"ނަފްރަތުގެ ޢަމަލު" ބަޔާންކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބިލާ މެދު އަދާލަތު ޕާޓީގެ ކަންބޮޑުވުން!

"ނަފްރަތުގެ ޢަމަލު" ބަޔާންކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބިލާ މެދު އަދާލަތު ޕާޓީގެ ކަންބޮޑުވުން!

Author
ޢަލީ އާދަމް
02 ޖޫން 2021 07:39
0

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުންފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް ހުށައެޅި އިޞްލާހުގެ ސަބަބުން ހަމަޖެހުން ގާއިމު ކުރަން ހުރަސް އެޅޭނެ ކަމަށް ބުނެ އަދާލަތު ޕާޓީން މި އިސްލާހާއިމެދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އެ އިސްލާހާއިމެދު ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ކަމާގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިއަދު ވަނީ ބާއްވާފަ އެވެ. މި ބައްދަލުވުމަށްފަހު އެ ޕާޓިން ނެރުނު ގަރާރުގައި ބުނެފައިވަނީ ދީނީ އިލްމުވެރިންނާއި ޖަމިއްޔާތަކާއި ދީނާ ގުޅުން ހުރި ކަންކަމުގައި ބަސް ބުނުމުގެ ފުރުސަތު ގެއްލޭނެ ކޮންމެ ފިޔަވަޅަކީ ރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށެވެ.

އަދި ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ހިޔާލުފާލުކުރުމުގެ މިނިވަންކަމުގެ ހައްގު ދިފާއުކޮށް ދަމަހައްޓަންޖެހޭ އެންމެ މުހިންމު ސަބަބަކީ، މުޖުތަމަޢުގެ ކަންކަމާމެދު ބަހުސްކޮށް ބަސްބުނެ ލަފަޔާއި އިރުޝާދު ދިނުމަކީ މުޖުތަމައުގެ ބަދަހިކަމާއި ގައުމުގެ ކުރިއެރުމާއި ތަރައްގީ އަށް ކޮންމެހެން ލާޒިމުކަމެއް ކަމުގައިވެފައިވާތީ ކަމަށްވެސް އަދާތަކު ޕާޓީން ބުނެއެވެ.

މީގެ އިތުރުން ނަފްރަތުގެ ޢަމަލު ހުއްޓުވަން ޖެހެނީ އޭގެ ސަބަބުން މުޖުތަމަޢުގައި ފިތުނަފަސާދަ އާއި ބައިބައިވުން އުފެދި އިޖުތިމާޢީ ހަމަތައް ގެއްލިގެން ދާތީ، މުޖުތަމަޢުގެ ވިލުންވެރިކަމާއި މަސަލަސްކަން އިތުރުކޮށް އިސްލާމީ މުޖުތަމަޢުތަކުގައި ހިފަހައްޓަން ޖެހޭ ރިވެތި އަޚުލާޤީ ހަމަތައް ހިފަހައްޓަން ކަމަށްވެސް އަދާލަތުން ނެރުނު ގަރާރުގައި ބުނެފައި ވެއެވެ.

އެހެންކަމުން "ނަފްރަތުގެ ޢަމަލު" ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ މެދު އެ ޕާޓީގެ ކަންބޮޑުވުންތައް ސަރުކާރާ ހިއްސާކޮށް، ހައްލު ހޯދުމަށާއި އިސްލާމްދީނުގެ އެންމެ މަތީ މަސްލަހަތަށް ރިއާޔަތް ކުރުމާ އެކު، ބައިނަލްއަގްވާމީ ޖަމާއަތްތަކުން ބަލައިގެންފައިވާ ހަމަތަކަށް އެކަން ކުރަން އަދާލަތު ޕާޓިން ވަނީ އިޤްރާރު ވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.