ސީ އެމްބިއުލާންސް އުއުން ލަސްވުމުގެ ސަބަބުން ރ. ދުވާފަރުގައި ކޮވިޑަށް ފަރުވާދެމުންދިޔަ މީހަކު ނިޔާވެ އެރަށުގައި އާންމުން މުޒާހަރާ ކުރަން ފަށައިފިއެވެ.
ދުވާފަރުން ނިޔާވެފައިވަނީ އުމުރުން 52 އަހަރުގެ އަންހެން މީހެކެވެ. އޭނާ ނޭވާލަން އުނދަގޫވާތީ ހާލު ސީރިއަސްވެގެން ހޮސްޕިޓަލަށް ގެންދިޔައީ ހަވީރު 05:00 ޖަހާއިރުއެވެ. އެމީހާ މަރުވެފައިވަނީ، އިރުއޮއްސި 19:53 ހާއިރުއެވެ.
ކޯވިޑްގެ ހާލަތު އެންމެ ގޯސް ދުވާފަރުގައި ބަލި މެނޭޖްކުރުމުގައި އިހުމާލުވެފައިވާ ކަމަށް ބުނެ އެ ރަށުގައި މިހާރު ދަނީ އިހުތިޖާޖު ކުރަމުންނެވެ. ގިނަ ބަޔަކު އެއްވެ ސިއްހީ މަރުކަޒު ކައިރީގައި ދަނީ އަޑުއުފުލަމުންނެވެ. އާންމުން ހުއްޓުވަން ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.
އެ ރަށު ކައުންސިލްގެ މެމްބަރަކު ވިދާޅުވީ ކޯވިޑުގައި ހާލު ދެރަވި އަންހެނަކު އިރުއޮއްސުނުއިރު ހެލްތު ސެންޓަރަށް ގެންދިޔަ ކަމަށެވެ. އެ މީހާގެ އޮކްސިޖަން ލެވަލް ދަށްވާތީ، ބ. އޭދަފުށީގައި ހުންނަ ރީޖަނަލް ފެސިލިޓީއަށް ގެންދަން ދަތުރު ހަމަޖައްސައިދިނުމަށް ހެލްތު ސެންޓަރުން އެދުނެވެ. ނަމަވެސް ޕްރޮސެސް ފުރިހަމަވެ، އެ ރަށަށް ލޯންޗު ދިޔައީ އެކަމަށް އެދުނުތާ އެއް އެއްގަޑިއިރު ފަހުން ކަމަށް އޭނާ ވިދާޅުވިއެވެ.
ދުވާފަރަކީ ރ. އަތޮޅުގައި އެންމެ ގިނަ މީހުން ދިރިއުޅޭ ރަށެވެ. އެ ރަށުގެ އާބާދީ 5،000 އަށްވުރެ ގިނަޔަސް އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބޭ ކަމުގެ ޝަކުވާތައް ކައުންސިލުން ވަނީ ކޮށްފަ އެވެ. އެ ކައުންސިލަރު ވެސް ވިދާޅުވީ ރަށުން އެކްސްރޭއެއް އަދި އަލްޓްރާ ސައުންޑް ސްކޭނެއް ވެސް ހެދެން ނެތް ކަމަށެވެ.
ދުވާފަރުގައި މިވަގުތު ކޮވިޑް ޓެސްޓް ކުރެވޭނެ ގޮތެއް ނެތެވެ. އެންމެ ކައިރިން ވެސް ކޮވިޑް ޓެސްޓް ހެދެން ހުރީ ރ. އުނގޫފާރުގައެވެ. ދުވާފަރަކީ މެއި މަހުގެ 25 ވަނަ ދުވަހުން ފެށިގެން މޮނިޓަރިންއަށް ގެނެސް އަރާ ފޭބުން މަނާކޮށްފައިވާ ރަށެކެވެ. އެ ރަަށުގައި މިވަގުތުވެސް ކޮވިޑަށް ޕޮޒިޓިވް 145 މީހަކު ވެއެވެ.