ކޯވިޑް 19 އަށް ފަރުވާހޯދަމުންދިޔަ އިތުރު ދެމީހުން މިރޭ ނިޔާވެ މިއަދު މި ބަލީގައި ރާއްޖެއިން ނިޔާވީ މީހުންގެ އަދަދު 8 އަށް އަރައިފި އެވެ.
މިރޭ ފުރަތަމަ ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ. އޭގެ ފަހުން މިރޭ ވަނީ ޑީއެޗް11ގައި ފަރުވާދެމުންދިޔަ 42 އަހަރުގެ އަންހެނެއް މިބަލީގައި ނިޔާވެފައެވެ.
މިއާ އެކު ކޯވިޑް ބަލީގައި ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު ވަނީ 169 އަށް އަރާފަ އެވެ. އޭގެތެރޭ ހިމެނެނީ 153 ދިވެހިންނާއި 16 ބިދޭސީންނެވެ.
ކޯވިޑް ބަލީގައި މިއަދު ދެން ނިޔާވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން 4 މީހަކާއި ބ.އޭދަފުށި ކޯވީޑް ފެސިލިޓީގައި ފަރުވާދެމުން އައި މީހެއްގެ އިތުރުން އައިޖީއެމްއެޗް އެމަޖެންސީއަށް މިއަދު ގެންދިޔައިރުވެސް ނިޔާވެފައިވާ 89 އަހަރުގެ އަންހެނެކެވެ. އެމީހާގެ ކޯވިޑް ޓެސްޓް ޕޮޒިޓިވްވެފައި ވާތީ އެއީ ވެސް ކޯވިޑް މަރެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
ކޯވިޑް-19ގެ ނުރައްކާ ކުޑަކުރުމަށް މިހާރު އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއެކު، ކުރިއަށް އޮތް ދެހަފްތާގެ ތެރޭގައި ޕޮޒިޓިވް ކޭސްތައް ވަރަށް މަދުވިޔަސް، މަރުވާ މީހުންގެ އަދަދު އިތުރުވުމުގެ ފުރުޞަތު އެބައޮތްކަމަށް، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ރޭވަނީ ބުނެފައެވެ. ނަމަވެސް ފިޔަވަޅުތަކަށް ރަނގަޅަށް ސަމާލުކަންދީ، އަދަދު މަދުކޮށްފިނަމަ ނުރައްކާ ކުޑަވެގެންދާނެކަމަށްވެސް ޓެގް ޓީމުން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ