އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލާއެކު މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރަށް 19 ބިލެއް ހުށައެޅުމަށް ބަންޑާރަ ނައިބު ނިންމަވައިފިއެވެ. މިގޮތުން ހުށައަޅާ ގިނަ ބިލްތަކުގެ ތެރޭގައި ހިމެނެނީ މިހާރު ޢަމަލުކުރެވެމުންދާ ބައެއް ޤާނޫނުތަކަށް އިޞްލާހު ގެނައުމުގެ ބިލްތަކާއި، ޢާންމު ޤަވާދިުތަކާއިބެހޭ ޤާނޫނުގެ ދަށުން އެކުލަވާލާ ޤާނޫނުގެ ބިލުތަކެވެ.
މި ދައުރަށް 19 ބިލެއް ހުށައެޅުމަށް ނިންމާފައިވާއިރު، ތެރެއިން 8 ބިލެއް މިހާރު ވަނީ މަޖިލީހަށް ހުށައަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފަނޑިޔާރުގެ ޤާނޫނަށް އިޞްލާހު ގެނައުމުގެ ބިލާއި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބެހޭ ޤާނޫނަށް އިޞްލާހު ގެނައުމުގެ ބިލާއި، ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތަށް ޤާނޫނަށް އިޞްލާހު ގެނައުމުގެ 2 ބިލަކާއި، ޓެރަރިޒަމްގެ ޤާނޫނަށް އިޞްލާހު ގެނައުމުގެ ބިލާއި، އުފަންވުމާއި މަރުވުން ރަޖިސްޓްރީކުރުމާއި، އުފަންދުވަހުގެ ސެޓިފިކެޓް އަދި ދިވެހި ރައްޔިތެއްކަންއަންގައިދޭ ކާޑު ހެއްދުމާއި ބެހޭ ބިލާއި، ޖަނަވާރުގެ ޞިއްހަތާއި ބެހޭ ބިލުގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލެވެ.
މި ދައުރަށް ހުށައަޅާ އިތުރު ބިލުތަކުގެ ތެރޭގައި،
- ހެއްކާބެހޭ ބިލު
- އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލު
- ގިންތި ކަނޑައެޅުމާއި ދަރަޖަކުރުމުގެ ބިލު
- އިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ބިލު
- ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ވިޔަފާރިކުރުމުގެ ބިލު
- ޤާނޫނު ނަންބަރު 69/78 (ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު
- ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) އަށް … ވަނަ އިޞްލާޙު ގެނައުމުގެ ބިލު
- ޤާނޫނު ނަންބަރު 20/08 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) އަށް… ވަނަ އިޞްލާޙުގެނައުމުގެ ބިލު
- ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް ގެނައުމުގެ ބިލު
- ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް ގެނައުމުގެ ބިލު
- ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށް އިޞްލާހު ގެނައުމުގެ ބިލު
އޭޖީ އޮފީހުން ބުނީ، މި ލިސްޓުގައި ހިމެނޭ އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާ ބެހޭ ބިލާއި ޖަނަވާރުގެ ޞިއްޙަތާބެހޭ ބިލާއި ކާބޯތަކެތީގެ ބިލާއި އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލާއި ގިންތި ކުރުމުގެ ބިލަކީ ޢާންމު ގަވާއިދުތަކާ ބެހޭ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ބިލުތަކެއްކަމަށެވެ.
ކޮމެންޓު ފޮނުވާ