އަންމަޓިގެ މައްސަލަ: ފުލުހުން އެދެނީ ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް، ކޯޓުންޖެހީ 8 ދުވަސް

އަންމަޓިގެ މައްސަލަ: ފުލުހުން އެދެނީ ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް، ކޯޓުންޖެހީ 8 ދުވަސް

Author
ޢަލީ އާދަމް
03 ޖޫން 2021 12:23
0

މަކަރާ ޙީލަތުން އެތައް ބައެއްގެ އަތުން ފައިސާ އަތުލައި، އޮޅުވާލި މައްސަލާގައި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާގެ ބަންދަށް އަށް ދުވަސް ކްރިމިނަލް ކޯޓުން އިތުރު ކޮށްދީފި އެވެ.

އަޙްމަދު މޫސާ، އަންމަޓީގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ފުލުހުން އެދިފައި ވަނީ އޭނާގެ މައްޗައް އުފުލާފައިވާ ދައުވާތަކުގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށެވެ. ނަމަވެސް މުއްދަތު މަޖިލީހުގައި އިންނެވި ޤާޟީ ވިދާޅުވީ އޭނާގެ މައްސަލަ ކޯޓަށް ހުށަހަޅާފައި އޮތުމުން، އޭނާއާއި ދެކޮޅަށް ހުށަހަޅާފައިވާ ހެއްކާއި ގަރީނާ ރަނގަޅަށް ވަޒަން ކުރުމަށްފަހު ޝަރީޢަތް ނިމެންދެން ބަންދު ކުރުމާމެދު ގޮތެއް ނިންމަން އެންމެ އެކަށީގެން ވަނީ މައްސަލަ ބައްލަވާ ފަނޑިޔާރު ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އެހެންކަމުން އިއްޔެގެ މުއްދަތު މަޖިލީހުގައި އަންމަޓީގެ ބަންދަށް އިތުރުކޮށްދީފައިވަނީ 8 ދުވަހެވެ.

މީގެ އިތުރުން އަންމަޓީގެ ފަރާތުން އިއްޔެގެ މުއްދަތު މަޖިލީހުގައި ވަނީ އޭނާއަށް ސިއްހީ ފަރުވާ ނުލިބޭ މައްސަލަ ފާހަގަކޮށްފައެވެ. އެހެންކަމުން ޤާޟީ ވަނީ އެ އިންތިޒާމުތައް ހަމަޖެއްސުމަށް ދައުލަތަށާއި އިންވެސްޓިގޭޝަން އޮފިސަރަށް އަންގާފަ އެވެ.

ދައުލަތުގެ ފަރާތުން އަންމަޓީގެ މައްޗަށް ވަނީ ޚިޔާނާތުގެ 42 ދައުވާއެއް އުފުލާފައެވެ. މި ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލުހުކުމެއް އަންނާނެއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވިދާޅުވުވީ އަންމަޓީގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ، 2014 ވަނަ އަހަރު ހައުސިންގ ޑިވަލޮޕްމެންޓް ކޯރޕަރޭޝަން (އެޗްޑީސީ) އާއި ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 (ތިންހާސް) ހައުސިންގ ޔުނިޓް އެޅުމަށް، ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުުރުމުން، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިންގ ޔުނިޓްތައް އެޅުމުގެ ޢަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ޙީލަތުން އެކި މީހުން އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަަމަށް ތުޙުމަތުކުރެވުނު މައްސަލައިގެ ދައުވާތަކެއް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.