ޤާޟީ ހުޒައިފާގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ނިންމައިފި

ޤާޟީ ހުޒައިފާގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ނިންމައިފި

Author
ޢަލީ އާދަމް
02 ޖޫން 2021 08:33
0

ފެމެލީ ކޯޓުގެ ޤާޟީ ހުޒައިފާ މުޙައްމަދުގެ މައްޗަށް ހުށަހެޅި ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެކޮމިޝަނަށް ހުށަހެޅުނު ޝަކުވާއަކާއި ގުޅިގެން އެކަން ތަހުގީގު ކުރުމަށް މިދިޔަ އަހަރުގެ ފެބްރުއަރީ 18 ވަނަ ދުވަހު ނޯޓިސް ދީފައިވާ ޤާޟީ ހުޒައިފާގެ ސުލޫކީ މައްސަލަ، ތަހްގީގު ކޮށް އެ މައްސަލަ ސާބިތުނުވާ ކަމަށް އެ ކޮމިޝަނުން އާދީއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެެވެ.

ނަމަވެސް ހުޒައިފާ އާ ގުޅޭގޮތުން ތަހުގީގުކުރީ ކޮން މައްސަލައެއް ކަމެއް ޖޭއެސްސީން ހާމައެއް ނުކުރެއެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާގޮތުގައި ޤާޟީ ހުޒައިފާއާ ދެކޮޅަށް ބެލި މައްސަލައަކީ ކޯޓަށް ހުށަހެޅި މައްސަލައެއްގައި ހިމެނޭ ލިޔެކިޔުންތަކަކާއި މެދު އަމަލުކުރެއްވި ގޮތެއްގެ މައްސަލައެކެވެ.

2019 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް ހުޒައިފާގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅިއެވެ. އެ މައްސަލަ އޭނާއާ ދެކޮޅަށް ހުށަހެޅީ ފެމެލީ ކޯޓުން ވަކިކުރި މުވައްޒަފެކެވެ. އެ މައްސަލައިގައި ތުހުމަތުކޮށްފައިވަނީ މަގާމުގެ ބާރު ބޭނުންކޮށްގެން ވަކި ބަޔަކަށް ނާޖައިޒު މަންފާ ހޯދައިދިނުމަށް ހުޒައިފާ މަސައްކަތް ކުރައްވާ ކަމަށެވެ.

ޖޭއެސްސީން ނިންމީ އެ މައްސަލައަކީ އެއްވެސް އަސާސެއް ނެތް މައްސަލައެއް ކަމަށެވެ. އެހެންވެ، އެ މައްސަލާގެ ތަހުގީގު ވެސް ނުހިންގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.