އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމަށް އަނެއްކާވެސް ހުޅުވާލައިފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމަށް އަނެއްކާވެސް ހުޅުވާލައިފި

Author
މުޙައްމަދު ޖިމީ
02 ޖޫން 2021 01:14
0

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް އަލުން ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ.

ދެވަނަ ފަހަރަށް އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލާފައި މިވަނީ، ކުރިން އެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ނަންތަކަށް މަޖިލީހުން ރުހުން ނުލިބުމުގެ ސަބަބުންނެވެ. އިންފޮމޭޝަން ކޮމިޝަނަރުކަމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ތިން ނަމެއް މަޖިލީހަށް ފޮނުއްވިއެވެ. އެ ނަންތައް ދިރާސާކުރެއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓިން ނިންމީ އެއްވެސް ނަމަކަށް ރުހުން ދޭން ނުފެންނަކަމަށެވެ.

އެހެންކަމުން ރައީސް އޮފީހުން މިއަދު އަނެއްކާވެސް މިވަނީ އިންފޮމޭޝަން ކޮމިޝަނަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ. ރައީސް އޮފީހުން ބުނީ، އެ މަޤާމަށް ކުރިމަތިލާ މީހުންގެ ފޯމްތައް ބަލައިގަތުން ކުރިއަށްދާނީ މިމަހުގެ 13 އަދި 14 ވަނަ ދުވަހު ހެނދުނު 10:30 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ލިބޭނެކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ވެބްސައިޓު www.presidency.gov.mv އިންވެސް ޑައުންލޯޑްކުރެވޭނެކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމު ހުސްވީ ކުރިން އެ މަޤާމުގައި ހުންނެވި ތ.ވިލުފުށި، އަތަމާގެ، ޙުސައިން ފިޔާޒް މޫސާ މިދިޔަ މާރިޗު މަހުގެ21 ވަނަ ދުވަހު އިސްތިއުފާދެއްވާފައިވާތީއެވެ.

އިންފޮމޭޝަން ކޮމިޝަނަރަކީ (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު)އިން މަތިކޮށްފައިވާ ޒިންމާތަކާއި، ކަމާ ބެހޭ އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އުފުލަން ޖެހޭ ޒިންމާތަކުގެ ބޭނުމަށް ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ މިނިވަން ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.