ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭނެ އެއްވެސް ކަމެއް ކުރާ ބަޔަކު އެވަނީ ގައުމަށް ޣައްދާރު ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް، ކުރީގެ ރައީސް އަދި އެއްބަފާ ކޮއްކޯފުޅު އަބްދުﷲ ޔާމީނަށް އިންތިޚާބުގައި ވާދަކުރެވިގެން ނުވާނެކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އިއްޔެ ވިދާޅުވުމާއި ގުޅިގެން ޝިޔާމް ވިދާޅުވީ ރައީސް ޔާމީނަށް ހުކުމް އިއްވީ ސަރުކާރުގެ ކޯލިޝަންގެ ނުފޫޒުން ކަމަށެވެ.
ގައުމު މިއަދު މިއޮތް ހާލަތަށް ވެއްޓުމާކީ ބޮޑު އިހުމާލެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. އަދި ގައުމު ސަލާމަތް ކުރުމުގެ ގާބިލްކަން ހުރި ހަމައެކަނި ލީޑަރަކީ ރައީސް ޔާމިން ކަމަށާއި، ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަނުކުރެވޭނެ އެއްވެސް ގޮތެއް ދިވެހިން ބަލައި ނުގަންނާނެ ކަމަށެވެ.
"އެކަން ކުރާ ބަޔަކު އެވަނީ ގައުމަށް ޣައްދާރު"
– ޝިޔާމް
ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ކޮންމެ މީހަކުވެސް ކުށެއް ކޮށްފިނަމަ އެމީހަކަށް ދޭންޖެހޭ އަދަބު ދިނުމަކީ ކުރަންޖެހޭ ކަމެއްކަމަށެވެ. އެގޮތުން ޔާމީން އަކީވެސް ކުށެއް ކުރުމަށްފަހު އޭގެ އަދަބު ލިބި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ބޭފުޅެއްކަމަށާއި، ރައީސް ޔާމީނަށް އެއްވެސް އިންތިޚާބެއްގައި ޖަލު ހުކުމެއްގައި ހުރެ ވާދަކުރުމަކީ ކުރެވޭނެ ކަމެއްނޫން ކަމަށެވެ. އަދި ފުރުސަތުވެސް ދެވިގެން ނުވާނެކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ، ޝަރީއަތް ނިމި، މިނިވަންވެވަޑައިގަތުމުން އެ މަސައްކަތް ކުރެއްވުމަކީ މައްސަލައެއްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.