އެމެރިކާއިން ރާއްޖެއަށް މެޑިކަލް އިކުއިޕްމަންޓް ފޯރުކޮށްދީފިއެވެ. އެމެރިކާއިން ފޯރުކޮށްދިން އެހީގެ ސާމާނު ހިފައިގްނެ މިއަދު ވަނީ ރާއްޖެއަށް ޗާޓަރު ފްލައިޓެއް އައިސްފައެވެ.
އެމެރިކާ އެމްބަސީން ބުނީ، ދިވެހިރާއްޖެއާއި ދެކުނު އޭޝިއާގެ ފަސް ގައުމެއްގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވެފައިވާ ދަނޑިވަޅުގައި، ރާއްޖޭގެ އަދި މި ސަރަހައްދުގެ އެހެން ގައުމުތަކުގެ ރައްޔިތުންނާއިއެކު ސާބިތުވެހުރުމަށް އެމެރިކާގެ ފަރާތުން ނިންމާފައިވާނިންމުމާއި އެއްގޮތަށް އެހީ ފޯރުކޮށްދިނުމަށް ދަނީ ހަރަކާތްތެރިވަމުންކަމށެވެ. މިގޮތުން އެމެރިކާގެ ރައްޔިތުން ހަދިޔާކޮށްފައިވާ ރާއްޖެއަށް ބޭނުންވާ އެމަޖެންސީ ސަޕްލައިތަކާއިއެކު އެމެރިކާއިން ފޮނުވި ފްލައިޓް ރާއްޖެ އައުން ފާހަގަކުރުމަށް މިއަދު ބޭއްވުނު އޮންލައިން ވުމެއްގައި އެމެރިކާ އެމްބަސީގެ ޗާޖޭ ޑި އެފެއާރޒް މާޓިން ކެލީއާއި، ޔޫއެސް.އޭ.އައި.ޑީ ގެ މިޝަން ޑައިރެކްޓަރ ރީޑް އެޝްލިމަން ވަނީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލް ގަފޫރު މުހައްމަދު އާއި މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު ޑރ ޝާހު އަބްދުﷲ މާހިރުއާއެކު ބައިވެރިވެފައެވެ. މި ސަޕްލައިތަކުގެ ތެރޭގައި ޕަލްސް އޮކްސިމީޓްއާއި، ގޮގޮލްސްއާއި، އަންގ އަދި ކޭ.އެން95 މާސްކް ހިމެނެއެވެ.

ކޮވިޑް-19 ކޮންޓްރޯލްކުރުމާއި، މި ބަލިމަޑުކަމުގައި ފުރާނަ ސަލާމަތްކުރުމަށް ރާއްޖޭން ކުރާ މަސައްކަތްތަކަށް ޔޫ އެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫ.އެސް.އޭ.އައި.ޑީ) މެދުވެރިކޮށް އެމެރިކާގެ ފަރާތުންވަނީ މިހާތަނަށް 2.75 މިލިއަން ޑޮލަރުގެ އެހީއާއި، 60 ވެންޓިލޭޓަރު ފޯރުކޮށްދީފައެވެ. މީގެ އިތުރުން ޔޫ.އެސް.އޭ.އައި.ޑީ ގެ ފަރާތުންވަނީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނަށް ކޮވިޑް މެނޭޖްކުރުމަށް ކްލިނިކަލް ޓްރޭނިން ފޯރުކޮށްދީ، މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ގާބިލުކަން އިތުރުކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި މަދަނީ ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން ކޮވިޑް-19 ބަލިމަޑުކަމާއި ގުޅޭގޮތުން އިޖުތިމާއީ ރައްކާތެރިކަން އިތުރުކުރުމަށް މަސައްކަތްވަނީ ކޮށްފައެވެ. މިގޮތުން، އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށް އަމާޒުކޮށް ކޮވިޑުން ރައްކާތެރިވުމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ވަނީ ރާއްޖޭގައި ހިންގާފައެވެ. އަދި މީގެ އިތުރުން އެމެރިކާގެ ފަރާތުން ދަނީ ކޮވިޑްއާ ގުޅިގެން އިގްތިސާދީ ގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖޭގެ އިގްތިސާދީ އަދި މާލީ ސިޔާސަތު ހަރުދަނާކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްކަށް އެހީތެރިކަން ފޯރުކޮށްދެމުންކަމށް އެމެރިކާ އެމްބަސީން ބުންޏެވެ.

އެމެރިކާގެ ފަރާތުންވަނީ 2001 ވަނަ އަހަރުން ފެށިގެން ދިވެހި ސަރުކާރާއި ރައްޔިތުންނަށް އެކި އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދީފައެވެ. މިގޮތުން ޔޫ.އެސް.އޭ.އައި.ޑީ މެދުވެރިކޮށް ރާއްޖޭގެ ތިމާވެއްޓާ ގުދުރަތީ މާހައުލު ހިމާޔަތްކުރުމާއި، ހަކަތައާއި ރައްކާތެރި ބޯފެން ފޯރުކޮށްދިނުމާއި، ދައުލަތުގެ އިދާރާތަކުގެ ގާބިލުކަން އިތުރުކުރުމަށް ޖުމްލަ 20 މިލިއަން ޑޮލަރުގެ އެހީތެރިކަން މިހާތަނަށް ފޯރުކޮށްދީފައެވެ. ޔޫ.އެސް.އައި.ޕީގެ ފަރާތުން މިއަދު ފޯރުކޮށްދީފައިވާ އެހީތެރިކަމަކީ މި ޕްރޮގްރާމްތަކުގެ މައްޗަށް ބިނާކޮށް، ކޯވިޑް-19 މެނޭޖްކޮށް ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއަށް ބޭނުންވާ ފަންނީ އެހީތެރިކަމާ، ތަމްރީނާއެކު ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ތަރައްގީކޮށް ހަރުދަނާކުރުމަށް ފޯރުކޮށްދޭ އެހީއެކެވެ.
އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދިން އެހީއަށް ރައީސުލްޖުމްހޫރިއްޔާއާއި ފޮރިން މިނިސްޓަރުވެސް ވަނީ ޝުކުރުއަދާކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ