ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން އިންޓެލިޖެންސާގުޅޭ އޮޑިޓެއް ހަދަން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް އެކުލަވާލެއްވި ކޮމިޓީން، ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމާ އިއްޔެ ބައްދަލު ކުރައްވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އުފެއްދި ޓީމުން ޕީޖީއާ ބައްދަލުކޮށް އިންޓެލިޖެންސާއި ތަހުގީގުތަކާއި ދައުވާ ކުރުމުގެ ނިޒާމުގައި ހުރި މައްސަލަތާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި ކަމަށެވެ.
އިންޓެލިޖެންސް އޮޑިޓު ހެދުމަށް އެކުލަވާލާފައިވާ ކޮމިޓީގައި ރައީސް އޮފީހާއި ބަންޑާރަ ނައިބުގެ އޮފީހުގެ ބޭފުޅުން ހިމެނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ސިފައިންނާއި ފުލުހުންގެ އިންޓަލިޖެންސް އޮޑިޓެއް ހަދަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި މި ރިޕޯޓުގެ އަލީގައި އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން ބަލާ، ބަދަލުތައް ގެންނަވާނެކަމަށްވެސް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސް ނަޝީދުގެ އަރިހަށް ޒިޔާރަތްކުރެއްވުމަށްފަހު އޭ.ޑީ.ކޭ ހޮސްޕިޓަލު ކައިރީގައި ހުންނަވާ މީޑިއާތަކާއި ވާހަކަދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިފަދަކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކާ އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް މި ސަރުކާރުން އަޅާނެކަމަށެވެ.
އިންޓެލިޖެންސް މައުލޫމާތު ނުލިބުނު މައްސަލަ ބަލަމުން ދާއިރު، ނަޝީދު އަވަހަރާކޮށްލަން ދިން ހަމަލާގެ ކުރިން، އެފަދަ އަމަލެއް ހިންގަން ބަޔަކު ރާވާ ކަމުގެ މައުލޫމާތު ލިބިގެން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު އެމްއެންޑީއެފްއަށް އަންގަވާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މައުލޫމާތު ލިބުނީ އާންމު މީހެއްގެ ފަރާތުންނެވެ. އަދި އެކަން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް އަންގާފައިވާ ކަމަށް އިލްޔާސް ވިދާޅުވި އެވެ.
ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާގައި އެމަނިކުފާނަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިވަޑައިގަންނަވާފައެވެ.
ކޮމެންޓު ފޮނުވާ