މީޑިއާތަކުގެ މައްސައްލަތައް ބަލައި ފިޔަވަޅުއެޅުމުގެ ބާރު ގާނޫނުން ދީފައިވާ ފަރާތަކީ މީޑިއާ ކައުންސިލް ކަމަށާއި، ދައުލަތުގެ ވުޒާރާއަކު މީޑިއާ ތަކަށް އިންޒާރުދީ ފިޔަވާޅުއެޅުން ކުއްވެރިކުރާކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފި އެވެ.
ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އިން މީޑިއާތައް ޖޫރިމަނާކޮށް އިންޒާރު ދެމުންދާ މައްސަލައިގައި މީޑިއާ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އުމުރުން 13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައާ ގުޅިގެން ބައެއް މީޑިއާތަކުން ޚަބަރު ފަތުރަމުން އަންނަ ގޮތުން އެފަދަ މީޑިއާތަކަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އިން ޖޫރިމަނާކޮށް އިންޒާރުގެ ލިއުން ފޮނުވަމުންދާކަން ކައުންސިލްގެ ސަމާލުކަމަށް އައިސްފައި ވާކަމަށެވެ.
އަދި މީޑިއާގައި ޝާއިއުކުރާ ޝާއިއުކުރުންތަކުގެ މައްސަލަ ބެލުމުގެ ގާނޫނީ އިޚްތިސާސް ލިބިގެންވަނީ ކައުންސިލަށް ކަމަށް މީޑިއާ ކައުންސިލްގެ ބަޔާނުގައި ވަނީ ބުނެފައެވެ.
"ކައުންސިލާ އެއްވެސް މަޝްވަރާކުރުމެއް ނެތި ދައުލަތުގެ ވުޒާރާއަކުން ނޫސްތައް ޖޫރިމަނާކުރުމަކީ، މި ކައުންސިލުން ނުހަނު ކަންބޮޑުވާކަމެއް"
– މީޑިއާ ކައުންސިލް
އަދި އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އެމްއެމްސީގެ ބަޔާނުގައި ބުނެފައި ވެެއެވެ.
ގާނޫނާ ހިލާފުވާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ޚަބަރާއި މައުލޫމާތު ޝާއިއު ކުރުމުގައި، މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ ހަމަތަކާއި މިންގަނޑުތައް ބަޔާންކުރާ އުސޫލާއި، އެފަދަ ޝާއިއުކުރުންތަކާ ގުޅިގެން މީޑިއާތަކުގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެގޮތް ބަޔާންކުރާ އުސޫލު އެކުލަވާލުމުގެ ބާރު ލިބިދީފައިވަނީވެސް އެމްއެމްސީއަށް ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
އެހެންކަމުން ގާނޫނާ ހިލާފުވާ މީޑިއާތަކުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަކީ، ކައުންސިލުން ކުރަންޖެހޭކަމެއްކަމަށާއި، ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމެއްނެތި އިޖުރާއަތުން ބޭރުން، އެހެން ވުޒާރާއަކުން ނުވަތަ މުއައްސަސާތަކަށް އެފަދަ ފިޔަވަޅެއް މީޑިއާއަކާއި މެދު އެޅޭނެކަމަށް ގަބޫލު ނުކުރާ ކަމަށްވެސް އެމްއެމްސީން ވަނީ ބުނެފައެވެ. އަދި މިފަދަ އަމަލެއްގެ ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ އެތައް ދަރަޖައެއް ފަހަތަށް ހިނގައިދާނެކަމަށް ދެކޭކަމަށްވެސް އެމްއެމްސީން ވަނީ ބުނެފައެވެ.
ކުޑަ ކުއްޖާގެ މަރުގެ މައްސަލާގައި މީޑިއާ ކައުންސިލުން ޚަބަރުތައް މޮނީޓާ ކުރަމުންދިޔަ ކަން ފާހަގަކޮށް، އެ ޚަބަރުތަކުގައި ހިމެނޭ ގާނޫނުތަކާއި އުސޫލުތަކާއި ހިލާފަށް ހުރި ކަންކަން ދެނެގަތުމަށް އެސެސްމެންޓެއް ހެދުމުގެ މަސައްކަތްތައް ފަށާފައިވާކަމަށްވެސް މީޑިއާ ކައުންސިލުން ވަނީ ބުނެފައެވެ
"މި މައްސަލައިގައި އެސެސްމެންޓް ހަދައި، ވަކި ގޮތްތަކެއް ނުނިންމަނީސް އެކި ފަރާތްތަކުން މީޑިއާތަކާ މެދު ފިޔަވަޅު އަޅައި އިންޒާރުގެ ލިޔުން ފޮނުވައި މީޑިއާތަކަށް ބިރު ދެއްކުމުގެ އަމަލު ނުހިންގުމަށް ގޮވާލަން."
– މީޑިއާ ކައުންސިލް
މީޑިއާއެއްގައި ޝާއިއުކުރާ އެއްޗަކާ ގުޅޭ އެއްވެސް މައްސަލައެއް ފާހަގަވެއްޖެ ނަމަ މީޑިއާ ކައުންސިލަށް ޝަކުވާ ހުށަހެޅުމުގެ އިޖުރާޢަތްތަކާ އެއްގޮތަށް އެފަދަ ޝަކުވާއެއް ހުށާހަޅައިގެން ކުރިއަށް ދިއުމަށްވެސް އެމްއެމްސީން ވަނީ އެދިފައެވެ.