ޚިދުމަތްދޭން ފެށިތާ އަހަރަކަށްވުރެ ގިނަ ދުވަސްފަހުން، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދޭ އެއްވެސް މީހަކު ނެތުމަކީ ސަރުކާރުން ކޯވިޑް މެނޭކުރުމުގައި ގެންގުޅުއްވި ހަރުދަނާ ސިޔާސަތުގެ ނަތީކާމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި މިހާރު އެއްވެސް މީޙަކަށް ފަރުވާ ދެމުންނުތީ އެކަން ފާހަގަކޯށް އަހުމަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ސަރުކާރުން ކޯވިޑް މެނޭޖް ކުރުމުގައި ގެންގުޅުއްވި ހަރުދަނާ ސިޔާސަތުގެ ނަތީޖާ މިއަދު ފެންނަމުންދާކަމަށެވެ. ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދޭ އެއްވެސް މީހަކު ނެތުމަކީ މިކަން ހާމަކޮށްދޭ ކަމެއްކަމަށާއި، ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއްކަމަށް އަހުމަދު ވިދާޅުވިއެވެ.
ކޯވިޑް މެނޭޖް ކުރުމުގައި ސަރުކާރުން ގެންގުޅުއްވި ހަރުދަނާ ސިޔާސަތުގެ ނަތީޖާ. އިންޝާﷲ ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް.
– މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.
ހުޅުމާލޭ ކޯވިޑް ފެސިލިޓީއަކީ ކޯވިޑް-19 ގައި އެންމެ ގިނަ މީހުންނަށް ފަރުވާދޭންޖެހި، އެންމެ ގިނަ މީހުން ނިޔާވެގެން ދިޔަ ފެސިލިޓީއެވެ. ފެސިލިޓީގައި އެތައް ބަޔަކަށް ފަރުވާދޭންޖެހި، މުޅި ފެސިލިޓީ ފުރި އެކަށީގެންވާ ވަރާއި ގާތަށްވެސް ޚިދުމަތް ނުދެވި ދިޔަ ދުވސްތަކެއްވެސް ދިޔައެވެ. ފެސިލިޓީގައި ފަރުވާދެމުންދިޔަ ޑޮކްޓަރުންނާއި، ނަރުހުން ވަރުބަލިވެ، އެތައް ކަންބޮޑުވުން ގިނަ ބަޔަކު މީގެ ދެ މަހެއްކުރިން ދިޔައީ ފާޅު ކުރަމުންނެެވެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީއާކީ ރާއްޖެއިން ކޯވިޑް-19 ފެނުމާއި ގުޅިގެން ކޯވިޑަށް ފަރުވާ ދިނުމަށް ޚާއްސަކޮށްގެން މާލެ ސަރަޙައްދުގައި ހޮސްޕިޓަލެއްގެ ފެންވަރުގައި ޤާއިމްކުރި ފުރަތަމަ ފެސިލިޓީއެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފުރަތަމަ ފަހަރަށް މީހަކު އެޑްމިޓްކޮށް ފަރުވާދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫންމަހުގެ 7 ވަނަ ދުވަހުއެވެ. ކޯވިޑް ބަލީގައި ހާލުބޮޑުވާ މީހުންނަށް ވަކި ޚާއްސަ ތަނެއްގައި ފަރުވާ ދިނުމަށް ސިފައިންނާއި ސަރުކާރުގެ ބައެއް ކުންފުނިތަކާއި އަމިއްލަ ކުންފުނިތައް ގުޅިގެން އޭރު ހުޅުމާލޭގައި ޤާއިމުކުރި މި މެޑިކަލް ފެސިލިޓީއަކީ 290 އެނދުގެ ފެސިލިޓީއެކެވެ.