ރާއްޖޭގައި ފްލައިން ސްކޫލެއް ހިންގާނެ ފަރާތެއް ހޯދުމަށް އައިލެންޑް އޭވިއޭޝަނުން އިއުލާންކޮށްފިއެވެ.
ފްލައިން ސްކޫލެއް ހިންގުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އިއުލާންކޮށްފައިމިވަނީ، އައްޑޫގައި ހިންގާ ފްލައިން ސްކޫލުގެ މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
މޯލްޑީވިއަނުން ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ ފްލައިން ސްކޫލު ހިން މާލީގޮތުން ގާބިލު އަދި ފްލައިން ސްކޫލު ހިންގުމުގެ ތަޖުރިބާހުރި ރާއްޖެ އާއި ބޭރުގެ ކުންފުނިތަކަށް އެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ. ނަމަވެސް ފްލައިން ސްކޫލެއް ހިންގުމުގެ ޝައުގުވެރިކަން ފާޅުކުރާއިރު، ގައުމުން ބޭރުގައި އެފަދަ ދެ ސްކޫލެއް ފެށުމުގެ ގާބިލުކަން ހުންނަން ޖެހޭނެކަމަށް ބުނެފައިވެއެވެ. އަދި އެއާޕޯޓެއްގައި ފްލައިން ސްކޫލު ހިންގާނީ އެކަމަށް ޚާއްސަ ކޮށްށްގެން އުފައްދާ ސަބްސިޑަރީ ކުންފުންޏަކުންކަމަށާއި، އެތަން ހިންގާނީ މިނިވަންކަމާއެކުކަމަށްވެސް ބުނެފައިވެއެވެ.
ފްލައިން ސްކޫލް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ކުރިން ފޮނުވަންޖެހެއެވެ.
ފްލައިން ސްކޫލެއް ހިންގުމަށް ސަރުކާރުން ހުޅުވާލާފައި މިވަނީ އައްޑޫގައި އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް ހިންގަމުން އަންނަ ފްލައިން ސްކޫލުގެ ގިނަ މައްސަލަތަކެއް ފެންމަތިވެ، އެތަނާމެދު ޤާނޫނީ ފިޔަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެއްގައެވެ.
ކޮމެންޓު ފޮނުވާ