ޙާލަތު ގޯސްވާއިރު، މޭޔަރު އުޅުއްވަނީ ފިކުރެއްނެތި ކެމްޕެއިންގައި، ބޮޑުވަޒީރަށް ގޯސްވަނީ އެޗްޕީއޭ

ޙާލަތު ގޯސްވާއިރު، މޭޔަރު އުޅުއްވަނީ ފިކުރެއްނެތި ކެމްޕެއިންގައި، ބޮޑުވަޒީރަށް ގޯސްވަނީ އެޗްޕީއޭ

Author
މުޙައްމަދު ޖިމީ
03 މެއި 2021 09:49
0

ކޯވިޑް-19ގައި މާލޭގެ ހާލަތު ގޯސްވަމުންދާއިރުގެވެސް، މާލެ ސިޓީގެ މޭޔަރު ފިކުރެއްނެތި އުޅުއްވަނީ ކެމްޕެއިންގައިކަމަށާއި، ބޮޑުވަޒީރަށްވެސް ގޯސްވަނީ އެޗްޕީއޭކަމަށް ވިދާޅުވެ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި މަޖިލީހު ކުރީގެ ނާއިބު ރައީސް މޫސާ މަނިކު މޭޔަރު ސިފާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މިމަހުގެ29 ގައި އޮންނަ އެމްޑީޕީ ޤައުމީ މަޖިލީހުގެ އިންތިޚާބުގެ ފޯރި ގަދަވެފައިވާއިރު، މާލޭގެ މިހާރުގެ މޭޔަރު ސިފާ މުޙައްމަދު ގެންދަވަނީ އިންތިޚާބުގައި ވާދަކުރައްވަމުންނެވެ. އަދި އެކަމަނާ ގެންދަވަނީ ވަރަށް ފޯރީގައި ކެމްޕެއިންވެސް ކުރައްވަމުންނެވެ. ސިފާ ވާދަކުރައްވަނީ މާލެ ދާއިރާގެ ރައީސްކަމަށެވެ.

މިދުވަސްކޮޅު ކޯވިޑް-19ގެ ޙަލަތު ރާއްޖޭގައި ގޯސްވެ ރޭވެސް އެކޯޑް ޢަދަދަކަށް މީހުން ކޯވިޑަށް ޕޮޒިޓިވްވެފައިވާތީ އެކަމަށް އިޝާރާތްކުރައްވާ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އައްޑޫ ސިޓީގެ މޭޔަރު ހިންގުންތެރިކަމާއެކު ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާކަމަށެވެ. އަދި ރައްޔިތުންވެސް އެފިޔަވަޅުތަކަށް އިޙްތިރާމްކުރައްވާތަން ފެނިގެންދާކަމަށް މޫސާ މަނިކު ވިދާޅުވިއެވެ.

ނަމަވެސް މާލޭގެ މޭޔަރު ސިފާ މުޙައްމަދު މި ސިޓީގެ ކަމަކާއި ނޫޅުއްވާ، ފެނިގެންދަނީ ފިކުރެއްނެތި އިންތިޚާބުގައި އުޅުއްވާ މަންޒަރުކަމަށާއި، އެކަމުގައިވެސް ބޮޑުވަޒީރަށް ގޯސްވަނީ އެޗްޕީއޭކަމަށް، ރައީސް ނަޝީދަށް އިޝާރާތްކުރައްވާ މޫސާ މަނިކު ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑްގެ ޙާލަތު ގޯސްވެފައިވާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް 500އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވެއެވެ. މިގޮތުން މާލެ ސަރަހައްދުން އެކަނިވެސް 276 މީހަކު ޕޮޒިޓިވްވެފައިވާއިރު، އަތޮޅުތަކުންވެސް 185 މީހަކު ޕޮޒިޓިވްވެފައިވެއެވެ. މިގޮތުން އައްޑޫއިންވެސް ޕޮޒިޓިވް ކޭސްތަކެއް ފެނި އައްޑޫގެ ގުޅިފައިވާ ރަށްތައް ވަނީ މޮނިޓަރިންއަށް ލާފައެވެ. އަދި އެ ރަށްތަކުގައި ކޯވިޑުން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އައްޑޫސިޓީ ކައުންސިލުން ވަނީ އަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.