އޭޝިއަން އެކަޑަމީ އޮފް އެއިރޯނޯޓިކްސްގެ ދަށުން އައްޑޫސިޓީގައި ހިންގާ ފްލައިން ސުކޫލާމެދު، އެޅިދާނެ ޤާނޫނީ ފިޔަވަޅުތައް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށާއި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއަށް، އެޓާނީ ޖެނެރަލް ސާފުކޮށްދެއްވައިފިއެވެ.
އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުންގެ ކިޔެވުމާމެދު ގިނަ ޝަކުވާތަކެއް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާއިރު މައްސަލަ ބަލާފައިވާ އެކި އިދާރާތަކުންވަނީ މިކަމުގައި ގިނަ އިހުމާލުތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ. އަދި ފްލައިން ސްކޫލުގައި ހުރި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް އެ ދަރިވަރުން ވަނީ އެދިފައެވެ.
މިކަމާއި ގުޅިގެން އޭޖީ އިބްރާހީމް ރިފްޢަތު ވިދާޅުވީ، އައްޑޫގައި ހިންގާ ފްލައިންގ ސްކޫލުގެ މައްސަލާގައި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން މެއި 30ގައި ލަފަޔަކަށް އެދުމުން، އޭގެ ޖަވާބު ރޭ ފޮނުވާފައިވާކަމަށެވެ. އޭޖީ ވިދާޅުވީ، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓިގެ ޤާނޫނާއި މަތީ ތަޢުލީމާބެހޭ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއާއި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން އެޅިދާނެ ފިޔަވަޅުތައް ފާހަގަކޮށްފައިވާނެކަމަށެވެ.
އައްޑޫ ގައި ހިންގާ ފްލައިންގ ސްކޫލުގެ މައްސަލާގައި @MoTCAmv އިން 30 މޭ 2021 ގައި ލަފަޔަކަށް އެދުމުން މިރޭ ޖަވާބު ފޮނުވައިފިން. މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓިގެ ޤާނޫނާއި މަތީ ތަޢުލީމާބެހޭ ޤާނޫނުގެ ދަށުން @MoTCAmv އާއި @MoHEmv އިން އެޅިދާނެ ފިޔަވަޅު ފާހަގަކޮށްފައިވާނެ.
— I Riffath (@ibriffath) May 31, 2021
ފްލައިން ސްކޫލާމެދު އެޅޭނެ ފިޔަވަޅުތައް ބަންޑާރަ ނާއިބު ސާފުކޮށްދެއްވާފައި މިވަނީ، އެތަނުގައި ހުރި ގިނަ މައްސަލަތަކެއް ހައްލުނުވެ ދިގުލައިގެން ދާތީ، ފިޔަވަޅުތަކެއް އެޅުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞަލިޙް އަންގަފާއިވަނިކޮށެވެ. އެގޮތުން ފްލައިން ސްކޫލްގެ ހެޑް އޮފް ޓްރެއިނިންގގެ މަޤާމުގައި ހުރި ސުރަންޖަން ޑި.ސިލްވާ، އެމަޤާމުގައި ހުރުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ހުއްދަ މިހާރު ވަނީ އަތުލާފައެވެ. އަދި ފްލައިން ސްކޫލްގެ މައްސަލަ އެކަށީގެންވާ އަވަސް މިނެއްގައި ހައްލު ނުކުރެވޭނަމަ ސްކޫލްގެ އެކައުންޓަބަލް މެނޭޖަރުގެ މަޤާމުގައި ހުރި ޢަލީ އަކުބަރު ޖީވަންޖީ، އެ މަޤާމުގައި ހުރުުމަށް ދޫކޮށްފައިވާ ހުއްދަވެސް އަތުލާނެކަމުގެ އެންމެފަހުގެ އިންޒާރު ސިވިލް އޭވިއޭޝަން އޮތޯރިޓީން ލިޔުމުންދީފައިވާ ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ރައީސްވަނީ ފްލައިން ސްކޫލްގެ ދަރިވަރުންގެ ކިޔެވުން ކުރިއަށްގެންދިޔުމަށް ބީއެމްއެލްއިން ނަގާފައިވާ ލޯނުތަކަށް އިންޓްރެސްޓް އަރަމުން އަންނާތީ އެލޯންތައް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ދަށަށް ބަދަލުކުރައްވާފައެވެ. ބީއެމްއެލްގެ ލޯނު ސްކީމްގެ ދަށުން 15 ކުއްޖަކު އަންނަނީ ފްލައިން ސްކޫލްގައި ކިޔަވަމުންނެވެ. މިދަރިވަރުންގެ ފީގެ މައްސަލަ ބޮޑުވެފައިވާއިރު ކުދިން ކިޔެވުމަށް ނަގާފައިވާ ލޯނު ދައްކަންޖެހޭ މުއްދަތުވެސް ސަރުކާރުންވަނީ މީގެކުރިން އިތުރުކޮށްދެއްވާފައެވެ. އެހެންނަމަވެސް އަދިވެސް މައްސަލަ މުޅިން ހައްލުވެ ކުދިންގެ ކިޔެވުން ނުނިމި ދިގުލައިގެން ގޮސް ކުދިން ނަގާފައިވާ ލޯނުގެ އިންޓްރެސްޓް އަރަމުން އަންނާތީ އެކަން ސަރުކާރުންވަނީ މިހާރު ހައްލުކޮށްދެއްވާފައެވެ. އައްޑޫ ފްލައިން ސްކޫލްގެ މައްސަލަ ދިގުލައިގެން ދިޔުމާ ގުޅިގެން އެކަމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިހުމާލެއް ވޭތޯ ބެލުމަށް މިނިވަން އޮޑިޓެއް ހެދުމަށްވެސް ރައީސުލްޖުމްހޫރިއްޔާވަނީ ނިންމަވާފައެވެ.
އައްޑޫ ސިޓީގައި ހުންނަ އޭޝިޔަން އެކަޑަމީ އޮފް އެއިރޯނޯޓިކްސްގެ ދަރިވަރުންގެ ކިޔެވުމާމެދު ގިނަ ޝަކުވާތަކެއް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާއިރު މައްސަލަ ބަލާފައިވާ އެކި އިދާރާތަކުންވަނީ މިކަމުގައި ގިނަ އިހުމާލުތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ. މި މައްސަލަ ތަޙްޤީޤުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައާއި ގުޅޭ ކޮމިޓީންވަނީ އައްޑުއަށް ގޮސް އެތަނުގެ ވެރިންނާއި ދަރިވަރުންނާއި ވަކިވަކިން ބައްދަލުކުރައްވާފައެވެ. އަދި މައްސަލަ އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ ކޮމިޓީއަށް ސިވިލް އޭވިއޭޝަން މިނިސްޓަރ ޢައިޝަތު ނަހުލާއާއި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހީމް ހަސަންވެސްވަނީ ހާޒިރުކުރައްވާފައެވެ.
އައްޑޫ ފްލައިން ސްކޫލުގައި ކިޔަވަމުންދާ ކުދިންނަށް ހައްލެއް ހޯދާދޭނެކަމަށް ސަރުކާރުން ކުރިން ބުނެފައިވި ނަމަވެސް، މިހާތަނަށްވެސް ފްލައިން ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ނުލިބި އެކުދިން ދަނީ ސޯޝަލް މީޑިއާގައި ޝުއޫރުތައް ފާޅު ކުރަމުންނެވެ.
މިފްލައިން ސްކޫލްގައި ކިޔަވަމުން ދާ ކުދިން، އެކުދިންގެ ކުޔެވުނ ނުނިމި ދިގުލައިގެން ދާ މައްސަލާގައި މީގެކުރިން 86 ދަރިވަރަކު ވަނީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ޕެޓިޝަނެއްވެސް ހުށަހަޅާފައެވެ. އެހެންނަމަވެސް މި ޕެޓިޝަން ހުށަހެޅުމާއި ގުޅިގެން މީގެތެރެއިން ބައެއް ދަރިވަރުން، އެކި ސަބަބުތައް މެދުވެރިކުރުވާ މި ފްލައިން ސްކޫލުން ވަނީ ވަކި ކޮށްފައެވެ.
މިމަހުގެ 11 ވަނަ ދުވަހު ރައިސް ސޯލިހުވަނީ އެކުދިންނަށް ކިޔެވުމުގައި ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށްޓަކާ ބޭންކު އޮފް މޯލްޑިވްސިން ލޯނު ހަމަޖައްސަވާ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެސްކޫލުގެ މައްސަލަތަކާ ގުޅޭގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ކޮށްފައިވާ އޯޑިގައި ފާހަގަ ކޮށްފައި ހުރި މައްސަލަތައް ހައްލު ކޮށްދޭނެކަމަށްވެސް ސަރުކާރުންވަނީ މީގެކުރިން ބުނެފައެވެ.
އަދި ފްލައިން ސްކޫލުގެ މައްސަލަ ހައްލުނުވެ ދިގުލައިގެން ދިއުމުގައި އޮތީ ކޮންބައެއްގެ އިހުމާލެއްތޯ ބެލުމަށް މިނިވަން އޮޑިޓެއް ހެދުމަށްވެސް ނިންމާފައިވާ ކަމަށްވެސް ކުރިން ރައީސް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް މި އޯޑިޓްގެ މަސައްކަތް ގޮސްފައިވާ ހިސާބެއް އަދި ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ