ޕްލާސްޓިކް މަދުކުރުމަށް އަޅާ ބައެއް ފިޔަވަޅުތަކަށް އަމަލުކުރުން ފަސްކޮށްފި

ޕްލާސްޓިކް މަދުކުރުމަށް އަޅާ ބައެއް ފިޔަވަޅުތަކަށް އަމަލުކުރުން ފަސްކޮށްފި

Author
މުޙައްމަދު ޖިމީ
01 ޖޫން 2021 11:09
0

ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ސިންގަލް-ޔޫޒް ޕްލާސްޓިކް ނުވަތަ ޕްލާސްޓިކުން އުފައްދާފައިވާ އެއްފަހަރު ބޭނުންކޮށްފައި އުކައިލެވޭ ބާވަތްތައް ކަނޑައެޅުމާއި ބެހޭ ޤަރާރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިޞްލާހުކުރައްވައިފިއެވެ.  އެ ޤަރާރު އިޞްލާހުކުރެއްވީ ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދިމާވެފައިވާ އިޤްތިޞާދީ މަޑުޖެހުމަށް ރިޢާޔަތްކޮށް އަދި މިކަމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ރިޢާޔަތްކޮށްކަމަށް ރައީސް އޮފީހުން ބުންނެވެ.

އެގޮތުން ގެންނެވި ބައެއް އިޞްލާޙްތަކުގެ ތެރޭގައި ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި، މަނާ ކުރާ ތާރީޚްއަކީ 31 ޑިސެންބަރު 2021 ކަމުގައި ކަނޑައަޅުއްވައި، ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ނޫން ބުއިންތައް ވަކި ކުރުމަށްފަހު، ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ، ބުއިމަށް ބޭނުންކުރާ ހުރިހާ ދިޔާތަކެތި އެތެރެކުރުން މަނާވާނީ 01 ޖޫން 2022 ގައި ކަމުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، 50 މިލިލީޓަރާއި، އެއަށްވުރެ ކުދި ކޮންޑިޝަނަރ އަދި ލޯޝަން ފުޅިވެސް ވަނީ އެތެރެކުރުން މަނާ ލިސްޓަށް އިތުރުކުރައްވާފައެވެ. އަދި، 2022 އިން ފެށިގެން 200 މިލިލީޓަރާ ހަމަޔަށް ހިމެނޭ ކުދި ކޮންޑިޝަނަރ އަދި ލޯޝަން ފުޅިވެސް ވަނީ އެތެރެކުރުން މަނާ ތަކެތީގެ ތެރޭގައެވެ.

މި އިޞްލާޙް އާއެކު ބަދަލު އައިސްފައިވާކަންކަން މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރައްވާފައެވެ. ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ސިންގަލް-ޔޫޒް ޕްލާސްޓިކްގެ ބާވަތްތައް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމާއެކު، އެ ކަން އިޢުލާނުކުރައްވާ ނެރުއްވާފައިވާ ޤަރާރުގައި ބަޔާންކުރައްވާފައިވާ ތާރީޚުތަކުން ފެށިގެން، އެ ތަކެތި އެތެރެކުރުން މަނާވާނެއެވެ.

އެއް ފަހަރު ބޭނުންކޮށްފައި އުކައިލެވޭ ޒާތުގެ ޕްލާސްޓިކް ރާއްޖެއަށް އެތެރެކުރުން މަނާކުރާ ބިލު "ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު" އަށް 18 ވަަނަ އިސްލާހު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

މި ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އަހަރުގެ 3 ވަނަ ދައުރުގެ 28 ވަނަ ޖަލްސާގައެވެ.

މި ޤާނޫނުގައިވާ ގޮތުން ޖޫންމަހުގެ 1 ވަނަ ދުވަހުން ފެށިގެން 9 ބާވަތެއްގެ ޕްލާސްޓިކް ރާއްޖެ އެތެރެކުރުން މަނާވާނެއެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، 1 ޖޫންގެ ފަހުން ރާއްޖެ ގެންނަ ޝިޕްމަންޓެއްނަމަ އެ މުދަލެއްގެ ބިލް އޮފް ލެޑިންގ ނުވަތަ އެއަރވޭ ބިލް 1 ޖޫންގެ ކުރިން ދޫކޮށްފައިވާނަމަ މުދާ ރާއްޖެ އެތެރެކުރުމަށް ކަސްޓަމްސްއިން ފުރުސަތުދޭނެކަމަށެވެ. މިގޮތައް ހަމަޖައްސާފައިވަނީ ދުނިޔެއަށް ދިމާވެފައިވާ ކޯވިޑް19 ގެ ބަލިމަޑުކަމުގެ ސަބަބުން އެއް ޤައުމުން އަނެއް ޤައުމަށް ގިނަގުނަ ދަތިތަކެއް ހުރުމާއިއެކު ވިޔަފާރިތަކަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުންކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ކޯވިޑާއި ގުޅިގެން ރާއްޖޭގެ އިގުތިސާދަށް އަސަރު ކޮށްފައިވާތީ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ރާއްޖެ އެތެރެކުރުން މަނާކުރަނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. ރައީސުލްޖުމްހޫރިއްޔާ ސޮއިކުރައްވައި ނެރުއްވާފައިވާ ޤަރާރުގައި ވަނީ ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައިވާ 12 ބާވަތުގެ ތަކެއްޗަކީ ސިންގަލް ޔޫސް ޕްލާސްޓިކުގެ ގޮތުގައި ކަނޑައަޅުއްވައި، މި ތަކެތި ރާއްޖެ އެތެރެކުރުމަކީ މަނާކަމެއް ކަމުގައި ކަނޑައަޅުއްވާފައެވެ.

ޖޫންމަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާ ޕްލާސްޓިކްގެ ބާވަތްތައްކަމަށް ކުރިން ބުނެފައިވާ ތަކެތި:

– ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ހޮޅި
– ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ދިޔާތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު
– ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި
– ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުޑަ ޕްލާސްޓިކް ކޮތަޅު
– ޕްލާސްޓިކްގައި ބަންދުކޮށް ހުންނަ އިމްޕޯޓްކުރާ ސުޕާރީ
– 250 މިލިލީޓަރަށް ވުރެ ކުޑަ އެއްފަހަރު ބޭނުންކުރެވޭ ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ތަށި
– ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު
– 50 މިލިލީޓަރާއި އެއަށްވުރެ ކުދި ޝޭމްޕޫ އަދި ސައިބޯނި ފުޅި
– ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށް ވުރެ ކުދި ޕީއީޓީ ފުޅި (ފެނާއި ލުއި ބުއިން ހިމެނޭ ގޮތަށް)

އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕުލާސްޓިކު ރާއްޖެ އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، އަދި ބޭނުންކުރުން 2023ގެ ނިޔަލަށް ހުއްޓާލުމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ވަނީ "ސިންގަލް ޔޫޒް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން" އެއްވެސް އެކުލަވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.