ރ.އަތޮޅު ރިސޯޓަކުން ގިނަ ޢަދަދެއްގެ މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ރާއްޖެއިން މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 84 އަށް އަރާއިރު އޭގެތެރެއިން 52 މީހުންނަކީ ރ.އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ހިންގަމުން އަންނަ ކުޑަކުރަތުގައި މަސައްކަތްކުރަމުންދިޔަ ބައެއްކެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިމަހުގެ 21 އަދި 22 ގައި އެރަށުން 89 ސާމްޕަލް ނަގާފައިވާކަމަށާއި، އެންމެ ފުރަތަމަ ސާމްޕަލް ނަގައި ޓެސްޓްކޮށްފައިވަނީ އަލާމާތް ހުރި މީހުން ފެނިގެންކަމަށެވެ. އަދި 23 އޮކްޓޮބަރ ގައި މީގެ ތެރެއިން 4 ސާމްޕަލް ޕޮސިޓިވްވެ، 24 އޮކްޓޯބަރގައި 7 ކޭސް ޕޮސިޓިވްވެފައިވާކަމަށާއި، މިއަދު މި ފެނުނު 52 ކޭސްއާއި އެކު ޖުމްލަ މިހާރު 63 ކޭސް އެރަށުން ފެނިފައިވާކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ. އޭގެތެރެއިން އެކަކަށް ބ. އޭދަފުށީ ކޯވިޑް-19 ފެސިލިޓީގައި އަންނަނީ ފަރުވާދެމުންނެވެ.
މިހާތަނަށް މާލެ ފިޔަވާ މީހުން ދިރިއުޅޭ 22 ރަށަކުން 45 މީހަކު ޕޮޒިޓިވްވެ ފަރުވާދެމުން އަންނައިރު 24 ރިސޯޓަކުން 26 ފަތުރުވެރިންނާއި 82 ރިސޯޓް މުވައްޒަފުންނަށް އަންނަނީ ފަރުވާދެމުންނެވެ. ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޢަދަދަކީ 11،505 އެވެ. އޭގެތެރެއިން މިވަގުތު ފަރުވާދެމުން އަންނަނީ 937 މީހަކަށެވެ.
ކޮމެންޓު ފޮނުވާ