ކައުންސިލް ލަފާ ނުހޯދައި އެސްޖީ އައްޔަންކުރާ އިޞްލާހަށް ސަރުކާރުން ތާއީދުނުކުރާކަން ހާމަކޮށްފި

ކައުންސިލް ލަފާ ނުހޯދައި އެސްޖީ އައްޔަންކުރާ އިޞްލާހަށް ސަރުކާރުން ތާއީދުނުކުރާކަން ހާމަކޮށްފި

Author
މުޙައްމަދު ޖިމީ
03 ޖޫން 2021 08:31
0

ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން އައްޔަންކުރުމުގައި ކައުންސިލްގެ ލަފާ ހޯދަން ނުޖެހޭގޮތަށް ލާމަރުކަޒީ ޤާނޫނަށް ގެމެނަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަޢީދު ހުށައެޅުއްވި އިޞްލާހަށް ސަރުކާރުން ތާޢީދު ނުކުރާކަން ހާމަކޮށްފިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ސަރުކާރުން ގެނެސްފައިވާ ބޮޑެތި އިޞްލާހުތަކުގެ ތެރޭގައި ވަނީ ކައުންސިލްތަކުގެ އިދާރީ އެންމެ އިސް މުވައްޒަފަކީ ސެކްރެޓަރީ ޖެނެރަލުންކަމަށް ބަޔާކޮށްފައެވެ. އަދި އެ މަޤާމަށް މީހަކު އައްޔަންކުރަންވާނީ ކައުންސިލްގެ ލަފާގެ މަތިން ސިވިލް ސާރވިސް ކޮމިޝަނުންކަމަށް މިހާރު ޢަމަލުކުރަމުން އަންނަ ޤާނޫނުގައިވެއެވެ.

ނަމަވެސް ގެމަނަފުށި ދާއިރާގެ މެންބަރު އަޙްމަދު ސައީދު ލާމަރުކަޒީ ޤާނޫނަށް ހުށައެޅުއްވި އިޞްލާހުގައި ވަނީ، ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހަކު އައްޔަންކުރަންވާނީ ސިވިލް ސާރވިސް ކޮމިޝަނުންކަމަށެވެ. އެ އިޞްލާހުގައި ކައުންސިލްގެ ލަފާ ހޯދަންޖެހުން ވަނީ އުނިކޮށްފައެވެ.

އެ އިޞްލާހު ހުށައެޅުއްވި މަޤްޞަދެއްކަމަށް ބުނެފައިވަނީ، ދިވެހި ސިވިލް ސަރވިސްގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުޞަތު، ފާޅުކަންބޮޑު ގޮތެއްގައި ހުޅުވާލައި، އެކަށީގެންވާ، ހަމަހަމަ ފުރުޞަތު މުޖުތަމަޢުގެ ހުރިހާ ފަރާތަކަށްވެސް ލިބިދެވޭނެ ނިޒާމެއް ޤާއިމުވެފައި އޮތުމާއި، ސިޔާސީ މަޞްލަޙަތުތަކުން އެކަހެރިވެފައިވާ، ވަކިފަރާތެއްގެ ނުފޫޒަކަށް ތަބާނުވާ، އަދި ވަކިފަރާތެއްގެ ރުހުން ހޯދުމަށް މަސައްކަތް ނުކުރާ، ޕްރޮފެޝަނަލް މިންގަނޑުތަކަކުން ޚިދުމަތް ފޯރުކޮށްދިނުމަށްކަމަށެވެ.

މެންބަރު އަޙްމަދު ސަޢީދު ވަނީ ސިވިލް ސާރވިސް ޤާނޫނަށްވެސް އިޞްލާހެއް ހުށައަޅަފައެވެ. އެގޮތުން ސެކްރެޓަރީ ޖެނެރަލް އައްޔަންކުރަންވާނީ ސިވިލް ސާރވިސް ކޮމިޝަނުންކަމަށް ބުނާ ބައި ވަނީ އިޞްލާހެއްގެ ގޮތުގައި ހުށައަޅާފައެވެ. ސައީދު ހުށައެޅުއްވި އިޞްލާހުގެ ދެބިލްވެސް މިހާރު އޮތީ މަޖިލީހުގައި ފުރަތަމަ ކިޔުން އިއްވާފައެވެ.

މެންބަރު އަޙްމަދު ސަޢިދު ހުށައެޅުއްވީ އިޞްލާހުގެ ބިލަކީ ސަރުކާރުން ހުށައެޅި ބިލެއް ނޫންކަމަށް ސަރުކާރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް މިއަދު ވަނީ ހާމަކުރައްވާފައެވެ. މަބްރޫކް ވިދާޅުވީ، ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމަށް ބޭފުޅުން ޢައްޔަންކުރުމުގައި، ކައުންސިލްގެ ލަފާހޯދުމަށް ޤާނޫނުގައި މިހާރު ލިޔެވިފައި އެވަނީ މިސަރުކާރުން ގެނައި މުހިންމު އިސްލާޙާއިއެކުކަމަށެވެ. ސަރުކާރުގެ ވިސްނުމަކީ އެގޮތަށް އެކަން ކުރުންކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ރައިސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަޙްމަދު ހަމްދާންވެސް ވިދާޅުވީ، ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމަށް، ސެކްރެޓަރީ ޖެނެރަލް އައްޔަންކުރަންވާނީ ކައުންސިލްގެ ލަފާގެމަތިން ކަމަށް ޤާނޫނަށް އިސްލާޙު ގެނައީ މި ސަރުކާރުންކަމަށެވެ. މި ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނަކަމަށާއި، މެންބަރު އަޙްމަދު ސަޢީދު ހުށައަޅުއްވާފައިވާ އިޞްލާހުހެ ބިލަކީ ސަރުކާރުން ހުށަހެޅި ބިލްއެއް ނޫންކަމަށް ހަމްދާން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޙ