ކުޅުދުއްފުށި ސިޓީގައި މޫނު ނިވާ ކޮށްގެން ތިބި ބަޔަކު، މީހަކު ރަހީނުކޮށްގެން ގެންގޮސް އަނިޔާކޮށްފައިވާ މައްސަލާގައި ހައްޔަރުކުރި ދެމީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 24 އަހަރާއި 25 އަހަރުގެ ދެ ފިރިހެނުންނެވެ. ފުލުހުން ބުނީ އެދެމީހުންގެ ބަންދަށް ގޮތެއް ނިންމުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ޙަޒިރުކުރުމުން ބަންދު އިތުރުކޮށްދީފައިވާކަމަށެވެ. މިދިޔަ މަހުގެ 29 ވަނަދުވަހުގެރޭ އުމުރުން 29 އަހަރުގެ ޒުވާނަކު ރަހީނުކޮށް، ކާރަކަށް އަރުވައިގެން ގެންގޮސް ބޮޑެތި އަނިޔާތަކެއް ކޮށްފައެވެ. ލިބުނު އަނިޔާތަކަށް ފުރަތަމަ ފަރުވާދީފައިވަނީ ކުޅުދުށްފުށީ ރީޖަނަލްހޮސްޕިޓަލްގައެވެ. ޒުވާނާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އަރާފައިވާކަމަށާއި އެނާގެ ހާލު ވަރަށް ސީރިއަސްކަމަށް އެ ހޮސްޕިޓަލުން އޭރު ބުނެފައިވެއެވެ.
އިތުރު ފަރުވާއަށް ޒުވާނާ މާލެ ގެނައީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. މާލެ ގެނެސް ސީރިއަސް ސާޖަރީތަކެއް އޭޑީކޭގައި ހެދުމަށްފަހު އަދިވެސް އޮތީ އެ ހޮސްޕިޓަލްގެ އައިސީޔޫގައެވެ. ރަހީނުކުރި ޒުވާނާ އަރުވައިގެން ގެންދިޔަކަމަށް ބެލެވޭ ކާރުވެސް ކޯޓް އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގެނެސްފައިވާކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
މައްސަލަ އިތުރަށް ތަހުޤީގުކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.
ކޮމެންޓު ފޮނުވާ