ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށެއްގެ ގޮތުގައި ޤާނޫނުލް ޢުޤޫބާތުގައި ހިމެނުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހަށް ރައްޔިތުންގެ ޝުޢޫރު އިންތިހާއަށް ފާޅު ކުރިނަމަވެސް ރައްޔިތުންގެ މަޖިލީހުން ރައްޔިތުންގެ އަޑު ނޭހިކަމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށެއްގެ ގޮތުގައި ޤާނޫނުލް ޢުޤޫބާތުގައި ހިމެނުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ގެންނަން ހުށަހެޅި އިސްލާހުތަކަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދިން ލަފައާ އެއްގޮތަށް ގެންނަ އިސްލާހުތަކެއް ނޫން ކަމަށް މިނިސްޓްރީންވެސް ވަނީ ބުނެފައެވެ. ކޮމެޓީން ވަނީ ބިލު ފާސްކޮށް، ތަޅުމަށްވެސް ފޮނުވާފައެވެ. މިހަފްތާގައި މިބިލް ތަޅުމުން ފާސްކުރާނެކަމަށް ބެލެވެއެވެ.
ޑރ.އިޔާޒު ވިދާޅުވީ ރައްޔިތުންގެ ތެރެއިން 2،000 އަށްވުރެ ގިނަ މީހުން ބިލާއިމެދު ކަންބޮޑުވުން ފާޅުކޮށް ޚިޔާލު ފޮނުވިނަމަވެސް މަޖިލީހުން އެކަމަށް އެއްވެސް އިޖާބައެއް ދީފައި ނުވާކަމަށެވެ. އަދި ބިލަށް ގިނަ ޚިޔާލުތަކެއް ފޮނުވިނަމަވެސް ކޮމިޓީން ބިލު ފާސްކޮށްފައިވަނީ ކުރިން އޮތްވަރަށް ވުރެވެސް ގޯސްކަމަށް ޑރ.އިޔާޒު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުން ރައްޔިތުންގެ އަޑެއްނޭހި، ނަފްރަތު ބިލު ގޯސްކަމަށް 2،000 އަށްވުރެ ގިނަ މީހުން ކޮމެޓީއަށް ފޮނުވި ޚިޔާލަށް ދިނީ ބީރު ކަންފަތެއް. ބިލު މިހާރު އޮތީ ހުށަހެޅި އިރަށްވުރެވެސް ގޯސްކޮށް.
– ޑރ.އިޔާޒު ވިދާޅުވިއެވެ.
ސަރުކާރުން ބިލު ހުށަހެޅިއިރު ބިލު އޮތް ގޮތާމެދު އިސްލާމިކް މިނިސްޓްރީން ގިނަ ކަންބޮޑުވުންތަކެއް ފާހަގަކޮށްފައިވެއެވެ. އެ ކަންބޮޑުވުންތަކާއެކު ބިލުގެ މާއްދާތައް އިސްލާހުކުރަން ފެންނަ ގޮތްތަކެއްވެސް މިނިސްޓްރީން ހުށަހަޅާފައިވެއެވެ.
އެގޮތުން ބިލުގެ ފުރަތަމަ މާއްދާ އިސްލާހުކޮށް އިސްލާމްދީނާ ޚިލާފަށް އުޅޭ މީހެއް ކަމުގައި ތުހުމަތުކުރުން މަނާކުރުމުގެ ބަދަލުގައި އިސްލާމްދީނާ ގުޅުވައި އާންމު ތަނެއްގައި އެއްވެސް މީހަކަށް އަނިޔާވެރިވުމަށް ގޮވައިލުން ނުވަތަ ހިތްވަރުދިނުން ކުށެއް ކަމުގައި ކަނޑައެޅުމަށް މިނިސްޓްރީން ހުށަހަޅާފައިވެއެވެ.
ނަމަވެސް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އެ މާއްދާ އިސްލާހުކޮށްފައިވަނީ ދީނީ އިލްމުެވރިންގެ މެދުގައި ރައުޔަ ތަފާތުވެފައިވާ މައްސަލައެއްގައި، އޭގެ ތެރެއިން ވަކި ރައުޔައެއްގައިވާ ގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން ނުވަތަ ކުރި އަމަލަކުން އެ މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ނުވަތަ އެފަދަ މާނާގައި އާންމު ތަނެއްގައި ސިފަކުރުން ނުވަތަ ތުހުމަތުކުރުމަކީ ކުށެއް ކަމުގައި ކަނޑައަޅާ ގޮތަށެވެ.
ކޮމިޓީގެ މެންބަރުން ވިދާޅުވަމުން ގެންދަވަނީ މި އިސްލާހަކީ އިސްލާމިކް މިނިސްޓްރީން ހުށަހަޅާފައިވާ ގޮތާ އެއްގޮތަށް ގެނައި އިސްލާހެއް ކަމަށެވެ. ނަމަވެސް އެ ވާހަކަ އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު ވަނީ ދޮގުކުރައްވާފައެވެ.
މިނިސްޓަރު ޒާހިރު ވިދާޅުވީ ބިލުގެ ފުރަތަމަ މާއްދާ އިސްލާހުކޮށްފައިވަނީ މިނިސްޓްރީގެ ލަފައާ އެއްގޮތަށް ނޫން ކަމަށެވެ. އަދި މިހާރު އޮތް ގޮތުން ދީނީ އިލްމުވެރިންގެ މެދުގައި އުފެދޭ ޚިޔާލުތަފާތުވުންތަކުގެ ތެރޭގައި ހުންނަ ޝާއްޛު ރައުޔަތަކަށް ޤާނޫނީ ހައިސިއްޔަތު ލިބިދާނެ ކަމުގެ ކަންބޮޑުވުން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ