ކަމެއް ވިޔަ ނުދޭން ގަޑުބަޑު ކުރަން ވެއްޖެއްޔާ ސިޔާމް ހުންނާނެ: ހަސަންޓޭ

ކަމެއް ވިޔަ ނުދޭން ގަޑުބަޑު ކުރަން ވެއްޖެއްޔާ ސިޔާމް ހުންނާނެ: ހަސަންޓޭ

Author
ޢަލީ އާދަމް
06 ޖޫން 2021 01:52
0

ކަމެއް ވިޔަ ނުދޭން ގަޑުބަޑުކޮށްލަން ވެއްޖެއްޔާ މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ސިޔާމް މުޙައްމަދު ހުންނަވާނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު ޙަސަން އަޙްމަދު (ހަސަންޓޭ) ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ކުރިއަށްގެންދާ ޕާލަމެންޓަރީ އިންކުއަރީއަށް ސިޔާމް މިއަދު ހާޒިރުވެވަޑައިގަތުމުން އެކަމަށް ފާޑުވިދާޅުވެ ހަސަންޓޭ ވިދާޅުވީ ކުއްލިއަކަށް މިއަދު އިންކުއަރީގައި ސިޔާމް ބައިވެރިވެވަޑައިގަންނަވަނީ ކޮމިޓީގެ އެހެން އެއްވެސް ބައްދަލުވުމަށް ހާޒިރު ނުވެ ކަމަށެވެ. އަދި 2019 އިން ފެށިގެން މިހާތަނަށް ސިޔާމް ބައިވެރިވީ އެ ކޮމިޓީގެ އެންމެ ޖަލްސާއެއްގައި ކަމަށްވެސް ހަސަން ޓޭ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވާ ބައެއް އެހެން މެމްބަރުންވެސް މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ސިޔާމް ބައިވެރިވެވަޑައިގަތުމުން ވަނީ ފާޑު ވިދާޅުވެފަ އެވެ. އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު ވިދާޅުވީ، މަޖިލީހަށް އެއްގޮތަކަށް ވަޑައިނުގަންނަވައި 2 އަހަރެއްހާ ދުވަސް ކުރައްވާފައި، ކުއްލިއަކަށް މިއަދު ކޮމިޓީއަށް ސިޔާމް ވަޑައިން މިއިންނެވީ ކާކު އަންގައިގެން ކޮންފަދަ ބޭނުމަކު ބާވައޭ ހިތަށް އަރާ ކަމަށެވެ.

މީގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، އަހަރު ދުވަހު މަޖިލީހަށް ހާޒިރުވެވަޑައިނުގެން މިއަދު ކުއްލި ގޮތަކަށް 241 ކޮމިޓީއަށް ސިޔާމް ވަޑައިގަތުމުން މަޖިލީހުން ހިންގާ އިންކުއަރީ ސީރިއަސް ވަމުން ދާކަން ހާމަވެގެން ދާކަމަށެވެ.

ސިޔާމް ފާހަގަކުރެވެނީ ވޭތުވެ ދިޔަ މަޖިލީސް ތަކުގައި ވެސް އަދި މިހާރުގެ މަޖިލީހުގައި ވެސް އެންމެ ހާޒިރީދަށް ބޭފުޅާގެ ގޮތުގައެވެ.

241 ކޮމިޓީން މިހާރު ކުރިއަށްގެންދާ ޕާލަމެންޓަރީ އިންކުއަރީގެ ބައްދަލުވުންތަކެއް އިއްޔެވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ނަމަވެސް އެ ބައްދަލުވުން ތަކުގައި ވެސް ސިޔާމް ބައިވެރިވެވަޑައި ނުގަންނަވައެވެ. އިންކުއަރީގައި މިއަދު އަދި މިހާތަނަށް ހާޒިރުކޮށް ސުވާލުކޮށްފައިވަނީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މުޙައްމަދު އަސްލަމާއި މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުޙައްމަދާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.