ޖަޕާނުގައި މިހާރު ކުރިޔަށްދާ ޓޯކިޔޯ އޮލިމްޕިކްސްގައި، ގުރު ލައިގެން، ޖޫޑޯމެޗްގައި އިސްރާއީލާ ދެކޮލަށް ކުޅެން ޖެހުމުން މެޗް ދޫކޮށްލި އަލްޖީރިއާގެ ޖޫޑޯ ކުޅުންތެރިޔާ، އިންޓަރނޭޝަނަލް ޖޫޑޯ ފެޑެރޭޝަންއިން ހޮނިހިރު ދުވަހު ސަސްޕެންޑް ކޮށްފިއެވެ.
އަލްޖީރިއާގެ ޖޫޑޯ ކުޅުންތެރިޔާ ފެތީ ނޫރިން އާއި އޭނާގެ ކޯޗް އަމަރު ބެނިޚްލެފް ވަނީ، އިސްރާއީލާއެކީ ދެކޮޅަށް ކުޅެންޖެހުމުން، މުބާރާތުން ވަކިވާން ނިންމާ، އެކަން އިއުލާންކޮށް މީޑިއާއަށް ބަޔާން ދީފައި ކަމަށްވެސް އިންޓަރނޭޝަނަލް ޖޫޑޯ ފެޑެރޭޝަންއިން ބުނެފައި ވެއެވެ.
ނޫރިން މުބާރާތުން ވަކިވި ވަކިވުމަކީ، "އިންޓަރނޭޝަނަލް ޖޫޑޯ ފެޑެރޭޝަންއިން ގަބޫލުކުރާ އުސޫލުތަކާ ޚިލާފު ނިންމުމެއް،" އިންޓަރނޭޝަނަލް ޖޫޑޯ ފެޑެރޭޝަންއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
"އިންޓަރނޭޝަނަލް ޖޫޑޯ ފެޑެރޭޝަންއިން އަކީ، ނަސްލީ ތަފާތުކުރުންތަކަށް ފުރުސަތު ދޭނެ ފެޑެރޭޝަނެއް ނޫން، އެއީ، ޖޫޑޯ ކުޅިވަރުގެ އުސޫތަކާއި އެއްގޮތްވާ ގޮތުގެމެތިން، މުހިއްމު އަސާސެއްގެ ގޮތުން އެއްބައިވަންތަކަން ކުރި އެރުވުމަށްޓަކާ،" ބަޔާނުގައި ބުނެފައި ވެއެވެ.
އިންޓަރނޭޝަނަލް ޖޫޑޯ ފެޑެރޭޝަންއިން ވަނީ ކުޅުންތެރިޔާ ނޫރިންއާއި ކޯޗު ބެނިޚްލެފް، އެ ފެޑެރޭޝަނުން ހިންގާ ތަހުގީގު ނިމެންދެން ވަގުތީގޮތުން ޖޫޑޯ ކުޅިވަރުން ސަސްޕެންޑް ކޮށްފައެވެ.

މީގެ އިތުރުން އިންޓަރނޭޝަނަލް ޖޫޑޯ ފެޑެރޭޝަންއިން ބުނެފައިވަނީ، އަލްޖީރިއާގެ އޮލިމްޕިކް ކޮމިޓީން، ކޯޗާއި އެތުލީޓަށް ދީފައި އޮންނަ އެކްރެޑިޓޭޝަން އަބުރާ ގެންގޮސް، ދެމީހުންވެސް އަބުރާ ގައުމަށް ފޮނުވާލާ އަދި ހަމަޖެހިފައިވާ އުސޫލުން ދެމީހުންނާމެދުވެސް ފިޔަވަޅު އަޅާނެ ކަމަށެވެ. އެހެންނަމަވެސް، މިއީ ކޮން ފިޔަވަޅުތަކެއް ކަމަށް ޖޫޑޯ ފެޑެރޭޝަންއިން ބުނެފައެއް ނުވެއެވެ.
މި ހަފްތާގެ ހުކުރުދުވަހު، އަލްޖީރިއާގެ ޖޫޑޯ އެތުލީޓް ނޫރިން އެގައުމުގެ މީޑިއާތަކަށް މައުލޫމާތުދެމުން ބުނެފައިވަނީ، ފަލަސްތީނުގެ ރައްޔިތުން މިނިވަންކަމަށް ކުރަމުންދާ މަސައްކަތަކަށް ސިޔާސީގޮތުން އޭނާ ކުރާ ތާޢީދުގެ ސަބަބުން، އިސްރާއީލުގެ ކުޅުންތެރިޔަކާ ތޮހާރު ބުޓްބުލްއާއި ދެކޮޅަށް ކުޅެއން އެރުމަކީ އޭނާގެ ޒަމީރު ގަބޫލުކުރާ ކަމެއް ނޫން ކަމުގައެވެ.
މިއީ އިސްރާއީލާ ދެކޮޅަށް ކުޅެންޖެހިގެން ނޫރިން މުބާރާތަކަށް އަލްވަދާޢު ކީ ފުރަތަމަ ފަހަރެއް ނޫނެވެ. ޓޯކިޔޯގައި 2019ވަނަ އަހަރު ބޭއްވުނު ވާރލްޑް ޗެމްޕިއަންޝިޕާއިވެސް އޭނާ އަލްވަދާޢުކީ ހަމަ މިސަބަބާހުރެއެވެ.
ފަލަސްތީނުގެ އިރުމަތީ ޖެރޫސެލަމްގައި އިސްރާއީލް ސިފައިނާ ފަލަސްތީން ރައްޔިތުންނާ ދެމެދު އުފެދުނު ހަމަނުޖެހުންތަކުގެ ސަބަބުން، މިއަހަރު ދެގައުމުގެ ދެމެދުގައިވަނީ ނުތަނަވަސްކަން ވަރަށް ބޮޑަށް އިތުރުވެފައެވެ.
ފާއިތުވެދިޔަތަނުގައި، އިރާނާއި މިސްރުފަދަ ގައުމުތަކުންވެސް އިސްރާއީލުގެ އެތުލީޓުންނާއި ވާދަކުރަން ދެކޮޅު ހަދާފައި ވެއެވެ.