އިޓާލިއަން ލީގުގެ ގަދަ ހަތަރެއްގެ ތެރޭގައި ހިމެނި، އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުން ޔުވެންޓަސް އާއި އޭސީ މިލާން ޖާގަ ހޯދައިފިއެވެ.
ގަދަ ހަތަރެއްގެ ޖާގައެއް ޔުވެންޓަސްއަށް ލިބުނީ ލީގުގައި ރޭ ބޮލޯނިއާ އަތުން 4-1 ގެ ނަތީޖާއަކުން މޮޅުވެ، މީގެ ކުރިން ހަތަރު ވަނައިގައި އޮތް ނާޕޮލީ ވެރޯނާއާ 1-1 ގެ ނަތީޖާއަކުން އެއްވަރުވުމާ ގުޅިގެންނެވެ.
ރޭ ޔުވެންޓަސް މޮޅުވި ނަމަވެސް އެ ޓީމު ޗެމްޕިއަންސް ލީގަށް ނުހޮވި ކެޓުމުގެ ފުރުސަތު އޮތެވެ. އެކަމަކު އެކަން އެގޮތަށް ނުވެ ޔުވެންޓަސް ސަލާމަތްވީ ރޭގެ މެޗްތަކަށް ނުކުތްއިރު ހަތަރުވަނައިގައި ނަޕޯލީ އަށް ވެރޯނާ އާ ދެކޮޅަށް ކުޅުނު މެޗުން ކުރި ނުހޯދުމުންނެވެ.
މި މޮޅާއެކު ތާވަލުގެ ހަތަރުވަނައަށް ޔުވެންޓަސް ޖެހިލީ 78 ޕޮއިންޓާއެކުއެވެ. އަދި ތާވަލުގެ ފަސްވަނައަށް ވެއްޓުނު ނާޕޮލީއަށް ލިބިފައިވަނީ 77 ޕޮއިންޓެވެ.
އޭސީ މިލާނުން އަށް އަހަރު ތެރޭ ފުރަތަަމަ ފަަހަރަށް ޗެމްޕިއަންސް ލީގުގެ ޖާގަ ހޯދީ ލީގުގެ ދެ ވަނައިގެ ގޮތުގައެވެ. އެ ޓީމަށް 79 ޕޮއިންޓް ލިބުނުއިރު، ތިން ވަނަ އަށް ދިޔަ އެޓަލަންޓާގެ އޮތީ 78 ޕޮއިންޓެވެ. ޔުވެންޓަސް އަށް ވެސް 78 ޕޮއިންޓް ލިބުނުއިރު، އެޓަލަންޓާ އަށް ހެޑް ޓު ހެޑު ގަވާއިދުން ކުރި ލިބުނީއެވެ.
މީގެ އިތުރުން މިލާނުން ތާވަލުގެ ދެވަނަ ޔަގީންކުރީ ލީގުގެ ފަހު މެޗުގައި އެޓަލާންޓާ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މޮޅާއެކު އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް މިލާން ހޯދިއިރު، މިއީ 2013-2014 ވަނަ އަހަރުގެ ސީޒަނަށްފަހު މިލާން ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދި ފުރަތަމަ ފަހަރެވެ.