މަސާޖަކީ ހަށިގަނޑާއި ސިކުޑީގެ ވަރުބަލިކަން ފިލުވާލުމަށް ގިނަ ބަޔަކު ކޮށްއުޅޭ ކަމެކެވެ. ހުރިހާ ވިސްނުމުކާއި ދުރުކޮއްލާ ހަށިގަނޑަށް އަރާމެއް ގެނެސްދޭ މަސާޖަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި އެކިގޮތްގޮތަށް ކުރެވޭ ކަމެކެވެ. ތިރީގައި އެވަނީ އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރާ ތަފާތު މަސާޖުތަކުގެ ލިސްޓެކެވެ.
- ޓިކްލިންގް މަސާޖު
މިއީ ސުޕެއިންގެ ކޮސްކުއިލޭއާޓް ސްޕަރގައި ކުރާ ވަރަށް ތަފާތު މަސާޖެކެވެ. ހާއްސަ ޓެކްނިކްތަކެއް ބޭނުންކޮއްގެން ހަށިގަނޑުގެ ލޮޑުކަން ފިލުވާލާ މި މަސާޖު ކުރުމުގައި އިނގިލިތަކުގެ އިތުރުން ދޫނިފަތް ބޭނުންކުރެއެވެ. މޫނާއި ހަށިގަނޑުގެ އެކި ހިސާބުތަކަށް ހީލިއަރުވައިގެން މި މަސާޖުގެ ފުރިހަމަ ހިތްހަމަޖެހުން ހޯދައިދެއެވެ.
- ކެކްޓަސް މަސާޖު
ކެކްޓަސްއޭ ބުނުމުން ފަހަރުގައި މިއީ ތަދުއިހްސާސް ކުރެވޭނެ މަސާޖެހޭ ހީވެދާނެއެވެ. އެހެންނަމަވެސް އެއްގޮތަކަށްވެސް އެހެނެއް ނޫނެވެ. މެކްސިކޯގެ ފޯ ސީޒަން ރިސޯރޓްގައި ކުރެވޭ މި މަސާޖުގައި ބޭނުންކުރެވެނީ ކެކްޓަސްގަހުގެ ފަތެވެ. ހަންގަނޑަށް ނުހަނު ފައިދާހުރި މި މަސާޖުކުރުމުގައި ބޭނުންކުރެވޭ ކެކްޓަސް ފަތް ހުންނަނީ ކަށި ނައްޓާފައެވެ.
- ޕައިތަން މަސާޖު
މިއީ ފިލިޕީންސްގެ ކިއުބު ސިޓީ ޒޫގައި 4 ޕައިތަން ބޭނުންކޮއްގެން ކުރެވޭ މަސާޖެކެވެ. ފުރާނައަށް ނުރައްކާ ކޮއްފާނެ މި ޖަނަވާރު ގައިމަތީގައި އިންސާނާއަށް އެއްވެސް ގެއްލުމެއް ނުދީ އުޅޭއުޅުން ޤަބޫލުކުރަންވެސް އުދަގުލެވެ. އެހެން ނަމަވެސް މައިކަލް ،ވެލްޓަރ، އީޖޭ އަދި ޑޭނިއެލްގެ ނަމަން ނަންދެވިފައިވާ މި ޕައިތަންތަކަކީ މިކަމަށް ހާއްސަ ތަމްރީނުތަކެއްދެވިފައިވާ 4 އެއްޗެވެ. 10 މިނެޓާއި 15 މިނެޓަށް ކުރެވޭ މި މަސާޖުގައި ޖަނަވާރުތަކަކާއިއެކު ހޭދަކޮއްލަށް ލިބުމަކީވެސް ތަފާތު ތަޖުރިބާއަކަށް ވެގެންދާނެއެވެ.
- ފުލޭމް މަސާޖު
މިއީ އާއްމުގޮތެއްގައި ފިނިމޫސުމުގައި ވަރަށް މަޤުބޫލުކަން ލިބިގެންދާ ޗައިނާގައި މަޝްހޫރު މަސާޖެކެވެ. ހަށިގަނޑުގެ ބަރުދަން ލުއިކޮއްލުމަށްވެސް އެކަށީގެންވާ މި މަސާޖަކީ ބުރަކަށިމަތީގައި އަލިފާން ރޯކޮއްގެން ކުރެވޭ މަސާޖެކެވެ. މަސާޖުކުރުމަށްޓަކައި ބުރަކަށީގައި ތުވާލިފަދަ އެއްޗެއް ބާއްވައެވެ. އެއަށްފަހު އެތުވާލީގައި އަލިފާން ހިފާފަދަ އަލްކަހޯލް ފަދަތަކެތި ބޭނުންކޮއްގެން އަލިފާން ޖަހައެވެ. އަދި އޭގެ މަތިން އިތުރު ތުވާޔެއް އަޅައެވެ. މިހެން ހަދާއިރު މާހޫނުގަދަ ނުކުރުމަށާއި އަލިފާންނުގެ ސީދާ އަސަރު ނުކުރާނެ ތަފާތު ޓެކްނިކްތަށް ބޭނުންކުރެއެވެ.
- އެގް ބޭބީ މަސާޖު
މިއީ ޗައިނާގައި ކުޑަ ދަރިފުޅު ބޯބާލާ ދުވަހު ކުރެވޭ ހާއްސަ މަސާޖެކެވެ. ކައްކާފައިހުންނަ ކުކުޅުބިސް ބޭނުންކޮއްގެން ކުޑަދަރިފުޅުގެ ބޮލަށްދެވޭ މި މަސާޖަކީ ސަގާފީގޮތެއްގައި ޗައިނާގައި ކުރެވޭ ކަމެކެވެ.
- ފޭސް ސްލެޕް މަސާޖު
އާއްމުގޮތެއްގައި މީހަކު މޫނުމަތީގައި ޖަހައިފި ނަމަ ވާތަދަނުން އަންނަ ރުޅީގައި އަލުން އެމީހެއްގެ މޫނުމަތީގައި ޖެހޭފަހަރު ވަރަށްގިނައެވެ. އެކަމަކު މިއީ އެއްވެސް ތަދެއް ނުވާ، އަރާމުލިބޭގޮތަށް މޫނުގައި ތަޅައިގެން ކުރެވޭ މަސާޖެކެވެ. މިކަމަށް ހާއްސަ ތަމްރީނު ލިބިފައިވާ ބަޔަކު ކުރާ މި މަސާޖުގެ ސަބަބުން މޫނަށް އެއްވެސް ގެއްލުމެއް ނުވެއެވެ.
- އެފްރިކް ސްނެއިލް މަސާޖު
މިއީ ހަންގަޑަށް ލިބިފައިވާ ގެއްލުނަތަކަށް ލިބެ ފަރުވާ އެއްގޮތުގައި މަޝްހޫރު ވަމުން އަންނަ މަސާޖެކެވެ. ރަޝިއާ، ޖަޕާން އަދި ޔޫކޭގައިވެސް ކުރާ މިމަސާޖުގައި ބޭނުންކުރަނީ ސްނެއިލް (ފިނިހަކަ) އެވެ. ސްނެއިލް ދުވުމުން އޭގައިހުންނަ ލޮނދި ހަންގަޑުގައި ހޭކި އޭގެސަބަބުން ހަންގަޑަށް ބޮޑެތި ފައިދާތަކެއް ކުރާކަން ގިނަބަޔަކު ފާހަގަކުރެއެވެ.
- ގޮންޑޮލާ މަސާޖު
އިޓަލީގެ ސްޕަރތަކުގައި ކުރާ މި މަސާޖަކީ އައުޓްޑޯގައި ކުރާ ވަރަށް ހިތްގައިމު މަސާޖެކެވެ. ހަމަހިމޭން ކޯރެއްގައި އިންޖީނަކާ ނުލާ ދުއްވާ އުޅަދެއްގައި ތިބެ ކުރާ މިމަސާޖުގެ ސަބަބުން އުފާވެރި އިހްސާސެއް ކޮއްލުމަށް ރަގަނޅު ފުރުސަތެއް ލިބިގެންދެއެވެ.
- އެލެފެންޓް މަސާޖު
"އެލެފެންޓް" (އެތް) ނަން އަޑު އިވުނަސް ބިޔަކަން ހިތަށް އަރާ ބޮޑު ޖަނަވާރެކެވެ. މި މަސާޖަކީ އެތުގެ ފަޔާއި ޓްރަންކް ބޭނުންކޮއްގެން ދެވޭ މަސާޖެކެވެ. ހަށިގަނޑު މައްޗަށް ފައިންއަރައިގެން ހުރެ އެތް އޭތީގެ ޓްރަންކުން ހަށިގަނޑަށް އެތަށް އަރާމެއް ހޯދައިދޭ މި މަސާޖަކީ ތައިލެންޑުގައި ކުރެވޭ ޓްއަރިސްޓުންގެ މަޤުބޫލުކަން ހޯދާފައިވާ މަސާޖެކެވެ.
- މީޓް ކްލެވަރ މަސާޖު
މިއީ ތައިވާނުގައި ވަޅި ބޭނުންކޮށްގެން ކުރެވޭ މަސާޖެކެވެ. 2000 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މި ސަޤާފީ މަސާޖުގެ ސަބަބުން ހަށިގަނޑުގެ ހުރިހާ ވަރުބަލިކަމެއް ފިލުވާލާ ލޭދައުރު ވުން ފުރިހަމަ ކޮއްލަދޭ މި މަސާޖަކީ ސިއްހީ ގޮތުންވެސް ވަރަށްބޮޑެތި ފައިދާތަކެއް ކުރުވާ މަސާޖެކެވެ.