ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވުމަށްފަހު އެޓީމަށް ޖަހައިދިން 100 ވަނަ ލަނޑާއެކު އިޓާލިއަން ލީގުގައި ޔުވެންޓަސް އިން މުހިއްމު މޮޅެއް ހޯދައިފިއެވެ.
ލީގުގައި ރޭ ޔުުވެންޓަސް ނުކުތީ ސަސޫލޯ އާއި ދެކޮޅަށެވެ. ރަށުން ބޭރުގައި ކުޅުނު މި މެޗު ޔުވެންޓަސް އިން ކާމިިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ.
މި މޮޅާއެކު ޔުވެންޓަސް އިން ވަނީ ލީގުގެ ހަތަރު ވަނައިގައި އޮތް ނަޕޮލީ އާއި ޕޮއިންޓަކާއި ގާތް ކޮށްފައެވެ. ލީގުގެ ފަސް ވަނައިގައި މިވަގުތު އޮތް ޔުވެންޓަސް މަސައްކަތްކުރަމުން އަންނަނީ ގަދަ ހަތަރަކުން ޖާގައެއް ޔަގީންކޮށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގައެއް ކަށަވަރުކުރުމަށެވެ. މި މެޗުން ހޯދި ތިން ޕޮއިންޓާއެކު ޔުވެންޓަސް ފަސް ވަނައިގައި އޮތީ 72 ޕޮއިންޓާއެކު އެވެ. ހަތަރު ވަނައިގައި އޮތް ނަޕޯލީއަށް ލިބެނީ 73 ޕޮއިންޓެއެވެ. މި މެޗުން ބަލިވި ސަސޫލޯ އޮތީ 56 ޕޮއިންޓާއެކު 8 ވަނައިގައެވެ.
މި މެޗު ފަށައިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޔުވެންޓަސް އިންނެވެ. މި ލަނޑު މެޗުގެ 28 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އެޑްރިއަން ރަބިއޮޓްއެވެ. އަދި ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑް ވަނީ ދެވަނަ ލަނޑެއް އެޓީމަށް ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްފައެވެ. މިއީ ޔުވެންޓަސްއަށް ބަދަލުވުމަށްފަހު އެޓީމަށް އޭނާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑެއެވެ. މެޗުގެ ސަސޫލޯ އިން ޖެހި ހަމައެކަނި ލަނޑު ދެވަނަ ހާފް ފަށައިގެން 59 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރަސްޕަޑޯރީއެވެ. ނަމަވެސް އޭގެ 7 މިނެޓު ފަހުން ޔުވެންޓަސްއިން ވަނީ އެޓީމުގެ ތިންވަނަ ލަނޑު ޖަހާ އަނެއްކާވެސް ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕައުލޯ ދީބަލާއެވެ. މިއީ ދީބަލާވެސް ޔުވެންޓަސްއަށް ކާމިޔާބުކޮށްދިން 100 ވަނަ ލަނޑެއެވެ.
އިޓާލިއަން ލީގުގައި ޔުވެންޓަސް ދެން ކުޅެން ޖެހޭ މެޗުގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ ނުކުންނަނީ ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައިވަނީ އިންޓަ މިލާނާއި ދެކޮޅަށެވެ.