މިއަދު ކޯވިޑް-19ގައި ނިޔާވި ޢުމުރުން 10 އަހަރުގެ މިޝްކާއަށް ފަރުވާ ދިނުމަށް އެމްބިއުލަންސް ފޮނުވުމުގައި ލަސްވި މައްސަލާގައ ކަމާގުޅުންހުރި ފަރާތްތަކުގެ އިހުމާލު އެބައޮތްކަމަށާއި، ފިޔަވަޅު އަޅާނެކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ކޯވިޑް-19ގައި ހަލު ދެރަވެ އަވަސް ފަރުވާ ދިނުމުގައި ލަސްތަކެއްވެ ރޭވަނީ ޢުމުރުން 10 އަހަރުގެ ކުއްޖަކު ނިޔާވެފައެވެ. އެކުއްޖާ ނިޔާވެފައިވަނީ އެމްބިއުލަންސް ފޮނުވުމުގައި ލަސްވެގެންނެވެ.
އެމައްސަލައާއި ގުޅިގެން ހެލްތު މިނިސްޓަރަށް ނޫސްވެރިންތަކުރާރުކޮށް ސުވާލުކުރުމުން ޖަވާބު ނުދެއްވައި، ޕްރެޝަރ ބޮޑުވެ މިރޭވަނީ ޕްރެސް ކޮންފަރެންސްއެއް ބާއްވާފައެވެ. އެ ޕްރެސްގައި ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވީ، އަބަދުވެސް މަސައްކަތްކުރައްވަނީ ކަންކަން އިތުރަށް ރަނގަޅުކުރުމަށްކަމަށެވެ. އެކަންކަން ދިރާސާކުރަމުން އަންނަކަމަށާއި، އެގޮތުން މިޝްކާ ނިޔާވި މައްސަލާގައި އިހުމާލު އޮތްކަމަށް މިހާތަނަށް ބެލި ބެލުމުން އެނގޭކަމަށެވެ. އަދި އެ މައްސަލަ ބަލައި ކަން ހިނގިގޮތް މިރޭ ސާފުވާނެކަމަށާއި، އަދި އެ މައްސަލަ ބަލައި މިރޭ ނިމޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ނަސީމް ވިދާޅުވީ، އެޗްޕީއޭގެ ކޯލް ސެންޓަރަށް އަންނަ ކޯލްތަކުގެތެރެއިން ޚާއްޞަ އަހަމިއްޔަތުތަކެއް ދޭންޖެހޭ ކޯލްތައްވެސް ދެނެގަތުން ކުރިއަށްދާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ކޯލް ސެންޓަރުގެ މަސައްކަތަކީ ބުރަ މަސައްކަތެއްކަމަށާއި، މިހާތަނަށްވެސް ފޯން ކޯލަށް ޖަވާބު ދިނުން ރަނގަޅަށް ކުރިއަށް ގޮސްފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިޝްކާ ނިޔާވި މައްސަލާގެ ރިޕޯޓްގައި ހިމެނޭ ކަންކަން ހާމަކުރައްވާނެކަމަށެވެ.
އެމްބިއުލާންސް އައުން ލަސްވެގެން މިޝްކާ ނިޔާވި މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ފަށާފައިވާކަން މިއަދު ހާމަކޮށްފައިވެއެވެ. އެކަމާއި ގުޅިގެން ބައެއް އުސޫލުތަކަށް ބަދަލު ގެނެސްފައިވާކަމަށްވެސް ހެލްތު މިނިސްޓްރީން ބުންޏެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މީގެދުވަސްކޮޅެއް ކުރިން މިޝްކާ ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ރޭ ކުއްލިއަކަށް ހާލުބޮޑުވިކަމަށާއި ނިޔާވީ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުންދަނިކޮށެވެ. މިޝްކާގެ އާއިލާ އިން ތުހުމަތުކުރާ ގޮތުގައި ކުއްޖާގެ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދަން ގުޅުމުން އެމްބިއުލެންސް އައީ ވަރަށް ލަސްވި ފަހުންނެވެ.
އެގޮތުން މިޝްކާގެ ހާލު ދެރަވެގެން އެމްބިއުލެންސަށް ގުޅީ ރޭ 9:00 ޖެހިއިރު ކަމަށާއި ނަމަވެސް އެމްބިއުލެންސް އައީ އޭގެ 2 ގަޑިއިރެއްހާއިރު ފަހުންކަމަށް އާއިލާއިން ބުނެއެވެ. އަދި އެމްބިއުލާންސް ލަސްވުމުން އެޗްޕީއޭގެ އިތުރުން އައިޖީއެމްއެޗްގެ އެމްބިއުލެންސަށް ވެސް ގުޅިކަމަށް މިޝްކާގެ އާއިލާއިން ބުނެއެވެ.
އެޗްޕީއޭ ބުނީ މިޝްކާ ނިޔާވީ ރޭ ދަންވަރު 12:10 ގައި، އައިޖީއެމްއެޗް އިމަޖެންސީގައި ފަރުވާ ދެމުން ދަނިކޮށްކަމަށެވެ.
ކޮމެންޓު ފޮނުވާ