އެމްޑީޕީ އިސްވެއޮވެ، 4 ލީޑަރުންނާއި ރައީސް ސޯލިހު އިސްވެ ހުންނަވާ އެކުލަވާލި ކޯލިޝަން ސަރުކާރު އެކުލަވާލިތާ ދެއަހަރާ ބައި ވެގެން ދިޔައީ އަދި ކިރިޔާއެވެ.
ފެށުނީއްސުރެ ރައީސް ސާލިހު ވިދާޅުވަމުން ގެންދަވަނީ، ވެރިކަން ކުރައްވާނީ ކޯލިޝަނާ އެކީގައި ކަމުގައި ވިޔަސް، އަދި ކޯލިޝަންގެ ބައިވެރިން ސަރުކާރު ދޫކޮށް ވަޑައިގެންނެވުމުގެ ވިސްނުމެއް ފާޅު ކުރައްވާފައި ނުވި ނަމަވެސް، ކޯލިޝަންގެ ވެރިކަމުގައި ދެވަނަ ހާފުގައި ކުޅެންފެށިތަނާ ކުރިމަތިވެގެން މިދިޔައީ ކުރިން ގިނަބަޔަކު އުއްމީދު ކޮށްފައިނުވާ، މުޅިން ތަފާތު ހާލަތެލެވެ.
ކޯލިޝަންވެރިކަމާ ފެއަށް ވަޑައިގެންނެވީ، ސަރުކާރު ހިންގާ ޕާޓީގެ ރައީސް، އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދުއެވެ.
ރައީސް ސޯލިހުއާއި މަޖިލިސް ރައީސް މުހައްމަދު ނަޝީދުއާއި ދެބޭފުޅުންގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް އިންތިހާއަށް ބޮޑުވެ، ޕާޓީ ދެބަޔަށް ބެހި، އެންމެ ފަހުން މަޖިލިސް ރައީސް ނަޝީދު މިވަނީ، ރައީސް ސޯލިހުއާއެކީ ދެން އިތުރަށް ސިޔާސީ މަސައްކަތެއް ނުކުރައްވާނެކަމަށް ވިދާޅުވެފައެވެ.
އެމްޑީޕީގެ އިސްބައެއް ބޭފުޅުންވެސް ތިއްބަވާ ވަޓްސްއަޕް ގުރޫޕެއްގައި ރައީސް ނަޝީދު ވިދާޅުވީ، ޚުދު ރައީސުލްޖުމްހޫރިއްޔާވެސް ހުންނެވީ ތާށިވެފައި ކަމަށާއި، އިސްލާމީ ހަރުކަށި ފިކުރު އެމްޑީޕީތެރޭގައިވެސް އެބައޮތް ކަމަށެވެ. އަދި ނަޝީދު ވިދާޅުވެފައިވަނީ، ދުވަހަކު ވެރިކަން ނުލިބުނަސް، މިވެރިންނާއެކު ދެން އިތުރަށް އުޅެން ބޭނުން ނުވާކަމުގައެވެ.
މިހާތަނުން ފާހަގަކޮށްލަންޖެހޭ ނުކުތާއަކީ، ވެރިކަމުގެ ފުރަތަމަ އަހަރަށްފަހު، ރައީސް ނަޝީދުއާއި ރައީސް ސޯލިހުއާއި ދެބޭފުޅުންގެ މެދުގައި ޖެހެންފެށިކަމަށް ގިނަ ބަޔަަކު ބުނަމުން އައި މައްސަލަތަށް، ބުޅާ ގޯނިން ބޭރު ވެއްޖެއޭ ބުނާ ބީދައިން، އާންމުންނަށްވެސް ފާޅުވެ، ހުރިހާ ސިއްރެއްވެސް މިހާހިސާބަށް އައިއިރި "ބޭޒާރު" ވެގެން ދިޔައީއެވެ.

ޒާތީ ހުރިހާ ކަމެއްގައި އަދިވެސް ރައީސް ސޯލިހުއާއެކީ އުޅުއްވާނެ ކަމަށް ވިދާޅުވަމުން، އެހެންނަމަވެސް، ރައީސް ސޯލިހުއާއެކީ އެއްވެސް ސިޔާސީ މަސައްކަތެއް އިތުރަށް ދެން ނުކުރައވާނެކަމަށް ރައީސް ނަޝީދު ވިދާޅުވި ހިސާބުން، އެމްޑީޕީގެ ރައީސް، ކޯލިޝަން ސަރުކާރު ދޫކޮށްލައްވައިފި ކަމާމެދަކު ދެންއިތުރަށް ކުރާނެ ސުވާލެއް، އުފައްދާނެ ޝައްކެއް އޮތްކަމަކަށް ނުބެލެވެއެވެ.
ދެބޭފުޅުންގެ މެދުގައި އޮތް ހަގީގީ މައްސަލައަކީ ކޮބާ؟
މިވެރިކަމުގެ ކުރީކޮޅު ރައީސް ނަޝީދު ރައީސް ސޯލިހު ސިފަ ކުރައްވަމުން ގެންދަވާފަ ވަނީ، ކުޑައިރުއްސުރެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައެވެ. އަދި އެތައް ފަހަރެއްގެ މަތިން، ރައީސް ސޯލިހުއާއި އޮތް ގުޅުމަށް އެއްވެސް ބަޔަކަށް ބުރޫ އަރުވާ ނުލެވޭނެކަމަށްވެސް ނަޝީދު ވިދާޅުވެފައި ވެއެވެ.
ހަމަ މިމޭރުމުން ރައީސް ސޯލިހުވެސް އެތައް ފަހަރެއްގެ މަތިން ވާހަކަފުޅު ދައްކަވާފައި ވެއެވެ.
އެހެންނަމަވެސް، ރައީސް ސޯލިހުގެ ވެރިކަން ދެބައި ވެގެންދިޔަ ތަނާ ކަހަލަގޮތަކަށް، ދެބޭފުޅުންގެ ގުޅުން ގޯސްވެ، އެންމެފަހުން ދެބޭފުޅުންނަށް އެކީގައި ސިޔާސީ މަސައްކަތް ނުކުރެއްވޭ ހިސާބަށް ގުޅުން ގޯސްވީއެވެ.
ކީއްވެގެންތޯ މިއީ މިއަދުވެސް އެތައްބަޔަކު ކުރަމުންދާ ސުވާލެލެވެ. ސުވާލުގެ ޖަވާބު ރަސްމީ ހައިސިއްޔަތެއްގައި ދެބޭފުޅުންކުރެ ބޭފުޅަކު އަދި މިހާތަނަށް ދެއްވާފައި ނުވިނަމަވެސް، ފާއިތުވެދިޔަ ތަނުގައި އެތައް ކަމެއްގައި ދެބޭފުޅުންގެ ޚިޔާލު އެއްގޮތް ނޫންކަން އަމަލީގޮތުންވަނީ ފެނިގެން ގޮސްފައެވެ.
ވަކީން ޚާއްސަކޮށް މަޖީލިހުގެ ރިޔާސަތުގައި ރައީސް ނަޝީދު އިންނަވައިގެން، މަޖިލީހުގައި ހިގައިދިޔަ އެތައް މަސައްކަތްތަކެއްގެ ތެރެއިން، ސަރުކާރާއި މަޖިލީހާ ދެމެދު ހިގައިދިޔަ އެތަކެއް ކޯޅުމެއް ފަހަކަށް އައިސް މަޖިލީހުގެ ތެރެއިންވަނީ ތިލަވެގެން ގޮސްފައެވެ.
މިގޮތުން މަޖިލީހުގެ ފްލޯގައި، މަޖިލިސް ރައީސް ނަޝީދަށް ތާއީދު ކުރައްވާ އެތަކެއް މެމްބަރުންނެއް، ރައީސް ސޯލިހަށް އަމާޒުކޮށް ބޮޑެތި ތުހުމަތުތަކާއި އެތަކެއް ފާޑުކިއުމެއް އަމާޒު ކުރަމުންދިޔަ މަންޒަރު ފެނިގެން ގޮސްފައި ވެއެވެ. މިގޮތުންވެސް އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ، މަޖިލިހަށް ހުށަހެޅިގެންދިޔަ، ނަފްރަތުގެ ބިލުގެ މައްސަލާގައި ނަޝީދުގެ ފެކްޝަނަށް ތާއީދުކުރާ ބައެއް މެމްބަރުން އެންމެފަހުން ރައީސް ސޯލިހުގެ އިސްތިއއުފާއަށް ގޮވި މަންޒަރެވެ. މިއީ މިހާތަނަށް އަދި އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލިހުގެ ތެރެއިން ފާއިތުވެދިޔަ ތަނުގައި ފެނިގެން ދިޔަ މަންޒަރެއް ނޫނެވެ.
ހަމަ އެފަދައިން، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް އަބުރާލުމަށް، ޓެކްސްޓް މެޖަކުން ނަޝީދު ރައީސް ސޯލިަހަށް ހުށަހެޅުއްވި ހުށަހެޅުވުމަށް ރައީސް ސޯލިހު ދެއްވި ފިނި ޖަވާބާއި ހަމައިންވެސް، ދެބޭފުޅުންގެ ދެމެދުގައި ހުރި ބޮޑެތި ޚިޔާލު ތަފާތުވުންތައް ފާޅުވެ ފެންނާން ފަށާފައި ވެއެވެ.
އެހެންކަމުން، އެކީގައި ކޯލިޝަން ވެރިކަމުގެ ދައުރު ފައްޓަވާ، އެކީގައި ދައުރު ދެބައި ކުރެއްވުމަށްފަހު، ކޯލިޝަން ސަރުކާރުގެ އެންމެ ބޮޑު ޕާޓީގެ ރައީސް ކޯލިޝަން ދޫކުރައްވާ ވަޑައިގަންނަވާއިރު، ދެބޭފުޅުންގެ ދެމެދުގައި ހުރި ހަގީގީ މައްސަލަތަކީ ކޮބައިކަން ދެބޭފުޅުންގެ ދުލުން ސާފުކޮށް ބަޔާން ކުރައްވާފައި ނުވިނަމަވެސް، ސާފުވާން އޮތް އެއް ހަގީގަތެއް އެބައޮތެވެ.

ދެބޭފުޅުންގެ މެދުގައި ހުފެދުނު ބޮޑެތި ޚިޔާލުތަފާތުވުންތަކަށް ހައްލެއް ލިބިގެން ނުދިޔަކަމެވެ. އަދި މި ޚިޔާލު ތަފާތުވުންތައް ގޯހުން ގޯހަށް ގޮސް، އެންމެފަހުން ރައީސް ނަޝީދު ސަރުކާރާ ފެއަށް ޖެހިވަޑައިގެން، ދަތުރުގެ މިސްރާބު މުޅިން އެހެން ދިމާލަކަށް ބަދަލު ކޮށްލައްވަން މިހާރު ވިސްނުންފުޅު ގެންގުޅުއްވާކަމެވެ. ނަޝީދު ވިދާޅުވެފައިވަނީ، އިސްލާމީ މެދުމިނުގެ ސިޔާސަތެއް ގެންގުޅުއްވާނަމަ، ދެން ސިޔާސީ މަސައްކަތް ކުރައްވަން ބޭނުންފުޅުވަނީ ޕީޕީއެމްއާ އެކީގައި ކަމަށެވެ.
ނަޝީދު ވިދާޅުވަނީ ދެން މަަސައްކަތް ކުރައްވާނީ ޕީޕީއެމްއާއެކީ ކަމަށް!
މިހާތަނަށް އެންމެ ފާޅުކަން ބޮޑު ގޮތެއްގައި، ރައީސް ސާލިހުއާމެދު އޮތް ހިންހަމަ ނުޖެހުން އާންމު ޕްލެޓް ފޯމެއްގައި ހާމަ ކުރައްވަމުން މަޖިލިސް ރައީސް ނަޝީދު ވިދާޅު ވެފައިވަނީ، މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދުކުރާނަމަ، ރައީސް ޔާމީންނާއި، ޕީޕީއެމްގެ އެހީއަށްއެދޭނެ ކަމަށާއި، ދެން މަސައްކަތް ކުރައްވަން ބޭނުންފުޅުވަނީ ރައީސް ޔާމިންއާއެކީ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ސަރުކާރު ކޯލިޝަންގެ ތެރޭގައި ތިބީ ގިނައިން ހަރުކަށި ފިކުރުތަކަށް ތާއީދު ކުރާ މީހުންކަމަށާއި، އެމީހުންނާއިއެކު ސިޔާސީ މަސައްކަތް ކުރައްވަން ބޭނުން ނުވާކަމަށާއި، ދީނީ ގޮތުން މެދު މިނުގެ ވިސްނުން ގެންގުޅުއްވާނަމަ ރައީސް ޔާމީންއާއި، ޕީޕީއެމްގެ އެހީތެރިކަމަށް އެދިވަޑައިގަންނަވަން ބޭނުންފުޅު ވާކަމުގައެވެ.
އެހެންނަމަވެސް، ރައީސް ނަޝީދު ތާއީދު ކުރައްވާ "މެދުމިނުގެ" ދީނީ ވިސްނުމަށް ޕީޕީއެމްއިން ތާޢީދު ކޮށްފާނެ ބާވައޭ މިއީ ހަމަ ޔަގީނުންވެސް އެތައްބައެއްގެ ހިތުގައި ނުއުފެދި ނުދާނޭ ސުވާލެއްކަން ޔަގީނެވެ.
ހަމަ އެއާއެކު، ރައީސް ނަޝީދު ޕީޕީއެމްއާއެކު މަސައްކަތް ކުރައްވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައިވި ނަމަވެސް، ރައީސް ނަޝީދު ވިދާޅުވަމުން ގެންދަވާ ދީނީ ހަރުކަށި ފިކުރު ޕީޕީއެމްގެ ތެރެއަށް ފެތުރިގެން ގޮސްފައި އޮތް މިންވަރު، މީގެކުރިން އެންމެ ހަރުއަޑުން ފާޅުކުރައްވަމުން، ހާމަ ކުރައްވަމުން ގެންދެވީ ޚުދު އެމްޑީޕީގެ އެންމެ އިސް ސަފުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނެވެ.
މިގޮތުން ފާހަގަ ކޮށްލަނަޖެހޭ އެންމެ މުހިންމު ނުކުތާއަކީ، ޕީޕީއެމްގެ ރައީސް، ރައީސް ޔާމިންގެ އެޑްވައިޒަރެއްގެ މަގާމުގައި މިއަދު ހުންނެވި އެއް ބޭފުޅަކީ، ފާއިތުވެދިޔަ ރިޔާސީ އިންތިޚާބުގައި އެމަނިކްފާނުގެ ޔާމިންގެ ރަނިންގެ މޭޓް ޑރ. ޝަހީމްކަމެވެ.
2018ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް، ރައީސް ޔާމިން ޑރ. ޝަހީމް އިޚްތިޔާރު ކުރެއްވުމާއެކު ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ރައީސް ޔާމިންގެ ރަނިންގމޭޓަކަށް އެމަނިކްފާނު ހަމަޖެއްސެވީ އައިސިސްގެ ހަގުރާމަވެރިން ރެކްރޫޓުކުރާ ބޭފުޅޭއް ކަމުގައެވެ.

އަދި މީގެ އިތުރުންވެސް، އެމްޑީޕީގެ އިސްސަފުގައި ތިއްބެވި އެތައް ބަޔަކު، ފާއިތުވެދިޔަ ތަނުގައި ގެންދިޔައީ، ޑރ. ޝަހީމްއަކީ، ހަރުކަށި ދީނީ ފިކުރުމުގެ ބޭފުޅެއްގައި ގޮތުގައި އެތަކެއް ޕްލެޓްފޯމެއްގައި ސިފަ ކުރަމުންނެވެ. މީގެތެރޭގައި ޑރ. ޝަހީމްއާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ އެތަކެއް ދީނީ އިލްމުވެރިންނެވެސް ހިމެނެއެވެ.
އެހެންކަމުން، ސަރުކާރުގެ ތެރޭގައި ދީނީ ހަރުކަށި ފިކުރުގެ މީހުން ގިނަވެގެން، ރައީސް ނަޝީދު ޕީޕީއެމްއައެކީ މަަސައްކަތް ކުރައްވަން ނިންމެވިނަމަވެސް، ޕީޕީއެމްގެ އެތެރެ އެތުރިފައި އޮތްގޮތަށް ބަލާއިރު، މިއީ އަދި ރައީސް ނަޝީދު އެވިދާޅުވާ މައްސަލައަށް ހައްލު ލިބިގެންދާނެ ވިސްނުންފުޅެއްކަމުގައި ދެކުމުގެ ފުރުސަތު ވަރަށް ކުޑަކަމުގައި ދަންނަވަން ޖެހެއެވެ.

އެހެންނަމަވެސް، ރައީސް ނަޝީދު ސާފުބަހުން އަދި ވިދާޅުވެފައި ނުވިނަމަވެސް، ބައެއް ބޭބޭފުޅުން ވިދާޅުވާ ގޮތުގައި، ރައީސް ޔާމިންއާއި ރައީސް ނަޝީދުގެ ވިސްނުންފުޅު އެއްގޮތް ކުރުމުގެ ފުރުސަތު އޮތް މައްސަލައެއް އެބައޮތެވެ. އެއީ ވެރިކަމުގެ ނިޒާމް ބަދަލު ކުރުމުގެ މައްސަލައެވެ. ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކޮށްލުމުގެ ވިސްނުންފުޅެވެ. ދެބޭފުޅުންނަކީ، 2007 ވަނަ އަހަރު ބޭއްވުނު ނިޒާމީ ވޯޓުގައި ބަރުލަމާނީއަށް ތާއީދު ކުރެއްވި ދެބޭފުޅުންނެވެ.
އެހެންނަމަވެސް، ޕީޕީއެމްގެ ލީޑަރޝިޕުން ފާޅުކޮށްފައިވާ ޚިލާޔުތަލާއި ހާމަކޮށްފައިވާ ވިސްނުންތަކަށް ބަލާއިރު، އެޕާޓީގެ ލީޑަރޝިޕްގެ ވިސްނުން ހުރީ އަދި ބަރުލަމާނީ ވިސްނުމަށް ފައްސިކޮށް ކަމަށް ނުބެލެވެއެވެ. މިއީވެސް ޕީޕީއެމްއައެކީ މަސައްކަތް ކުރެއްވުމަށް މިހާރު ކަމަރު ބަންނަވައިގެން ހުންނެވި މަޖިލިސް ރައީސް ނަޝީދަ ކުރިމަތި ވެވަޑައިގަންނަވާނޭ ބޮޑު ގޮންޖެހުމެއް ކަމުގައި ބެލެވެއެވެ.
ރައީސް ސޯލިހު ހަނު
ކޮންމެއަކަސް، ރައީސް ސޯލިހުއާއި ރައީސް ނަޝީދުއާއި ދެބޭފުޅުންގެ ދެމެދުގައި އޮތް ޚިޔާލު ތަފާތުވުންތައް ކިތައްމެހާވެސް ރަގަޅަށް ފާލުން ނެއްޓިފައިވާކަން ސާބިތުވާން ހުއްޓަސް، އަދި ރައީސް ނަޝީދު، ފާޅުގައި ރައީސް ސޯލިހުގެ ސިޔާސަތުތަކަށް ފާޑު ވިދާޅުމުން ގެންދެވި ނަމަވެސް، މި ފާޑު ކިއުންތަކާމެދު ރައީސް ސޯލިހުގެ ވިސްނުންފުޅު އެއްވެސް މިންވަރަކަށް ސާފެއް ނޫނެވެ.
ސަބަބަކީ، އެއްވެސް ނޫސް ކޮންފަރެންސ އެއްގައިވެސް، އަދި އެހެން ފޯރަމެއްގައިވެސް، ރައީސް ނަޝީދަށް އަމާޒުކޮށް ރައީސް ސޯލިހު ފާޑު ވިދާޅުވެފައި ނުވާއިރު، ރައީސް ނަޝީދުގެ ޝަކުވާތަކަށް ދެއްވާފައިވަނީ، ވަރަށް "ޑިޕްލޮމެޓިކް" ޖަވާބު ތަަކަކަށް ވާތީއެވެ.
މިގޮތުން އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު، މަޖިލިހުގެ ތެރެއިން ބަދަލު ކޮށްލުމަށް ރައީސް ނަޝީދު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ރައީސް ސޯލިހު ދެއްވި ފިނި ޖަވާބެވެ.
ރައީސް ސޯލިހު ވިދާޅުވެފައިވަނީ، ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލު ކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެކަނި ކަމުގައެވެ. ރައީސް ސޯލިހުގެ މި ޖަވާބުން، ބަރުލަމާނީ ނިޒާމަކަށް ކަމަރު ބަންނަވައިގެން ތިއްބެވި ބައެއް ބޭފުޅުންގެ ހިތްތައް ނުތަނަވަސްވެ ނާއުއްމީދު ވެގެން ދިއުމަކީ ފަހަރެއްގައި ވުން އެކަށީގެންވާ ކަމެކެވެ.
ހަމަ އެއާއެކު، ކުރިޔަށް އޮތީ 2023ގެ ރިޔާސީ އިންތިޚާބެވެ. މި އިންތިޚާބުގައި ވާދަ ކުރައްވާނެކަން ރައީސް ސޯލިހު ސާފުބަހުން ހާމަ ކުރައްވާފައި ނުވިނަމަވެސް، މިއިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރައްވާނެކަމަށް ސާފުބަހުން ނަޝީދުވަނީ ވިދާޅު ވެފައެވެ.

ކޮންމެއަކަސް، ރައީސް ސޯލިހުއާއި، ރައީސް ނަޝީދުއާއި ދެބޭފުޅުންގެ ސިޔާސީ ވިސްނުންފުޅު ދެކަފިވެ، ޕާޓީ ބައިބައިވެ، އަދި ޕާޓީގެ ތެރޭގައި ރަސްމީކޮށް ދެފެކްޝަން އުފެދިގެން ގޮސްފައިވާއިރު، މިއަދު ގިނަ ބަޔަކު ދެކެން ބާނުންވާނީ ނުވަތަ ސާފުވާން ބޭނުންވާނީ، ސަރުކާރުގެ އެންމެ މުހިންމު އެއްތަބު، ކޯލިޝަނާ ވަކިވެގެން ދާއިރު، މި ބޮޑު ބަދަލާ ގުޅޭގޮތުން ރައީސް ސޯލިހުގެ ވިސްނުފުޅު ހުރި ގޮތްކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.
ގިނަބަޔަކު ތިބީ، ރައީސް ނަޝީދު ސަރުކާރާ ފެއަށް ޖެހިވަޑައިގެންނެވީމަ، ސަރުކާރަށް އަންނާނީ ކިހާވަރެއްގެ ލޮޅުމެއްތޯ ބަލާށެވެ. އެތައްބަޔަކު ތިބީ، ދެން ކަން ވެގެންދާނީ ކިހިނެތްތޯ، ޝައުގުވެރިކަމާއެކީ ބަލާށެވެ. ގަބޫލު ކުރެވޭ ގޮތުގައި، ރައީސް ސޯލިހު ދެން ބާއްވާ ފްރެސް ކޮންފަރެންސްއެއްގައި، މި ގޮތުން އުފެދިފައިވާ ގިނަ ސުވާލުތަކެއް ޖަވާބު ލިބިގެން ދާނެއެވެ.
ކޮމެންޓު ފޮނުވާ