ރާއްޖެއާއި ބަންގްލަޑޭޝާ ދެމެދު ދިފާއީ އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާކޮށްފި

ރާއްޖެއާއި ބަންގްލަޑޭޝާ ދެމެދު ދިފާއީ އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާކޮށްފި

Author
ޢަލީ އާދަމް
03 ޖޫން 2021 11:55
0

ރާއްޖެއާއި ބަންގްލަޑޭޝާ ދެމެދު ދިފާއީ އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން ބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް އަޒީޒް އަޙްމަދާއި، ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ މަޝްވަރާ ކުރައްވައިފި އެވެ.

ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ ބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް އަޒީޒާއި މިނިސްޓަރ މާރިޔާ މަޝްވަރާކުރެއްވީ މިއަދު ހެނދުނު އެ ދެބޭފުޅުން ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ. މިބައްދަލުކުރެއްވުން އޮތީ ބަންޑާރަކޮށީގައި ހުންނަ ސިފައިންގެ މައި މަރުކަޒުގައެވެ.

ބައްދަލުކުރެއްވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވިފައިވަނީ، ދެޤައުމުގެ ޒަމާންވީ ދިފާޢީ އަދި އަސްކަރީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުންނެވެ. މިގޮތުން، ޑިޒާސްޓަރ ރިލީފް ނުވަތަ ކާރިސާތަކަށް އިޖާބަދިނުމަށް ހިންގޭ އޮޕަރޭޝަންތަކުގަޔާއި އިންސާނީ ވަގުފާރިއާ ދެކޮޅަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އިތުރުން، ބަންގްލަދޭޝްގެ އާރމްޑް ފޯރސަސް މެޑިކަލް ކޮލެޖުގައި ދިވެހި ޑޮކްޓަރުން ކިޔެވުމަށް ޖާގަ އިތުރުކުރުމާއި، އެޤައުމުގައި ދިވެހި ސިފައިން ތަމްރީނުކުރުމަށް އިތުރު ފުރުޞަތުތައް ހޯދުމާ ބެހޭގޮތުން ދެ ބޭފުޅުންވަނީ މަޝްވަރާކުރައްވާފައެވެ.

މިނިސްޓަރ މާރިޔާ ވަނީ، 2004 ގެ ސުނާމީން ފެށިގެން މިހާރު ކުރިމަތިވެފައިވާ ޕެންޑެމިކާ ހަމައަށް، ރާއްޖެއިން އެހީއަށް ބޭނުންވި ޙާލަތްތަކުގައި، ބަންގްލަދޭޝްގެ ސަރުކާރާއި ރައްޔިތުން، ފޯރުކޮށްދެއްވާފައިވާ ދީލަތި އެހީތަކަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.

މީގެ އިތުރުން މިނިސްޓަރ މާރިޔާ ވަނީ ކޯވިޑް-19ގެ މިދަތި އުނދަގޫ ޙާލަތުގައިވެސް، ރާއްޖެއަށް ޒިޔާރަތް ކުރެއްވީތީ ޖެނެރަލް އަޒީޒަށް ޝުކުރު އަދާކުރައްވާފަ އެވެ.

ޖެނެރަލް އަޒީޒް ވަނީ، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ފަރާތްޕުޅުންނާއި އެޤައުމުގެ ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ދިވެހި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް، ހެޔޮއެދުމާއި ސަލާމް ރައްދުކޮށްދެއްވާފައެވެ.

މިބައްދަލުކުރެއްވުމުގައި މިނިސްޓަރ މާރިޔާގެ އަރިހުގައި، ސިފައިގެ އިސް ބައެއް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.