާގައި މިގަނަ ވާހަކަތަކެއް ނުދެއްކެވިނަމަވެސް، އިޔާޒު ވަނީ ނާއިސާފުގެ ކުރިމައްޗަށް އިންސާފު އިސްވެ، އިންސާފު ލިބޭނެކަމަށް ވިދާޅުވެފައެވެ. އަދި އޭނާއާއިމެދު އަޅާފައިވާ ފިޔަވަޅަކީ ވަކި މީހެއްގެ ވައުދެއް ފުއްދެވުމަށް އަޅާފައިވާ ބޭއިންސާފު ފިޔަވަޅެއްކަމަށް ޑރ.އިޔާޒު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ