ކޯވިޑް-19 ޖެހިގެން ރާއްޖެއިން ކުޑަ ކުއްޖަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ޢުމުރުން 10 އަހަރުގެ ކުއްޖެކެވެ.
ނިޔާވެފައިވަނީ އައިޖީއެމްއެޗްގެ އީއާރަށް ގެންދިޔަ ކުއްޖެކެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި އެކުއްޖާއަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދިއުމުގައި ވަނީ ލަސްތަކެއްވެފައެވެ. އެކުއްޖާގެ އާއިލާއިން ހާމަކޮށްފައިވާގޮތުގައި އެކުއްޖާ ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލަންސް ގޮސްފައިވަނީ ދެ ގަޑިއިރެއްހާ ފަހުންނެވެ.
މިއީ ރާއްޖެއިން ކޯވިޑްގައި ނިޔާވި އުމުރުން އެންމެ ހަގު ކުއްޖާއެވެ. މިއާއެކު ބަލީގައި ނިޔާވި މީހުންގެ ޢަދަދު ވަނީ 170އަށް އަރާފައެވެ. ދުނިޔޭގައިވެސް މަދުން ނޫނީ ކޯވިޑް ޖެހިގެން ކުޑަކުދިން މަރުވެފައިނުވެއެވެ. ކޯވިޑް ރާއްޖޭގައި މިހާތަނަށް އެންމެ ނުރައްކާތެރިވެގެން ދިޔައީ ނިމިދިޔަ މޭ މަހުގައެވެ. މޭ މަހު 34516 މީހުންވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. ކޯވިޑްގެ ކޭސްތަކުގެ އަދަދު އެއްދުވަހެއްގެ ތެރޭގައި 2000 އިން މައްޗަށްވެސް މެއިމަހުވަނީ އަރާފައެވެ.
މޭމަސް ފެށުނުއިރު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ ރޭޓް ހުރީ 10.43 އިންސައްތައިގައެވެ. މި ރޭޓް މައްޗަށް އަރަމުން ގޮސް މިއަދަދު ވަނީ 39.56 އިންސައްތައަށް އަރާފައެވެ. އެހެންނަމަވެސް ސަރުކާރުން އެޅި ފިޔަވުތަކާއި އެކު މިއަދަދު ވަނީ 13 އިންސައްތަ ދަށަށް ޖެހިފައެވެ. މި ބަލީގައި އެންމެ ގިނަ މީހުން ނިޔާވީވެސް މޭ މަހުއެވެ. މޭމަހު އެކަނި 88 މީހުން ވަނީ ނިޔާވެފައެވެ. މިއީ އެވްރެޖްކޮށް ބަލާނަމަ ދުވާލަކަށް 2 މަރަށްވުރެ ގިނަ އަދަދެކެވެ. މޭމަހު މިބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން އެއްދުވަހެއްގައި ނިޔާވީ މޭމަހުގެ 24 ވަނަދުވަހުއެވެ. އެދުވަހު 13 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.
އެޗްޕީއޭގެ ތާފާސް ހިސާބުތައް ދައްކާގޮތުން މި ވަގުތު އަދި ބައްޔަށް ފަރުވާ ހޯދަމުން އަންނަ 24،000އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. ކޯވިޑްގެ ނުރައްކާ ކުޑަކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު، ކުރިއަށް އޮތް ދެހަފްތާގެ ތެރޭގައި ޕޮޒިޓިވް ކޭސްތައް ވަރަށް މަދުވިޔަސް، މަރުވާ މީހުންގެ އަދަދު އިތުރުވުމުގެ ފުރުޞަތު އެބައޮތްކަމަށް، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ފިޔަވަޅުތަކަށް ރަނގަޅަށް ސަމާލުކަންދީ، އަދަދު މަދުކޮށްފިނަމަ ނުރައްކާ ކުޑަވެގެންދާނެކަމަށްވެސް ޓެގް ޓީމުން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ