ހެލްތު މިނިސްޓޤރީން އިހުމާލުވެ، ފަރުވާދިނުން ލަސްވެގެން މިޝްކާ ނިޔާވި މައްސަލަ ތަހުގީގްކޮށް ނެރެންބުނި ރިޕޯޓް ނުނެރެވުނުކަމަށާއި، ހެލްތު މިނިސްޓަރާއި އެޗްއީއޯސީވެސް ގެއްލިޖެކަމަށް މާލެސިޓީ ކައުންސިލްގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
ޝުޖާޢު މިހެން ވިދާޅުވެފައި މިވަނީ، މިޝްކާ ނިޔާވި މައްސަލަ ތަހުގީގްކޮށް ބުދަ ދުވަހުގެ ރޭ ނެރެވޭނެކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވި ރިޕޯޓް މިހާތަނަށްވެސް ނެރެފައި ނުވާތީ އެކަމަށް ފާޑުވިދާޅުވެ ދެއްވި ރައްދުގައެވެ. ހެލްތު މިނިސްޓްރީން މިއަދު ބުނެފައިވަނީ، ފަރުވާ ދެވުން ލަސްވެގެން ނިޔާވި ފާތިމަތު މިޝްކާ މުހައްމަދުގެ މަރާ ގުޅިގެން ކުރަމުންގެންދާ ތަހުޤީގު ލަސްވަނީ ގިނަ ކަންތައްތަކެއް ބަލަންޖެހޭތީކަމަށެވެ.
ޝުޖާއު ވިދާޅުވީ، މިޝްކާގެ މަރުގެ މައްސަލަ ބެލުމަށްފަހު ރިޕޯޓެއްވެސް ނުނެރެވުނުކަމަށާއި، ހެލްތު މިނިސްޓަރ އަޙްމަދު ނަސީމާއި، އެޗްއޯސީވެސް ގެއްލިއްޖެކަމަށެވެ. ޝުޖާއު ވަނީ އިއްޔެ އިއްޔެ އެމްބިއުލަންތެރޭގައި މާބަނޑުމީހަކު ވިހައި، އޭނާގެ ދަރިފުޅު ނިޔާވިކަންވެސް ހާމަކުރައްވާ، ޤައުމުގެ ރައީސް ކޮވައިތޯ ސުވާލުކުރައްވާފައެވެ.
ކުޑަކުއްޖަކު އިހުމާލުން މަރުވެއްޖެ. މާބަނޑުމީހަކަށް ނަރުހެއްގެ އެހީވެސް ނުލިބި އެމްބިއުލާންސް ތެރޭ ވިހައި ދަރިފުޅު މަރުވެއްޖެ. ގައުމުގެ ރައީސް ކޮބައިތޯ؟”ސޮރީ” ފުއްދައެއް ނުލެވޭނެ.
– އިބްރާހީމް ޝުޖާޢު
އަންގާރަދުވަހުގެ ރޭ އުމުރުން 10 އަހަރުގެ މިޝްކާގެ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދަން ގުޅުމުން އެމްބިއުލެންސް އައީ ވަރަށް ލަސްވި ފަހުންކަމަށް އެކުއްޖާގެ އައިލާއިން ވަނީ ބުނެފައެވެ. އެގޮތުން މިޝްކާގެ ހާލު ދެރަވެގެން އެމްބިއުލެންސަށް ގުޅީ އަންގާރަ ދުވަހުގެ ރޭ 9:00 ޖެހިއިރު ކަމަށާއި ނަމަވެސް އެމްބިއުލެންސް އައީ އޭގެ 2 ގަޑިއިރަށްވުރެ ފަހުންކަމަށް އާއިލާއިން ބުނެއެވެ. އަދި އެމްބިއުލާންސް ލަސްވުމުން އެޗް.ޕީ.އޭގެ އިތުރުން އައި.ޖީ.އެމް.އެޗްގެ އެމްބިއުލެންސަށްވެސް ގުޅިކަމަށް މިޝްކާގެ އާއިލާއިން ބުނެއެވެ. އެޗްޕީއޭ ބުނީ މިޝްކާ ނިޔާވީ އަންގާރަ ދުވަހުގެ ރޭ ދަންވަރު 12:10 ގައި، އައިޖީއެމްއެޗް އިމަޖެންސީގައި ފަރުވާ ދެމުން ދަނިކޮށްކަމަށެވެ.
މި މައްސަލަ ބަލައި ރިޕޯޓް ޢާންމުކޮށް އިހުމާޅުވި މީހުންނާމެދު ފިޔަވަޅު އަޅާނެކަމަށް ނަސީމް ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ