ކޯވީޑް-19ގައި އިތުރު 5 މީހަކު ނިޔާވެއްޖެއެވެ.
އެޗްޕީއޭއިން ބުނީ ނިޔާވި 5 މީހުންގެ ތެރޭގައި ހިމެނެނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި 4 މީހުންނާއި، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން އައި މީހެއްކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ، ޢުމުރުން 72 އަހަރުގެ އަންހެނަކާއި، 64 އަހަރުގެ އަންހެނަކާއި، 79 އަހަރުގެ އަންހެނަކާއި، 28 އަހަރުގެ އަންހެނެއްގެ އިތުރުން 68 އަހަރުގެ އަންހެނެކެވެ. މިއާއެކު މިބަލީގައި ނިޔާވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 182އަށް އަރާފައެވެ.
ފަހަކަށް އައިސް ރާއްޖޭގައި ކޯވިޑްގައި ނިޔާވާ މީހުންގެ ޢަދަދު ވަނީ އިތުރުވެފައެވެ. ނަމަވެސް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަނީ ދަށަށްދާން ފަށާފައެވެ.
ކޯވިޑް ބަލީގައި ހާލު ދެރަވުމުގެ ސަބަބުން އުމުރުން 7 އަހަރުގެ ކުއްޖަކަށް ވެންޓިލޭޓަރުގައި މިހާރުވެސް އަންނަނީ ފަރުވާދެމުންނެވެ. މިބަލީގައި މިޖޫންމަހުގެ ފުރަތަމަ ދުވަހު އެކަނިވެސް 8 މީހުން ވަނީ ނިޔާވެފައެވެ. އަދި މިދިޔަ މެއިމަހަކީ ކޯވިޑް ބަލީގެ ނުރައްކާ އެންމެ ބޮޑުވެ މިބައްޔަށް ގިނަ މީހުން ޕޮޒިޓިވްވެ، މިބަލީގައި އެންމެ ގިނަ މީހުން ނިޔާވެފައިވާ މަހެވެ.
ކޮމެންޓު ފޮނުވާ