ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޖޭކޮބް ޒޫމާ ޖަލަށް ލުމާއި ގުޅިގެން އެގައުމުގައި އުފެދުނު ހަމަނުޖެހުންތައް ސިޓީތަކަށް ފެތުރި، އެގައުމުގެ ބައެއް ސަރަހައްދުތަކުގައި ފިހާރަތަކާއި ވިޔަފާރިތައް ލޫޓުވާ، ފުލުހުންނާ ހިގި ކުރުމަތިލުންތަކުގައި މިހާތަނަށް 72 މީހަކު މަަރުވެއްޖެއެވެ.
މިއީ ފާއިތުވެދިޔަ އަހަރުތަކުގައި އެގައުމުގައި ހިގަމުންދާ އެންމެ ބޮޑު ހަމަނުޖެހުންތަކެވެ.
މި ހަމަނުޖެހުންތައް އެންމެ ފުރަތަމަ ފެށިފައިވަނީ، ކޯޓުގެ ހުރުމަތް ކަޑާލުމުގެ ތުހުމަތުގައި، އެގައުމުގެ ކުރީގެ ރައީސް ޒޫމާ 15 މަސްދުވަހަށް ޖަލަށް ލާން އެގައުމުގެ ކޯޓުން ހުކުމް ކުރުމާއިގުޅިގެން އޭނާ އަމިއްލަފުޅަށް ފުލުހުންނާއި ހަވާލިވިފަހުން، އޭނާ ޖަލު ހުކުމާ ދެކޮޅަށް ކުރަންފެށި މުޒާހިރާތަކުންނެވެ.
ޒޫމާ ވަނީ، އޭނާގެ މައްޗަށް ކުރެވިގައިވާ ކޮރަޕްޝަންގެ އަދި މަކަރު ހެދުމުގެ ތުހުމަތުތަކަށް ޖަވާބު ދާރީވުމަށް، އެންޓި ކޮރަޕްޝަން ކޮމިޝަންއަށް ހާޒިރުވުމަށް ދެކޮޅު ހައްދަވާފައެވެ.
މިހަމަނުޖެހުންތަކުގައި މިހާތަނަށް މަރުވެފައިވާ މީހުންގެ ތެރޭގައި ހިމެނޭ 10 މީހަކީ، ދެކުނު އެފްރިކާގެ ޓައުންޝިޕް އޮފް ސޮވީޓޯގައި ލޫޓުވަން ގިނަބަޔަކު އެއްތަނަކަށް އެއްވެ، މީހުން ބާރުވެ، އެކަކު ގައިމައްޗަށް އަނެކަކަށް އެރިގެން މަރުވެފައިވާ 10 މީހުންކަމުގައި ސައުތު އެފްރިކާގެ ފުލުހުންގެ ތަރުޖަމާން ވިދާޅުވެފައި ވެއެވެ.
ޖަލަށް ލެވިފައިވާ ކުރީގެ ރައީސް ޒޫމާގެ އަމިއްލަ އަވަށް ކަމުގައިވާ ކުވާޒުލު ނަޓަލް އަވަށުން މިހާތަނަށް އައިއިރު 1،200 މީހަކު ފުލުހުން ހައްޔަރު ކޮށްފައިވާ ކަމަށްވެސް މައުލޫމާތު ދީފައި ވެއެވެ.
ސައުތު އެފްރިކާގެ ތާރީޚުގައި މިހާތަނަށް އަގައުމުގެ ކުރީގެ ރައީސަކު ޖަލަށް ލާފައެއް ނުވެއެވެ.
ފާއިތުވެދިޔަ ޖޫންމަހު ޒޫމާ 15 މަސްދުވަހަށް ޖަލަށް ލާން ސައުތު އެފްރިކާގެ ކޯޓަކުން ހުކުމް ކޮށްފައިވަނީ، އޭނާ 9 އަހަރުވަންދެން ސައުތު އެފްރިކާގެ ރައީސްކަން ކުރެއްވިއިރު، ހިންގާފައިވާ ކޮރަޕްޝަންގެ ތުހުމަތުގައި، ހިންގަމުންދާ ތަހުގީގުގައި ހެކި ހުށަހެޅުމަށް އޭނާ އިންކާރު ކުރެއްވުމާއި ގުޅިގެން، ކޯޓުގެ އަމުރަށް ނުކިޔަމަންތެރި ވުމުގެ ކުށުގައެވެ.
ސައުތު އެފްރިކާގެ ބައެއް ވިޔަފާރަވެރިން، ޒޫމާގެ ވެރިކަމުގައި، ސިޔާސީ ފަރާތްތަކާ ޑީލް ހަދައިގެން، މަގާމް ބޭނުން ނާޖާއިޒް ގޮތުގައި ހިފުމުގެ ތުހުމަތު ޒުމާގެ މައްޗަށް ވަނީ ކުރެވިފައެވެ. އެހެންނަމަވެސް ޒުމާ ބުނެފައިވަނީ، އޭނާގެ މައްޗަށް ކުރަމުންދާ ތުހުމަތުތަކަކީ، ސިޔާސީ ތުހުމަތުތަކެއް ކަމުގައެވެ.
2018ވަނަ އަހަރު، ޒޫމާގެ ޕާޓީގެ ޕްރެޝަރަށް އޭނާ ވެރިކަމުން ދުރަށް ދާން މަޖުބޫރުވެ، ވެރިކަމުން ދުރަށް ޖެހިވަޑައިގަތަސް، އޭނާއަށް ޚާއްސަކޮށް، އަމިއްލަފުޅު އަވަށް ކަމުގައިވާ ކުވާޒުލު – ނަތަލް ޕްރޮވިންސްގައި ވަރަށް ބޮޑު ތާއީދެއް އޮވެއެވެ. މީގެތެރޭގައި އޭނާ ނިސްބަތްވާ ޕާޓީ ކަމުގައި އެފްރިކަން ނޭޝަނަލް ކޮންގްރެސް (ANC)ގެ ނުފޫޒު ގަދަ ފަރާތްތައްވެސް ހިމެނެއެވެ.
ފާއިތުވެދިޔަ ހަފްތާގެ އާދީއްތަ ދުވަހު، ޒޫމާ ހައްޔަރު ވިޔަ ނުދޭން އޭނާގެ ގެކައިރިއަށް އޭނާއަށް ތާއީދުކުރާ ފަރާތްތަކުން އެއްވެ، “އިންސާނީ އައްޑަނައެއް”ގެ ގޮތުގައި ގިނަ ބަޔަކުވަނީ އެތުރި، ހަރަކާތްތެރި ވާންވެސް ފަށާފައެވެ.