ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ އުމްރާނީ ތަރައްގީގެ ގިނަ ޕްރޮޖެކްޓްތަކެއް ހިންގުމަށް އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ޖޭވީއާ އެކު 48 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ. އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ޖޭވީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ފައުންޑަރ އަދި ޗެއަރމަން މރ. ބުޕޭޝް ނާގަރާޖަން އެވެ.
މި އެއްބަސްވުމުގެ ދަށުން 61 ޕޮލިސް ފެސިލިޓީއާއި އިމަރާތް ބިނާ ކުރާނެއެވެ. އޭގެ ތެރޭގައި، ކ. ދޫނިދޫގައި އިމާރާތްކުރާ ކަސްޓޯޑިއަލް ފެސިލިޓީއާއި މިހާރުވެސް ބޭނުންކުރަމުންދާ ދެ އިމާރާތެއް އުމްރާނީގޮތުން އިތުރަށް ތަރައްޤީ ކުރުމާއި، އަތޮޅު ތެރޭގެ ރަށްރަށުގައި އިމާރާތްކުރާ 23 ޕޮލިސް ސްޓޭޝަނާއި 21 ޕޮލިސް ޕޯސްޓްގެ އިތުރުން 8 އަތޮޅު ޕޮލިސް ސްޓޭޝަނާއި މާލޭގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނަކާއި ހުޅުމާލެ ފޭސް ދޭއް ގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނަކާއި ހަތަރު އެކޮމޮޑޭޝަން އިމާރާތް ހިމެނެއެވެ.
ދެ އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމަން ހަމަޖެހިފައިވާ މި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ ޕްރޮޖެކްޓްތަކުގެ ސަބަބުން ފުލުހުންގެ މަރުކަޒުތައް ތަފާތު ސަރަހައްދުތަކުގައި ގާއިމުކޮށް، ލާމަރުކަޒީ އުސޫލުން ރައްޔިތުން ބޭނުންވާފަދަ ޒަމާނީ ޑިމޮކްރަޓިކް ހިދުމަތެއް ދިނުމުގެ މަގު ތަނަވަސް ވެގެން ދާނެއެވެ. އޭގެ އިތުރުން، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް މީހުން ބަންދުކުރެވޭނެ ވަސީލަތްތައް ގާއިމުވެ، އަސާސީ ގޮތުން ފުލުހުންގެ މަރުކަޒުތަކުގައި ހުންނަންޖެހޭ ކަންކަން ފުރިހަމަވެގެން ދާނެއެވެ.
މިކަމަށްޓަކައި މިއަދު ހެނދުނު 10:00 ގައި އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ދެއްކެވި ވާހަކަފުޅުގައި، މި ޕްރޮޖެކްޓަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އުމްރާނީ ތަރައްގީއަށް މިހާތަނަށް ހިންގޭ އެންމެ ބޮޑު ޕްރޮޖެކްޓްކަން ފާހަގަ ކުރެއްވިއެވެ. ކޮމިޝަނަރ އޮފް ޕޮލިސް އިތުރަށް ވިދާޅުވީ، ފުލުހުންގެ ޚިދުމަތް ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި ކޮމިއުނިޓީ ޕޮލިސިންގެ ފަލްސަފާގެ ދަށުން ފުލުހުންގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގައި، އިންސާނީ ވަސީލަތާއި ޤާނޫނާއި ޤަވާއިދުތަކާއި ފުލުހުން ޒިންމާދާރު ކުރުވޭނެ ޑިމޮކްރެޓިކް އުސޫލުތަކުގެ އިތުރުން އެކަށީގެވާ އުމްރާނީ ވަސީލަތަކީ ކޮންމެހެން ބެނުންތެރި ކަމެއް ކަމަށެވެ. އެގޮތުން މިއަދު މި ވެވޭ އެއްބަސްވުމަކީ މިމަގުން ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއްކަން ކޮމިޝަނަރ އޮފް ޕޮލިސް ފާހަގަ ކުރެއްވިއެވެ. އޭގެ އިތުރުން، މިފަދަ ބޮޑު ޕްރޮޖެކްޓެއް ހިންގުމަކީ ދިވެހި ފުލުހުންގެ ޚިދުމަތް ތަރައްގީ ކުރުމަށް ދިވެހި ސަރުކާރުން ދެއްވާ އަހައްމިއްޔަތު ދައްކުވައިދޭ ކަމެއްކަން ފާހަގަކުރައްވައި މި ޕްރޮޖެކްޓްގައި އެހީތެރިވެދެއްވި ސަރުކާރުގެ ވުޒާރާތަކަށާއި ސަރުކާރުގެ އެހެނިހެން މުއައްސަސާތަކުގެ އިތުރުން އިންޑިއަން ހައިކޮމިޝަނަށް ކޮމިޝަނަރ އޮފް ޕޮލިސް ޝުކުރު އަދާ ކުރެއްވިއެވެ.
އިންދިރާ ޕްރޮޖެކްޓްސް އެންޑް ޑިވެލޮޕްމަންޓްސްގެ ފައުންޑަރ އަދި ޗެއަރމަން މރ. ބުޕޭޝް ނާގަރާޖަން ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ އެންމެނަށް އަމާން ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށް ދިވެހި ސަރުކާރާއި ދިވެހި ފުލުހުން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ފުރުސަތު ލިބުނީތީ އުފާ ކުރާކަމަށާއި މި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްޓްތައް ދިވެހި ސަރުކާރުން ބޭނުންވާ ފެންވަރުގައި ކަނޑައެޅޭ ތަރީޚުތަކަށް ނިންމައި ހަވާލުކުރާނެކަމުގެ ޔަގީންކަން އަރުވާކަމަށެވެ.
މި މަޝްރޫއަށް ފައިނޭންސް ކުރުމަށް ހަމަޖެހިފައިވަނީ އިންޑިއަން އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާއެކު ވެވޭ ލޯން އެއްބަސްވުމެއްގެ ދަށުން މަޝްރޫއުގެ 85 އިންސައްތަ އެގްޒިމް ބޭނުންކުން ފައިނޭންސް ކުރާގޮތަށެވެ. ބާކީ 15 އިންސައްތަ ހަމަޖައްސާނީ ދިވެހި ސަރުކާރުންނެވެ.
މި މަޝްރޫއަކީ ބިޑްކުރުމަކާ ނުލައި ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއު ހިންގުމަށް ދާ ހަރަދާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދިޔަ އެސެސްމަންޓަށް ބަލާއިރު، މިހާތަނަށް ކުރިއަށް ގެންގޮސްފައިވާ ޕީއެސްއައިޕީގެ ދަށުން ހިންގާފައިވާ އިންފްރާސްޓްރަކްޗަރ މަޝްރޫއުތަކަށްވުރެ މި މަޝްރޫއަށް ކުރަނެޖެހޭ ހަރަދު ނިސްބަތުން ކުޑައެވެ.
އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދާއި އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ޖޭވީގެ ފައުންޑަރ އަދި ޗެއަރމަން މރ. ބުޕޭޝް ނާގަރާޖަންގެ އިތުރުން، އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއާއި ފުލުހުންގެ ޚިދުމަތުގެ އިސް ބައެއް އޮފިސަރުންނާއި އިންޑިއަން ހައި ކޮމިޝަންގެ ބައެއް އޮފިޝަލުން ބައިވެރިވިލެއްވިއެވެ.