އިންކުއަރީއަށް ސީޕީ ޙަމީދު ޙާޒިރުކޮށްފި

އިންކުއަރީއަށް ސީޕީ ޙަމީދު ޙާޒިރުކޮށްފި

Author
މުޙައްމަދު ޖިމީ
05 ޖޫން 2021 12:43
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ހަދަމުންދާ ޕާލިމަންޓްރީ އިންކުއަރީއަށް މަޢުލޫމާތު ސާފުކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ޙަޒިރުކޮށްފިއެވެ.
ހަމަލާގެ އާއި ގުޅިގެން އިންކުއަރީ ހަދަމުންދާ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓިއަށް ސީޕީ ހަމީދު ހާޒިރުކޮށްފައިވަނީ ސަލާމަތީ ޚިދުމަތްތަކުގެ އިންޓެލިޖެންސް ނިޒާމާއި ގުޅޭ މަޢުލޫމާތު ސާފުކުރުމަށެވެ. ސީޕީ ޙާޒިރުކުރި ކޮމިޓީ ބައްދަލުވުން ވަނީ ސިއްރުކޮށްފައެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމިދުގެ އިތުރުން ބައެއް ވަކިވަކި ފުލުހުންވެސް ކޮމިޓީއަށް ޙާޒިރުކުރުމަށް ނިންމާފައިވެއެވެ. އެގޮތުން ފުލުހުންގެ އިސްކޮށްތިއްބެވި 5 ބޭފުޅުން ކޮމިޓީއަށް ޙާޒިރުކުރުމަށް ނިންމާފައިވެއެވެ.

ސީޕީ ހިމެނިވަޑައިގަންނަވާހެން ވަކިވަކި ފުލުހުން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީއަށް ޙާޒިރުކުރުމަށް ކުރުމަށް ނިންމާފައިވާއިރު، ފުލުހުން ވަނީ ވަކިވަކި ފުލުހުން ކޮމިޓީއަށް ޙާޒިރުކުރުމަށް އެއްބާރުލުން ދެއްވާނެކަމަށް ބުނެފައެވެ.

ނަމަވެސް އެމްއެންޑީއެފް އިން ވަނީ ވަކިވަކި ސިފައިން ކޮމިޓީއަށް ޙާޒިރުވުމުގެ ބަދަލުގައި، މަޖިލީހަށް ޖަވާބުދާރީވާނީ ސިފައިންގެ މުއައްސަސާއިންކަމަށް ބުނެ، އެމްއެންޑީއެފް އިން ބުނީ ސަލާމަތީ ޚިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވަނީ ސަލާމާތީ ޚިދުމަތްތަކާ ޙަވާލުވެ ހުންނަވާ ވަޒީރުކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާކަމަށެވެ. އަދި ސިފައިންގެ ކޮންމެ މީހަކު ވެސް އެ މީހަކަށް ލިބިފައިވާ ޤާނޫނީ ބާރާއި އިޚްތިޔާރުގެ ބޭނުން ހިފާ ގޮތާމެދުގައާއި އެމީހެއްގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާމެދު ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޖަވާބުދާރީވާން ޖެހޭނީ ޗީފް އޮފް ޑިފެންސް ފޯސްއަށް ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ހިނދު ޗިފް އޮފް ޑިފެންސް ފޯސްގެ މަސްއޫލިއްޔަތު އަދާކުރާގޮތާ މެދު ޖަވާބުދާރީވާން ޖެހޭނީ މިނިސްޓަރަށްކަމަށް ޤާނޫނުގައިވާކަން މި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އަދި ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް މަޢުލޫމާތެއް ސިފައިންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ފިޔަވައި އެހެން ފަރާތަކަށް ހިއްސާކުރުމަކީ ކުށެއްކަމުގައި ބަޔާންކޮށްފައިވާތީ ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތް ބެލުމަށްޓަކައި ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ ސިފައިންގެ އަސްކަރީ ޚައިރާކީއާއި ސިފައިންގެ "ޗެއިން އޮފް ކޮމާންޑް"އާއި "ކޮމާންޑް އެންޑް ކޮންޓްރޯލް" އަދި ސިފައިންގެ ތެރޭގައި ޒަމާނުއްސުރެ ޤާއިމްކުރެވިފައި އޮތް އުޞޫލުތަކާ ޚިލާފް ކަމެއްކަން ވަނީ ބުނެފައެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ކޮމިޓީން ހިންގާ އިންކުއަރީއަށް މައުލޫމާތު ސާފުކުރުމަށް، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ އަބްދުﷲ ޝަމާލްއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ޖެނެރަލް އަބްދުއްރަހީމް އަބްދުލް ލަތީފް ހާޒިރުވުމަށް ވަނީ އަންގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.