ހެލްތް މިނިސްޓްރީއާއި އެ މިނިސްޓްރީގެ ދަށުން މަސައްކަތްކުރާ މުއައްސަސާތަކުގެ އިހުމާލުން އެތައް ފުރާނައެއް ވަކިވަމުންދާކަމަށް ބުނެ، ހެލްތް މިނިސްޓަރ އަޙްމަދު ނަސީމް މިހާރުން މިހާރަށް އިސްތިއުފާ ދެއްވުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފިއެވެ.
އެކޯލިޝަނުން ނެރުނު ބަޔާނެއްގައި ވަނީ، ކޯވިޑް19 އަށް ޕޮޒިޓިވްވެ ޢުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުޙައްމަދު ނިޔާވި ޚަބަރު އެހީ ފުން ހިތާމަޔާއެކުގައިކަމަށް ބުނެފައިވެއެވެ. ކޯވިޑް19 މެނޭޖުކުރުމުގައި ސަރުކާރު ފެއިލްވެ، ހެލްތް މިނިސްޓްރީއާއި އެ ވުޒާރާގެ ދަށުން މަސައްކަތްކުރާ މުއައްސަސާތަކުގެ އިހުމާލުން އެތައް ފުރާނައެއް މިދުނިޔެއާއި ވަކިވެގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށާއި، ފުރާނައެއް ވަކިވެގެން ދިއުމުން މަޢާފަށް އެދި ނިންމާލުމަކީވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މިފަދަ މައްސަލަތައް އިންސާފުވެރިކަމާއެކު ވީއެންމެ އަވަހަށް ތަޙްޤީޤުކޮށް މިކަމުގައި އިހުމާލުވާ ފަރާތްތަކަށް ޙައްޤު އަދަބު ދިނުމަށް އެކޯލިޝަނުން ހަރުއަޑުން ގޮވާލާކަމަށް ބުނެފައިވެއެވެ. އަދި ކޯވިޑް19އަށް ސަރުކާރުން މިހާތަނަށް 3.5 ބިލިއަނަށްވުރެ ގިނަ ފައިސާ ޚަރަދުކޮށްފައިވާއިރު، މިފައިސާ މިވޭތުވެދިޔަ އެއްއަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ފައިދާހުރި ގޮތަކަށް ހޭދަކުރެވިފައި ނުވާކަމަށްވެސް ބުނެފައިވެއެވެ.
ކޯވިޑް ފެސިލިޓީތަކާއި ޓެސްޓް ކުރެވޭނެ ނިޒާމާއި އިތުރު ވަސީލަތްތައް އެންމެ ނުރައްކާތެރި ޙާލަތަށް ރިޢާޔަތްކޮށް ޤާއިމްކުރެވިފައި ނުވެއެވެ. ނަމަވެސް މިހާތަނަށްވެސް ސަރުކާރުން ބުނެފައިވަނީ މުޅި ސަރުކާރުންވެސް މިކަމަށް އެންމެ ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ. އިންކަމުން މިކޯލިޝަނުން ޤަބޫލުކުރަނީ ހެލްތް މިނިސްޓްރީއާއި މުޅިސަރުކާރު މިހާރު މިކަމުގައި ފެއިލްވެފައިވާ ކަމަށެވެ. ވުމާއެކު ކޯވިޑް މެނޭޖްކުރުމުގެ ކަންކަން ހަރުދަނާކުރުމަށް ތަކުރާރުކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ގޮވާލަމެވެ. އަދި ހެލްތް މިނިސްޓަރ އަޙްމަދު ނަސީމް މިހާރުން މިހާރަށް އިސްތިއުފާ ދެއްވުމަށް މިކޯލިޝަނުން ގޮވާލަމެވެ.
– އިދިކޮޅު ކޯލިޝަން
ހެލްތު މިނިސްޓަރުގެ އިސްތިއުފާއަށް އިދިކޮޅުން ގޮވާލާފައި މިވަނީ، އެމްބިއުލަންސް ފޮނުވުމުގައި ލަސްތަކެއްވެ އުމުރުން އެންމެ 10 އަހަރުގެ ކުއްޖަކު ނިޔާވުމާއި ގުޅިގެންނެވެ.
ކޮމެންޓު ފޮނުވާ