ކޯވިޑް19ގެ ނުރައްކާ އިތިހާއަށް ކުރިމަތިވެ، ޖަޕާނުގައި އަޅާފައިވާ ރައްކާތެރިކަމުގެ އެތަކެއް ފިޔަވަޅުތަކާކާ އެކީ، ޖަޕާނުގެ ގަޑިން މިރޭ 8:00 ގައި ޓޯކިޔޯ އޮލިންޕިކްސް ރަސްމީކޮށް ފަށައިފިއެވެ.
ކޯވިޑްގެ ނުރައްކާތެރި ކަމާހެދި، އެއް އަހަރުދުވަހަށް ލަސްކުރުމަށްފަހު، ޓޯކިޔޯ އޮލިމްޕިކްސް މިރޭ ރަސްމީކޮށް ފެށިގެން ދިޔައިރު، ބައިނަލް އަގުވާމީ މި ކުޅިވަރު މުބާރާތުގައި ކުރިޔަށްދާ ކުޅިވަރުތައް ކުޅުމަށް ހަމަޖެހިފައިވަނީ، ބެލުންތެރިންނާ ނުލައެވެ.
މިރޭ ފެށިގެން ކުރިޔަށްދާ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އިންޓަރނޭޝަނަލް އޮލިމްޕިސް ކޮމިޓީގެ ރައީސް ތޯމަސް ބެޗް ވިދާޅުވެފައިވަނީ، "މިއީ އުއްމީދުގެ ވަގުތުކޮޅެއް ކަމުގަ"އެވެ.
"ދުނިޔެއަށް ކުރިމަތިވެފައިވާ އާލަމީ ވަބާ މިވަނީ އަހަރެމެން އެންމެން ވަކިވަކި ކުރުވާފަ. އަހަރެމެން އެންމެން ނުހަނު ދުރު ކުރުވާފަ. އަދި ލޯބިވާ މީހުންނާ ދުރުގައި ދިރި އުޅުމަށް މަޖުބޫރު ކުރުވާފަ. އަދި މި ވަކިވުމުގެ ސަބަބުން އަހަރެމެން މިތިބަ ޓަނެލްގެ އެތެރެ މިފެންނަނީ ނުހަނު އަދިރިކޮށް. އެހެންނަމަވެސް މިއަދު، އަހަރެެމެން އެންމެންވެސް، ދުނިޔޭގެ ކޮންމެ ތަނެއްގައި ތިބި ކަމުގައިވި ނަމަވެސް، އަހަރެމެން އެންމެންވެސް މިދަނީ، އެއްބައިވަންތަކަމާއެކު، މި ވަގުތުކޮޅު ހިއްސާކުރަމުން."
ޓޯކިޔޯ އޮލިމްޕިކްސް ކުޅިވަރު މުބާރާތް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު، ޓޯކިޔޯގެ އޮލިމްޕިކްސް ސްޓޭޑިއަމްގައި މިރޭ ހުޅުވުމުގެ ރަސްމިޔާތުވެސް ކުރިޔަށްދަނީ ބެލުންތެރިންނާ ނުލައެވެ.
އެހެންނަމަވެސް، ޖަޕާނުގެ އެމްޕެރަރ ހިމެނޭގޮތުން މިރޭގެ ރަސްމިއްޔާތުގައި 1000 ވީއައިޕީ ޑެލިގޭޓުން ބައިވެރިވެއެވެ. މީގެތެރޭގައި އެމެރިކާގެ ރައީސް ޖޯ ބައިޑްންގެ އަނބިކަބަލުން ޖިލް ބައިޑްންވެސް ހިމެނެއެވެ.
That's no moon…it's a #Tokyo2020 drone display! ?#Olympics | #UnitedByEmotion | #StrongerTogether | #OpeningCeremony pic.twitter.com/bIGD4UonPO
— #Tokyo2020 (@Tokyo2020) July 23, 2021
މިއަދު އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފް ލިބިފައިވަނީ ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ (ނަބާ) އާއި ފެތުންތެރިޔާ މުބާލް އައްޒާމަށެވެ.

ދިދަ އުފުލުމުގެ ޝަރަފް ލިބުނު ނަބާހާ އަކީ ރާއްޖޭގެ ތާރީހުގައި އޮލިމްޕިކްސްގައި ވާދަކުރާނެ ފުރަތަމަ އަންހެން ކުޅުންތެރިޔާ އެވެ. މީގެ ކުރިން އޮލިމްޕިކްސްގައި ވާދަކުރި ރާއްޖޭގެ ހަމައެކަނި ބެޑްމިންޓަން ކުޅުންތެރިއަކީ 2012 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ވާދަކުރި މުހައްމަދު އަޖުފާން އެވެ.
މި ފަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭން ވާދަކުރަނީ ތިން ކުޅިވަރަކުން ހަތަރު އެތުލީޓުންނެވެ. އެއީ ފެތުމުން މުބާލާއި އައިޝަތު ސާޖިނާ އަދި ބެޑްމިންޓަން އިން ނަބާހާ އަދި ދުވުމުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުއެވެ.
ކޮމެންޓު ފޮނުވާ