ރާއްޖެއިން އިތުރު 122 މީހުން ކޯވިޑަށް ޕޮޒިޓިވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ބުދަ ދުވަހުގެ އިރުއޮއްސި 6:00 އިން ބުރާސްފަތި ދުވަހުގެ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 122 މީހުންނެވެ. މީގެތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 24 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 81 މީހަކު ހިމެނެއެވެ. އަދި ރިސޯޓްތަކުން 17 މީހަކު ޕޮޒިޓިވްވެފައިވެއެވެ.
މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 76،454 އަށް އަރާފައެވެ.
ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށްވެފައިވާއިރު މާލެ ސަރަޙައްދުން ރިޕޯޓުކުރާ ކޭސްތައް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ނަމަވެސް އަތޮޅުތަކުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަދިވެސް މާ ދަށަކަށް ނުދެއެވެ.
މިބައްޔަށް މިވަގުތު ފަރުވާ ހޯދަމުން ދަނީ 2،587 މީހުންނެވެ. އަދި އެޑްމިޓްކޮށްގެން މިހާރު ފަރުވާ ދެމުންދަނީ 11 މީހުންނަށެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 106 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 73،637 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލި ދެނެގަތުމަށް 6،072 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. އޭގެތެރެއިން 2590 ސާމްޕަލަކީ މާލެ ސަރަހައްދުން ނަގާފައިވާ ސާމްޕަލެވެ.
ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 218 މީހުން ވަނީ ނިޔާވެފައެވެ. މީގެތެރޭގައި ހިމެނެނީ 201 ދިވެހިންނާ 17 ބިދޭސީންނެވެ.