ވަކިވަކި ސިފައިން ކޮމިޓީއަކަށް ޙާޒިރުކުރުން ޤާނޫނު އަސާސީއާއި ޚިލާފު: ޑރ.ޑީޑީ

ވަކިވަކި ސިފައިން ކޮމިޓީއަކަށް ޙާޒިރުކުރުން ޤާނޫނު އަސާސީއާއި ޚިލާފު: ޑރ.ޑީޑީ

Author
މުޙައްމަދު ޖިމީ
04 ޖޫން 2021 10:56
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ (241) ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީއަށް ޖަވާބުދާރީވުމަށް ވަކިވަކި ސިފައިން ކޮމިޓީއަކަށް ޙާޒިރުކުރނުކުރެވޭނެކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ޑރ.ޑީޑީ މިހެން ވިދާޅުވެފައިމިވަނީ، މަޖިލީހުން ކުރިއަށްގެންދާ އިންކުއަރީއަށް ބައެއް ސިފައިންނާއި ފުލުހުން ޙާޒިރުކުރުމަށް ކޮމިޓީން މަސައްކަތްކުރާކަމަށް އެމްއެންޑީއެފް އިން ބުނެފައިވަނިކޮށެވެ. ޑރ.ޑީޑީ ވިދާޅުވީ، ޤާނޫނުއަސާސީގެ 98، 99، 239، 242 މި މާއްދާތަކަށް އެއްކޮށް ބެލުމުން ވަކިވަކި ސިފައިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ޙާޒިރުކުރެވިދާނެ ކަމަކަށް ނުފެންނަކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ވާނީ ކަމާބެހޭ ވަޒީރުކަމަށާއި، ވަޒީރުގެ މަޤާމު ހުސްވެފައިވާ ޙާލެއްގައި ޗީފް އޮފް ޑިފެންސް ފޯސްކަމަށްވެސް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އަދި އެކަން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް، މަޖިލީހުގެ ކައުންސެލް ޖެނެރަލް 5 ޖުލައި 2010 ގައި ދީފައިވާ ލަފާ އިންވެސް އެނގޭކަމަށްވެސް ވިދާޅުވިއެވެ.

ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށާއި މަޖިލީހުގެ ކޮމެޓީތަކަށް މަޢުލޫމާތު ދިނުމާ ގުޅޭގޮތުން އެމްއެންޑީއެފުން ނެރެފައިވާ ބަޔާނެއްގައި ވަނީ ސަލާމަތީ ޚިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވަނީ ސަލާމާތީ ޚިދުމަތްތަކާ ޙަވާލުވެ ހުންނަވާ ވަޒީރުކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާކަމަށެވެ. އަދި ސިފައިންގެ ކޮންމެ މީހަކު ވެސް އެ މީހަކަށް ލިބިފައިވާ ޤާނޫނީ ބާރާއި އިޚްތިޔާރުގެ ބޭނުން ހިފާ ގޮތާމެދުގައާއި އެމީހެއްގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާމެދު ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޖަވާބުދާރީވާން ޖެހޭނީ ޗީފް އޮފް ޑިފެންސް ފޯސްއަށް ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ހިނދު ޗިފް އޮފް ޑިފެންސް ފޯސްގެ މަސްއޫލިއްޔަތު އަދާކުރާގޮތާ މެދު ޖަވާބުދާރީވާން ޖެހޭނީ މިނިސްޓަރަށްކަމަށް ޤާނޫނުގައިވާކަން މި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެެ. އަދި ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް މަޢުލޫމާތެއް ސިފައިންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ފިޔަވައި އެހެން ފަރާތަކަށް ހިއްސާކުރުމަކީ ކުށެއްކަމުގައި ބަޔާންކޮށްފައިވާތީ ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތް ބެލުމަށްޓަކައި ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ ސިފައިންގެ އަސްކަރީ ޚައިރާކީއާއި ސިފައިންގެ “ޗެއިން އޮފް ކޮމާންޑް”އާއި “ކޮމާންޑް އެންޑް ކޮންޓްރޯލް” އަދި ސިފައިންގެ ތެރޭގައި ޒަމާނުއްސުރެ ޤާއިމްކުރެވިފައި އޮތް އުޞޫލުތަކާ ޚިލާފް ކަމެއްކަމަށްވެސް ބުނެފައިވެއެވެ.

މިކަމުގެ ސަބަބުން މުޅި ޤައުމީ ދިފާޢީ ބާރާއި އެބާރުގެ އެކިއެކި ސަބޯޑިނޭޓް އެޗެލޯންތަކުގެ މައްޗަށް އޮންނަ ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލި، ސިފައިންގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ، މިކަމުގެ ސަބަބުން ޤައުމީ ސަލާމަތަށް ފޫނުބެދޭވަރުގެ ނުރައްކާތަކެއް ކުރިމަތިވާނެކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. މީގެ އިތުރުން ސިފައިންގެ ޚިދުމަތަކީ ސައުވީސް ގަޑިއިރުގެ ޚިދުމަތަކަށްވެފައި، ސިފައިންނަކީ ވާޖިބަށް ގޮވާލެވޭ ކޮންމެ ހިނދަކު ޚިދުމަތަށް ނިކުންނަންޖެހޭ ބައެއްކަމުން ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބާ ގުޅުންހުރި ކަންކަމުގައި ކޮމާންޑަރެއްގެ ހުއްދަނެތި، އަމިއްލަ ހައިސިއްޔަތުން އެކިއެކި ފަރާތްތަކާ މުޢާމަލާތުކުރުމުގެ އިޚްތިޔާރު ލިބިފައި ނުވާ ބައެއްކަމަށް ސިފައިންގެ ޢާންމު
ޤަވާޢިދުގައި ބަޔާންކޮށްފައިވާކަންވެސް މިބަޔާނުގައިވަނީ ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލާއި، ޗެއިން އޮފް ކޮމާންޑްގެ އުޞޫލު ހަރުދަނާ ގޮތެއްގައި ދެމެހެއްޓުމަށްޓަކައި، ސިފައިން އެމީހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތާމެދު ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީވުމުގެ ބަދަލުގައި، ޖަވާބުދާރީވާނީ އެ މުއައްސަސާގެ ފަރާތުން ކަމުގައި އެމްއެންޑީއެފުންވަނީ ބުނެފައެވެ.

އެމްއެންޑިއެފް އިން މިހެން ބުނެފައވާއިރު، 241 ކޮމިޓީން ވަނީ ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މަޖިލީހުން ހިންގާ އިންކުއަރިއަށް ހާޒިރުކުރާ ވަކިވަކި ފުލުހުންނާއި ސިފައިންނަށް އަދި ސަރުކާރުގެ މުވައްޒަފުންނަށް ފިޔަވަޅު ނޭޅުމަށް އެދިފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސަކޫން
ކީއްކުރާނީ ރޫޙާނީ ލީޑަރއާހެދި މަޖްލިސް މެމްބަރުންނަށް ގާނޫނުގައި ބުނާ އެއްޗެއްވެސް ފަހުމް ނުވާހިސާބަށް ދިޔައިމަ. މީ ތި ފުއްޕާފަ އުޅޭ މީހުންގެ ހާލަކީ. ތެޅިބާލާތި ތިމާމެންހާ ބަޔަކު ނެތިގެން