"ނަސީމްގެ ބޮލަށް މުޅި މައްސަލަ ކަނޑާލާފަ، ރައީސްއާއި ވަޒީރުން ގެއްލުނީމަ މިކަން ހައްލުވޭތޯ؟"

"ނަސީމްގެ ބޮލަށް މުޅި މައްސަލަ ކަނޑާލާފަ، ރައީސްއާއި ވަޒީރުން ގެއްލުނީމަ މިކަން ހައްލުވޭތޯ؟"

Author
މުޙައްމަދު ޖިމީ
04 ޖޫން 2021 12:44
0

ފަރުވާދިނުން ލަސްވެގެން މިޝްކާ ނިޔާވ،ެ ބޮޑު ހިތާމައެއް ޤައުމަށް ކުރިމަތިވެފައި މިއޮތް ދަނޑިވަޅުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ބަހެއް ވިދާޅުވާން ނުކެރުނުކަމަށް ވިދާޅުވެ، ޕީއެންސީގެ ނާއިބު ރައީސް މުޙައްމަދު ސަޢީދު ފާޑުވިދާޅުވެއްޖެއެވެ.

އަންގާރަދުވަހުގެ ރޭ އުމުރުން 10 އަހަރުގެ މިޝްކާގެ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދަން ގުޅުމުން އެމްބިއުލެންސް އައީ ވަރަށް ލަސްވި ފަހުންކަމަށް އެކުއްޖާގެ އައިލާއިން ވަނީ ބުނެފައެވެ. އެގޮތުން މިޝްކާގެ ހާލު ދެރަވެގެން އެމްބިއުލެންސަށް ގުޅީ އަންގާރަ ދުވަހުގެ ރޭ 9:00 ޖެހިއިރު ކަމަށާއި ނަމަވެސް އެމްބިއުލެންސް އައީ އޭގެ 2 ގަޑިއިރަށްވުރެ ފަހުންކަމަށް އާއިލާއިން ބުނެއެވެ. އަދި އެމްބިއުލާންސް ލަސްވުމުން އެޗް.ޕީ.އޭގެ އިތުރުން އައި.ޖީ.އެމް.އެޗްގެ އެމްބިއުލެންސަށްވެސް ގުޅިކަމަށް މިޝްކާގެ އާއިލާއިން ބުނެއެވެ. އެޗްޕީއޭ ބުނީ މިޝްކާ ނިޔާވީ އަންގާރަ ދުވަހުގެ ރޭ ދަންވަރު 12:10 ގައި، އައިޖީއެމްއެޗް އިމަޖެންސީގައި ފަރުވާ ދެމުން ދަނިކޮށްކަމަށެވެ.

މިޝްކާ ނިޔާވުމުން ގިނަ ބަޔަކު ދަނީ އެކަމުގެ ހިތާމަ ފާޅުކޮށް، އިހުމާލުވީ ފަރާތްތަކަށް ފިޔަވަޅުއެޅުމަށް ގޮވާލަމުންނެވެ.

މިކަމަށް އިޝާރާތްކުރައްވާ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވަނީ،، ހެލްތު މިނިސްޓަރ އަޙްމަދު ނަސީމްގެ އިސްތަށިފުޅުގައި މުޅި މައްސަލަ އެޅުއްވުމަށްފަހު، ރައީސުލްޖުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞަލިޙާއި، ވަޒީރުން ގެއްލުމުން މިކަން ހައްލުވާނެތޯ ސުވާލު ކުރައްވަފައެވެ.

ތުއްތު ދަރިފުޅު ވަނީ ދުނިޔެއާއި އަލްވަދާޢު ކިޔާފަ، އާއިލާއާއި މުޅި ޤައުމު ރޮއްވާފަ! ކުޑަމިނުން މިއޮއްބޮޑު ހިތާމާގައި ރައީސުލްޖުމްހޫރިއްޔާއަށް ބަހެއް ބުނެލަން ނުކެރުނު!؟

– މުޙައްމަދު ސަޢީދު

މިޝްކާ ނިޔާވި މައްސަލާގައި ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވަނީ މިޝްކާގެ އާއިލާއަށް ގުޅުއްވާ މަޢާފަށް އެދިވަޑައިގެންފައެވެ. ހެލްތު މިނިސްޓަރ  އަޙްމަދު ނަސީމް ވިދާޅުވީ، ރައީސް ޞާލިޙްވެސް އެ އާއިޅާއަށް ގުޅުއްވާ ތަޢުޒިޔާ ވިދާޅުވިކަމަށެވެ.

ކޯވިޑަށް ޕޮޒިޓިވްވުމުން އާއިލާއެކު ކަރަންޓީނުގައި ހުރި މިޝްކާ ހާލަތު ގޯސްވެ ފަރުވާދިނުމަށް ގިނަ ވަގުތުތަކެއް ހޭދަވެގެންދިޔަކަމަށް ހެލްތު މިނިސްޓަރ ނަސީމް ވިދާޅުވެފައިވެއެވެ. އަދި މިކަމުގެ ސަބަބުން އެ ކުއްޖާގެ ހާލު ސީރިއަސްވެ، އެ ކުއްޖާ ނިޔާވި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަކަމަށާއި، މި މައްސަލައިގެ ތަހުޤީގު ނިންމާ އެކަމުގައި އިހްމާލުވި ބަޔަކު ހޯދާ ފިޔަވަޅު އަޅުއްވާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

މިޝްކާގެ މަރައެކު ގިނަ ބަޔަކު ދަނީ ހެލްތު މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލައްވަމުންނެވެ. އަދި ބޮޑެތި ފާޑުކިއުން މިނިސްޓްރީއަށާއި، އެޗްޕީއޭއަށް އަމާޒުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.