ރާއްޖޭގައި ކޯވިޑް-19ގެ ވެކްސިންގެ 2 ވަނަ ޑޯޒް ޖަހައި ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު 171،115އަށް އަރައިފި އެވެ.
އިއްޔެ ރާއްޖޭގެ އެކި ރަށްރަށުން 1،010މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެ މާލެ ސަރަހައްދުގައި 325މީހަކު ދެވަނަޑޯޒް ޖަހާފައިވާއިރު، އަތޮޅުތެރޭގެ އެކި ރަށްރަށުން 685މީހުންވަނީ ވެކްސިންގެ 2 ވަނަ ޑޯޒް ޖަހާފައެވެ.
މީގެ އިތުރުން އިއްޔެ 391 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒް ވެސް ޖަހާފައި ވެއެވެ. އެއީ މާލެ ސަރަހައްދުން 105މީހުން އަދި އަތޮޅުތެރޭގެ އެކި ރަށްރަށުން 286މީހުނެވެ. މިއާއެކު ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމަލް ޢަދަދުވަނީ 311،225އަށް އިތުރުވެފައެވެ.
މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިން ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 11 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 4 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 240 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.
ކޮމެންޓު ފޮނުވާ