އަތްދަނޑިމަތީގަ ބަލިމީހުން ގެންދާ ހާލަަތަށް ގައުމު ދިޔައިރުވެސް ގައުމުގެ ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް ތިއްބެވީ ބިމަށް ބޯހަރުއްވައިގެން ކަމަށް ވިދާޅުވެ ކުރީގެ ނާއިބް ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ފާޑުވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ސިއްހީ ނިޒާމު އޮތްގޮތާއި އިހުމާލުތަކުގެ ސަބަބުން ފުރާނަގެއްލޭ ހިސާބަށް ގޮސްފައި ވާކަމަށް ވިދާޅުވެ ޖަމީލް ވިދާޅުވީ ގައުމުގެ ކުޑަ ކުއްޖަކު އިހުމާލުން ނިޔާވެ އަތްދަނޑިމަތީގަ ބަލިމީހުން ގެންދާއިރުވެސް ރައީސާއި ނައިބުރައިސް ތިއްބެވީ ބިމަށް ބޯހަރުއްވައިގެން ކަމަށެވެ.
ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކުގެ ވެރިން ސީދާ ޒިންމާ ނަންގަވާ ކަމަށާއި، އިނގިރޭސި ވިލާތުގައި ވެކްސިން ޕްރޮގްރާމް ހިންގަވަނީ ސީދާ ބޮޑުވަޒީރު ކަމަށްވެސް ޖަމީީލް ވަނީ ވިދާޅުވެފައެވެ.
ޤައުމްތަކުގެ ވެރިން ސީދާ ޒިންމާ ނަގަނީ. ޔޫކޭ ވެކްސިން ޕްރޮގްރާމް ހިންގަވަނީ ސީދާ ބޮޑުވަޒީރު. މިއަދު އާ ފިޔަވަޅުތަކެއް އެބަ އިއުލާންކުރައްވާ. މިޤައުމްގެ ކުޑަކުއްޖަކު އިހުމާލުން ނިޔާވެ، އަތްދަނޑިމަތީގަ ބަލިމީހުން ގެންދާއިރުވެސް ރައީސް/ނައިބު ރައީސް ތިއްބެވީ ބިމަށް ބޯހަރުއްވައިގެން pic.twitter.com/4uQgFXyiKX
— Mohamed Jameel Ahmed (@MJameelAhmed) June 3, 2021
ޖަމީލް މިހެން ވިދާޅުވެފައި މިވަނީ ކޯވިޑް 19ގައި އުމުރުން 10 އަހަރުގެ ކުއްޖަކު ނިޔާވި މައްސަލާގައި ކަމާގުޅުންހުރި ފަރާތްތަކުގެ އިހުމާލު އެބައޮތްކަމަށާއި، އެކަން ބަލައި އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. ކުޑަކުއްޖާ ނިޔާވެފައިވަނީ ކުއްޖާގެ ހާލު ދެރަވެ ފަރުވާނުދެވި ގިނައިރު ވުމުގެ ސަބަބުންނެވެ. އެހެން ދިމާވީ އެކުއްޖާ ހޮސްޕިޓަލަސް ގެންދިއުމަށް އެމްބިއުލާންސް ފޮނުވުމުގައި ލަސްވެގެންނެވެ. އެގޮތުން ކުޑަކުއްޖާ ބަލައި އެމްބިއުލާންސް ދިއުމަށް 2 ގަޑީރަށްވުރެ ގިނައިރު ވެފައި ވެއެވެ.
މީގެ އިތުރުން ރޭގައި ވަނީ، މީހެއްގެ އަތްދަނޑިމަތީގައި ކުއްޖަކު ގޮވައިގެން އައިޖީއެމްއެޗްގެ އެމަޖެންސީގޭޓާއި ދިމާއަށް ސައިކަލެއްގައި ބަޔަކުދިޔަ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.
މިފަދަ ކަންކަމުން ސަރުކާރާއި ސިއްހީ ނިޒާމް އެއްކޮށް ފެއިލްވެފައި ވާކަން އެނގިގެންދާކަމަށް ބުނެ ގިނަބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.
ކޮމެންޓު ފޮނުވާ