ފަރުވާ ދިނުން ލަސްވުމުގެ ސަބަބުން ނިޔާވި މިޝްކާގެ މަރުގެ މައްސަލާގައި އިހުމާލުވެފައިވާ ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަޙްޤީޤެއް ހިންގުމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ އަޙްމަދު ހައިލަމް ގޮވާލައްވައިފިއެވެ. ހައިލަމް މިކަމަށް ގޮވާލެއްވީ، 10 އަހަރުގެ މިޝްކާއަށް ފަރުވާ ދިނުން ލަސްވީ، ކަމާ ގުޅުންހުރި ފަރާތްތަކުގެ ބޮޑެތި އިހުމާލާ އޮޅުވާލުންތަކުގެ ސަބަބުންކަން ހާމަވުމާއެކުއެވެ.
މިޝްކާގެ މަރާއި ގުޅިގެން މިނިސްޓްރީ އޮފް ހެލްތުން ހެދި ރިވިއުގައި ވަނީ ކަންބޮޑުވާ އެތައް ކަމެއް ހާމަވެގެންގޮސްފައެވެ. އެގޮތުން ގޮތުން މިޝްކާގެ ޙާލަތު މޭއިމަހުގެ 31 ވަނަ ދުވަހުން ފެށިގެން ގޯސްވާން ފަށާފައިވާއިރު އެކަން ޢާއިލާއިން އެޗްޕީއޭއާއި ހިއްސާކުރަމުން ގޮސްފައިވާކަމާއި، އެރޭ މިޝްކާގެ ޙާލަތު އިތުރަށް ގޯސްވަމުންދިޔަކަން ޢާއިލާއިން ހިއްސާކުރުމުން އެމަރޖެންސީގައި ޢަމަލުކުރަންޖެހޭ ގޮތަށް އެޗްޕީއޭގެ ކޯލް ސެންޓަރުން ޢަމަލުކޮށްފައިނުވާކަންވެސް ހާމަވެފައިވެއެވެ. އެގޮތުން އިމަރޖަންސީއެއްގެ ގޮތުގައި ރިޕޯޓްކުރެވުނު ހިސާބުން އެމްބިއުލަންސް އެކްޓިވޭޓްނުކުރެވި 2 ގަޑިއިރާއި 26 މިނެޓް ހޭދަވެފައިވާކަންވަނީ ރިވިއުއިން ހާމަވެފައެވެ. ނަމަވެސް އެމްބިއުލަންސް ފޮނުވާފައިވާކަމަށް ބުނެ އާއިލާއަށް އެޗްއީއޯސީން ދޮގުހަދާފައިވާކަންވެސް އެރިޕޯޓުން ހާމަވެއެވެ.
މިކަމާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ އަޙްމަދު ހައިލަމް ވިދާޅުވީ، އިމަރޖެންސީއެއްގެ ގޮތުގައި ރިޕޯޓު ކުރެވުނު ފަހުން އެންބިއުލަންސް ފޮނުވަން 2 ގަޑިއިރާއި 26 މިނިޓް ނެގުމުން އިހުމާލު އޮތް މިންވަރު ހާމަވެގެންދާކަމަށެވެ. މިކަމުގައި އިހުމާލު ވެފައިވާ ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަޙްޤީޤެއް ހިންގުމަށް ހައިލަމް ވަނީ ގޮވާލައްވާފައެވެ.
އިމަރޖެންސީއެއްގެ ގޮތުގައި ރިޕޯޓު ކުރެވުނު ފަހުން އެންބިއުލަންސް ފޮނުވަން 2 ގަޑިއިރާއި 26 މިނިޓް ނެގުމުން އިހުމާލު އޮތް މިންވަރު ހާމަވެގެންދޭ.
މިކަމުގައި އިހުމާލު ވެފައިވާ ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަޙްޤީޤެއް ހިންގުމަށް ގޮވާލަން. @PoliceMv @PGO_MV #JusticeForMishka https://t.co/Gnj1jdDh1I— Ahmed Hailam (@AhmedHailam) June 4, 2021
މިޝްކާގެ މަރާއި ގުޅިގެން މިނިސްޓްރީ އޮފް ހެލްތުން ނެރުނު ރިވިއު ރިޕޯޓްގައި ބުނެފައިވާގޮތުގައި މިޝްކާއަށް ސިއްޙީ އެހީ ފޯރުކޮށްދިނުމުގައި، އެއީ އިމަރޖެންސީ ހާލަތެއްކަމުގައި ބެލިފައިނެތުމާއި އެފަދަ ހާލަތެއްގައި ޢަމަލުކުރަންޖެހޭ ގޮތަށް ޢަމަލުކޮށްފައިނެތުމާއި އެމްބިއުލަންސް ޓްރިގަރ ކުރަންޖެހޭ ވަގުތުގައި އެކަންކޮށްފައިނުވާކަމަށް ބުނެފައިވެއެވެ. އަދި އިމަރޖެންސީއެއްގެ ގޮތުގައި ރިޕޯޓްކުރެވުނު ހިސާބުން އެމްބިއުލަންސް އެކްޓިވޭޓްނުކުރެވި 2 ގަޑިއިރާއި 26 މިނެޓް ހޭދަވެފައިވާކަމަށާއި، މިއީ އިމަރޖެންސީ ހާލަތަކަށް ވީހިނދު، އަދި ޑީ.އެމް.އާރ.ޓީ އާއި ސީ.މެޓަށް އެމަޢުލޫމާތު ހިއްސާކުރެވި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި އެއްގޮތަށް އެމްބިއުލަންސް ފޮނުވަން އަންގާފައިނުވާކަވެސް ބަޔާންކޮށްފައިވެއެވެ. މިކަމާއި ގުޅިގެން އެޗްއީއޯސީއަށް ލިބިފައިވާ ކޯލް ލޮގްތަކަށް ބަލާއިރު، ކުއްޖާގެ ހާލަތުގެ ސީރިއަސްކަމާއި އެހީއަށް ބޭނުންވެފައިވާ އަވަސް މިންވަރު ކޯލް ސެންޓަރަށް ބެލިފައި ނުވާކަމަށްވެސް ބުނެފައިވެއެވެ.
ކުއްޖާ ނިޔާވީ ކަމާ ގުޅުންހުރި ފަރާތްތަކުގެ ބޮޑެތި އިހުމާލުންކަން ހާމަވުމާއެކު އެތައް ބަޔަކު ދަނީ ހެލްތު މިނިސްޓްރިއާއި އެޗްއީއޯސީއަށް ފާޑުކިޔައި، އެތަންތަނުގެ ވެރިންނާއި، މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.
ކޮމެންޓު ފޮނުވާ